އަލްފާޟިލް ޢަބްދުﷲ މުޙައްމަދު
ގ.ގަލޮޅުފެހި

 

ރާއްޖޭގައި ތިއްބެވި ޢިމާރާތް ކުރުމުގެ ފަންނުވެރިންގެ ތެރެއިން ޢަބްދުﷲ މުޙައްމަދުގެ ނަން ހިމެނެނީ، އެންމެކުރީ ސަފުގައެވެ. ވަޑާން ކުރުމާއި ޢިމާރާތް ކުރުމުގެ މަސައްކަތް ޢަބްދުﷲ މުޙައްމަދު ފެށްޓެވީ، 1976 ވަނަ އަހަރުއެވެ. އެއަހަރު އޭނާ މާލެއިން ބައްލަވައިގަތް ބިމުގައި ހެއްދެވި ގަލޮޅު ގަލޮޅުފެހީގެ ދެބުރި ޢިމާރާތުގެ މަސައްކަތް ފެށްޓެވި ހިސާބުންނެވެ. އޭރު ޢިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން ވަޑާމުގެ މަސައްކަތް، ވަރަށްކުޑަ ގޮތަކަށް އޭނާ ކުރިއަށް ގެންދަވަން ފެށްޓެވިއެވެ. އަދި މީގެއިތުރުން، ބައެއް ގޭގޭގައި ވަޅު ބެހެއްޓުމާއި، ދޮރު ހަރުކުރުމާއި، ފުރާޅު ހިޔާކުރުމާއި، ފަންގިފިލާ އެޅުމާއި، ފާޚާނާ ހަދައިދިނުމާއި، ރޭނުމާއި، ސިމެންތީގެ މަސައްކަތްވެސް ކުރައްވަމުން ގެންދެވިއެވެ. މިމަސައްކަތް ފުރަތަމަ ކުރައްވަމުން ގެންދެވީ، އަމިން ކާރޕެންޓްރީގެ ނަމުގައެވެ. އެހެން ނަމަވެސް، އެދުވަސްވަރު އެފަދަ ތަންތަން ކޮންމެހެން ރަޖިސްޓަރީ ކުރަން ނުޖެހޭތީ، އެގޮތުން މަސައްކަތް ކުރިއަށް ގެންދެވީއެވެ. އޭގެ ތަންކޮޅެއް ފަހުން ރިލައިބަލް އިންޖިނިއަރސްގެ ނަމުގައި ވަރކްޝޮޕެއް ހިންގަވަން ފަށްޓަވައި، ވެލްޑިންގ ކުރުމާއި، ލޭތު ކުރުމާއި، އިންޖީނު މަރާމާތު ކުރުމާއި، މިރޮނގުން ތަފާތު މަސައްކަތްތައްވެސް އެ ވަރކްޝޮޕުން ކުރަމުން ގެންދިޔައެވެ.
 
މަސައްކަތްތައް އިތުރުވެ، ޢިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށްޓަކައި 1983 ވަނައަހަރު ވަޑާންގެއެއް ހުޅުއްވައި، ރިޒޯޓްތަކަށް ބޭނުންވާ ދޮރާއި، ދޮރުފަތާއި، އެކި ސައިޒުގެ ލަކުޑިފަތި ކީހާ، މަށައި، ރިޒޯޓްތަކަށް ސަޕްލައިކޮށް، ގޮނޑިމޭޒު ފަދަ ފަރުނީޗަރު ޖެހުމާއި، މިނޫންވެސް ތަފާތު ބައެއް ތަކެތި ހެއްދެވުމުގެ މަސައްކަތް ފެށްޓެވިއެވެ.
 
އަމިން ކަރޕެންޓްރީ، ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެއްވީ 1989 ވަނަ އަހަރުއެވެ. އަމިން ކަރޕެންޓްރީންވެސް ވަޑާމުގެ އިތުރުން، ޢިމާރާތް ކުރުމާއި، ޢިމާރާތް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރަން ފެށުމާއެކު، މަސައްކަތް އިތުރަށް ފުޅާވެގެންދިޔައެވެ. މާލޭގައި އަމިއްލަ ޢިމާރާތްތައް، ދިގު މުއްދަތަކަށް ނަންގަވައިގެން ހައްދަވަން ފެށްޓެވިއެވެ. ލިބެމުންދާ ޕްރޮޖެކްޓްތަކުގެ ޢަދަދު އިތުރުވެ، މަސައްކަތުގެ ދާއިރާވެސް ފުޅާވެ، މުވައްޒަފުންގެ ޢަދަދުވެސް މިހިސާބުން އިތުރުވެގެންދިޔައެވެ. އަދި ސަރުކާރުގެ މަސައްކަތްތަކަށް ބިޑްކޮށްގެން، ސަރުކާރުގެ ބައެއް ޢިމާރާތްތަކުގެ ކޮންޓްރެކްޓްތައް ލިބި، ކުންފުނީގެ މަސައްކަތްތައް ތަރައްޤީވެގެން ދިޔައެވެ.  މި ކުރިއެރުންތަކާއެކު، އަމިން ކާރޕެންޓްރީގެ ނަން، އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 1997 ވަނަ އަހަރު ބަދަލުކުރެއްވިއެވެ.
 
ޢަބްދުﷲ މުޙަންމަދުގެ ސީދާ ބެއްލެވުމުގެ ދަށުން އަމިން ކޮންސްޓްރަކްޝަން ކުންފުނިން ޢިމާރާތް ކުރުމުގެ މަސައްކަތް ހިންގަމުން ގެންދާއިރު، މަސައްކަތަށް ބޭނުންވާ ވަޑިންނާއި، އެނޫންވެސް ފަންނީ މަސައްކަތްތެރިން، ކުންފުނީގެ ތެރެއިން ކަމުގެ ތަޖުރިބާހުރި މީހުން މެދުވެރިކުރައްވައި، ތަމްރީނު ދެއްވައި، މީހުން ބިނާކުރައްވަމުން ގެންދެވިއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދެވީ، ޒަމާނީ ޓެކްނޯލޮޖީއާއި ވަސީލަތްތަކުގެ ބޭނުންކުރައްވައިގެންނެވެ. ކުންފުނީގެ މުވައްޒަފުންނަށް ރާއްޖެއިން ތަމްރީނު ދެއްވުމުގެ އިތުރުން، ރާއްޖެއިން ބޭރަށް ފޮނުއްވައިގެންވެސް ތަމްރީނު ދެއްވައެވެ. މިގޮތުން، ކުއަންޓިޓީ ސަރވޭގެ ރޮނގުން ބެޗްލަރޒް ޑިގްރީ ހާސިލު ކުރުމަށް މެލޭޝިޔާއަށާއި އިނގިރޭސިވިލާތަށް ކުދިންވަނީ ފޮނުއްވާފައެވެ. އަދި އިންޖިނިއަރުންނާއި، ސުޕަވައިޒަރުންނާއި، އެކައުންޓެންޓުންނާއި، ހިންގުމުގެ ދާއިރާއާއި، މީހުން ބިނާކުރުމުގެ ދާއިރާއިން ތަމްރީނު ހޯދުމަށް ސްރީލަންކާއަށްވެސް ކުދިން ފޮނުއްވާފައިވެއެވެ.
 
ޢަބްދުﷲ މުޙަންމަދުގެ ސީދާ ބެއްލެވުމުގެ ދަށުން އަމިން ކޮންސްޓްރަކްޝަނުން މާލޭގައި ޢިމާރާތް ކުރުމުގެ ވަރަށްގިނަ މަޝްރޫޢުތައްވަނީ ހިންގާފައެވެ. މިގޮތުން، ސްޓެލްކޯގެ ހެޑް އޮފީހާއި، އެސް.ޓީ.އޯ ހެޑްއޮފީހާއި، އެމް.އެމް.އޭ. ޢިމާރާތާއި، ސީޓްރެކްސް ޢިމާރާތާއި، ޕީ.އޭ. ކޮމްޕްލެކްސްއާއި، "ޝީ" ބިލްޑިންގއާއި، ވެލާނާގޭ އޮފީސް ޢިމާރާތާއި، އައި.ޖީ.އެމް.އެޗް.ގެ އާ ޢިމާރާތް ހިމެނެއެވެ. އަދި ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޢިމާރާތުގެ މަސައްކަތްވެސްކުރީ އެ ކުންފުނިންނެވެ. މިއީ، ރާއްޖެއިން ބޭރުގައި ދިވެހިރާއްޖޭގެ ކުންފުންޏަކުން ދިވެއްސަކު އެސްޓިމޭޓް ހުށަހަޅައިގެން، ކާމިޔާބުކުރި ފުރަތަމަ މަޝްރޫޢެވެ. މީގެއިތުރުން، ތިލަދުންމަތީ އުތުރުބުރިން ފެށިގެން އައްޑުއަތޮޅާ ހަމައަށް ކޮންމެ އަތޮޅެއްގައިވެސް ޢިމާރާތް ކުރުމާއި، ބަނދަރު ހެދުމުގެ މަސައްކަތްތައް އެކުންފުނިން ކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން، އަތޮޅުތަކުގެ ބައެއް ސްކޫލްތަކުގެ ޢިމާރާތްތަކާއި، ފުވައްމުލަކު ވައިގެ ބަނދަރާއި، އައްޑުއަތޮޅުގައި ޢިމާރާތް ކުރެވުނު އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. ފުވައްމުލަކުގެ ވައިގެ ބަނދަރާއި، އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ މަސައްކަތަކީ، ކުރު މުއްދަތެއްގެ ތެރޭގައި އެ ކުންފުނިން ކުރި އެންމެބޮޑު ދެ މަސައްކަތެވެ. މިހާރު ކުރަމުންދާ އެންމެބޮޑު މަސައްކަތަކީ، އެސް.ޓީ.އޯ.އިން ހުޅުމާލޭގައި ހަދާ 250 ކޮޓަރި ހިމެނޭ 9 ބުރި ޢިމާރާތުގެ މަސައްކަތެވެ. މީގެއިތުރުން، ރިޒޯޓްތަކުގެ މަސައްކަތްތަކާއި، މާލޭގައި އަމިއްލަ މީސްމީހުންގެ ގިނަ ޢިމާރާތްތަކެއްވެސް، މި ކުންފުނިން ހަދާފައިވެއެވެ.
 
ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުމަށްވެސް ވަރަށްބޮޑު ޙިއްޞާއެއް ޢަބްދުﷲ މުޙައްމަދު އަދާކުރައްވާފައިވެއެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އުފެއްދެވުމުގައި، އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވިއެވެ. އެ ޖަމްޢިއްޔާގެ ރައީސެއްގެ ގޮތުގައި 4 ދައުރު އަދި ނައިބު ރައީސެއްގެގޮތުގައި ދެ ދައުރު ފުރިހަމަކުރައްވާފައިވެއެވެ. ޢަބްދުﷲ މުޙައްމަދަކީ، މިހާރުވެސް "މަސީ"ގެ  އެގްޒެކެޓިވް ބޯޑުގެ މެންބަރެކެވެ.
 
ޢިމާރާތް ކުރުމުގެ ދާއިރާއިން އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 2003 ވަނަ އަހަރުވަނީ، ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ދެއްވާފައެވެ. އަދި މިއަދު މިރޮނގުން އެކުންފުނީގެ މަސްއޫލުވެރިޔާ ޢަބްދުﷲ މުޙަންމަދަށް ޝަރަފުވެރިކަމުގެ އިނާމު މި އެރުވެނީ، މިދިޔަ 36 އަހަރު ދުވަހުގެ ދިގު މުއްދަތުގައި، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް އޭނާ އަމިއްލަފުޅު ގޮތުން ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، އަދި އޭނާ އުފެއްދެވި ކުންފުނިން މިރޮނގުން ކޮށްފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
 
ޢަބްދުﷲ މުޙައްމަދުގެ ޢަޒުމަކީ، މި މަސައްކަތް އިތުރަށް ފުޅާކުރައްވައި، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ތަރައްޤީއަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދެއްވުމެވެ.