އަލްފާޟިލާ ސަކީނާ ޢަބްދުﷲ
ފޭރުމާގެ / ރ.ރަސްގެތީމު

 ސަކީނާ ޢަބްދުﷲއަކީ، ފޫޅުމާކަމާއި ދިވެހި ބޭސްވެރިކަން ކުރައްވަމުން ގެންދަވާތާ 28 އަހަރު ވެފައިވާ ބޭކަނބަލެކެވެ. ޢާންމު ގޮތެއްގައި މީނާ ބޭސްކުރައްވަނީ، ވިހެއުމާ ގުޅިގެން ދިމާވާ އެކިއެކި ކަންކަމަށެވެ. އޭގެތެރޭގައި، ވިހައިގެން މަސްތުރަނުވާ މީހުން މަސްތުރަ ކުރުމާއި، ލޭ ފޭބުމާއި، ކުޑަކަމުދިޔުމުގައި މައްސަލަ ޖެހިފައި ތިބޭ އަންހެނުން ކުޑަކަމުދިޔުން ކޮންޓްރޯލް ކުރުމާއި، ބަނޑުގެ ބަލިތަކަށް ބޭސްކުރެއްވުން ހިމެނެއެވެ. އަތޮޅުގެ އެހެން ރަށްރަށުގެ މީހުންނާއި، ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްރަށުގެ މީހުން، ސަކީނާގެ ގާތުން ބޭސްފަރުވާ ހޯދަމުން ގެންދެއެވެ. މިގޮތުން މީނާގެ ގާތުން ފަރުވާ ހޯދަމުންދާ މީހުން، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދެއެވެ. ދުރު ރަށްރަށުން އަންނަ ބަލިމީހުން، ޖާގައޮތް ވަރަކުން ގޭގައި ބައިތިއްބައިގެން ފަރުވާ ދެއްވަމުން ގެންދަވާކަން ވަކިން ފާހަގަކޮށްލެވެއެވެ. ސަކީނާ މި މަސައްކަތް ކުރައްވަމުން ގެންދަވަނީ އުޖޫރައަކާ ނުލައި ހިލޭސާބަހަށް ކަމުގައިވެއެވެ.