އަލްފާޟިލް މުޙައްމަދު ވަޙީދުއްދީން
ހ.ޑީންސްވިލާ

 ވަޙީދުއްދީނަކީ، ރާއްޖޭގައި ޓޫރިޒަމް ފެށުނުތާ ވަރަށް ކުރީކޮޅުއްސުރެ ފެށިގެން ޓޫރިޒަމްގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން މީނާ ފުރަތަމަ މަސައްކަތް ފެށްޓެވީ، ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް މިއަދު، މީނާއަކީ، ރާއްޖޭގައި އޮތް އެންމެބޮޑު އެއް ޓޫރިސްޓް ރިޒޯޓާއެކު 3 ރިޒޯޓް ހިންގަވާ ބޭފުޅެކެވެ. ޓޫރިޒަމްގެ ދާއިރާއިން ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރައްވައި، ޚިދްމަތުގެ ދާއިރާ ފުޅާކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން، ޓޫރިޒަމުން ރާއްޖެއަށް ރަނގަޅު ފައިދާތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްވެސްމެއެވެ. ވަކިން ޚާއްޞަގޮތެއްގައި، މީނާއަކީ، ޓޫރިސްޓް ރިޒޯޓްތަކުގައި ވަޒީފާ އަދާކުރާ ދިވެހިންގެ ފެންވަރު، އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް ގެންދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ.