އަލްފާޟިލް އިބްރާހީމްދީދީ
ބަގީޗާގެ / ޏ.ފުވައްމުލައް

 އިބްރާހީމްދީދީ، ކުޑަކުދިންނަށް ޤުރްއާން ކިޔަވައިދެއްވުމުގެ މަސައްކަތް ފެށްޓެވީ އުމުރުން 16 އަހަރުގައެވެ. ފުރަތަމަ މި މަސައްކަތް ފެށްޓެވިއިރު ކިޔަވައިދެއްވީ ރަޖިސްޓަރީ ކުރައްވައިގެން ނޫން ކަމަށްވިޔަސް މިހާރު ކިޔަވައިދެއްވަނީ ކުލާހެއް ރަޖިސްޓަރީ ކުރައްވައިގެންނެވެ. މިކަމަށްޓަކައި މީނާގެ ގޯތީގައި ޚާއްޞަ ތަނެއް އަޅުއްވައިގެންނެވެ. 1970ގެ ކުރީކޮޅު، ސަނަދު ނެތް މީހުން ކިޔަވައިދިނުން ސަރުކާރުން މަނާކުރެއްވުމާ ގުޅިގެން، މީނާ މާލެދުރުވެ ޤުރްއާން ކިޔަވައިދިނުމުގެ ސަނަދު ނަންގަވާފައިވެއެވެ. އިބްރާހީމްދީދީ ކިޔަވައިދެއްވުމުގައި ވޮށުފިލާ އަޅައިގެންނާއި، ފިލާ ލިޔެދީގެން އަދި ފިލާވަޅު ލިޔެދީގެން ކިޔަވައިދެއްވާފައިވެއެވެ. ކިޔަވައިދެއްވުމުގައި ހޭދަކުރެއްވި 51 އަހަރުގެ ތެރޭގައި ބައެއްފަހަރު 200 ކުދިންނަށް އަދި ކުދިން އެންމެ މަދުވާއިރުވެސް 40 ކުދިންނަށް ކިޔަވައިދެއްވާ ކަމަށް ބުނުއްވައެވެ. ކިޔަވައިދެއްވުމުގެ މަސައްކަތް މީނާ ކުރައްވަނީ ކުދިންގެ އަތުން ފީއެއް ނެންގެވުމަކާނުލައި ހިލޭ ކޮށްދެއްވާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ކުދިންގެ ބެލެނިވެރިން ދެއްވާ ހަދިޔާ ޤަބޫލުކުރައްވާ ކަމަށް ބުނުއްވައެވެ.