އަލްފާޟިލް އަޙްމަދު ޢުމަރު މަނިކު
މ. އިރުފުހޭގެ

އަޙްމަދު ޢުމަރު މަނިކަކީ ރާއްޖޭގެ އެންމެބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވަރސަލް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ މެނެޖިންގ ޑިރެކްޓަރެވެ. މި ކުންފުނިން ހިންގަވާ 8 ރިޒޯޓްގައި 1600 އެނދު ހުރެއެވެ. އަދި ޔުނިވަރސަލް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ އެއް ޑިރެކްޓަރެވެ. މި ކުންފުނީގެ އިންވެސްޓްމަންޓްގެ ތިންބައިކުޅަ އެއްބަޔަކީ އަޙްމަދު ޢުމަރު މަނިކުގެ އިންވެސްޓްމަންޓެވެ.

1979 ގައި ހުޅުވުނު ނަކައްޗާފުށި ރިޒޯޓް، ރިޒޯޓަކަށް ހެއްދެވުމުގެ މަސައްކަތުގަޔާއި، ޑިޒައިން ކުރުމުގައި މީނާ ދެއްވި ލަފަޔާއި ޚިޔާލު ވަރަށް ބޮޑަށް ބޭނުންކޮށްފައިވެއެވެ. އަދި މި ރިޒޯޓް ހިންގުމުގެ ސްޓްރަކްޗަރ އޯގަނައިޒް ކުރައްވާފައިވަނީ މީނާ އަމިއްލަފުޅަށެވެ. ރިޒޯޓް ހިންގަވައިގެން ލިބިވަޑައިގެންނެވި އެއްޗަކުންނާއި، އިންވެސްޓަރެއްގެ ހައިސިއްޔަތުން އަމިއްލަފުޅަށް ޚަރަދު ކުރައްވައިގެން ދެފަހަރެއްގެ މަތިން މި ރިޒޯޓްގެ ފެންވަރު މަތިކުރެއްވުމުގެ މަސައްކަތް މީނާ ކުރައްވާފައިވެއެވެ.