އަލްފާޟިލާ އާމިނަތު ޒާހިރާ
މ.ފެންފިޔާޒުގެ

 އާމިނަތު ޒާހިރާއަކީ، 1958 ވަނަ އަހަރުން ފެށިގެން ކިޔަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެއީ މަދްރަސަތުލް އަމަލުގެ ނަމުގައި މަދަރުސާއެއް ރަޖިސްޓްރީ ކުރައްވައިގެންނެވެ. މިމަދަރުސާ ހިންގަވަމުން ގެންދެވީ ތަންތަން ކުއްޔަށް ހިއްޕަވައިގެންނާއި، ބައެއް ބޭފުޅުންގެ އެހީއާއެކު އަމިއްލަފުޅު މަސައްކަތުންނެވެ. ކިޔަވައިދެއްވުމުގެ މަސައްކަތް ފެށްޓެވިއިރު ތިބީ 6 ކުދިންނެވެ. އޭރުއްސުރެ މިއަދާ ހަމައަށް ގާތްގަނޑަކަށް 1500 ކުދިން  އެމަދަރުސާއިން ތައުލީމް ޙާޞިލުކޮށްފައިވެއެވެ. މި މަދަރުސާއިން ތަޢުލީމް ޙާޞިލުކުރެއްވި ދަރިވަރުންގެ ތެރެއިން ބައެއް ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކުގައިވެސް އެބަތިއްބެވިއެވެ. މިމަދަރުސާއިން މިހާރު ތަޢުލީމު ޙާޞިލު ކުރަމުން ގެންދަނީ ތަފާތު ފެންވަރުގެ ކުދިން، އެކުއްޖަކު ބޭނުންވާ ރޮނގަކުން ކުރިޔަށް ދެވޭނެ ގޮތަށެވެ.

އާމިނަތު ޒާހިރާ ކިޔަވައިދެއްވުމުގެ އިތުރަށް، ކުޑަކުދިންނަށްޓަކައި "މޭވާ" ގެ ނަމުގައި މަޖައްލާއެއްވެސް ނެރުއްވަމުން ގެންދަވައެވެ. އަދި ޢަރަބިބަހާއި އުރުދޫބަސް ދަސްކުރެއްވުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.