އަލްފާޟިލް އިބްރާހީމް އާދަމް
އިރުދޭމާގެ/ވ. ފެލިދޫ

ޘަޤާފީ ކުޅިވަރު ކުޅުއްވަން ފެށްޓެވީ ގާތްގަނޑަކަށް 1944 ވަނަ އަހަރު ޢުމުރުން 16 އަހަރުގައެވެ. އޭރު އޮންނަނީ ދަމުލަވަ ކިޔުމާއި، ބޮޑުބެރުޖެހުމެވެ. އޭގެފަހުން ތާރަ ޖައްސަވަން ފެށްޓެވިއެވެ. 1953 ވަނަ އަހަރުގެ ތެރޭގައި މާލޭން މީހަކު ގެންދަވައިގެން ލަނގިރިއާއި ގާއޮޑިލަވައަށް ނަށްޓަވަން ދަސްކުރެއްވިއެވެ. މިހިސާބުން ފެށިގެން ކުޅިވަރު ކުޅުއްވަމުން މިކަމުގައި އިސްވެ އުޅުއްވާ ބޭކަލެއްގެ ބައި ކުޅުއްވަން ފެށްޓެވިއެވެ. އަދި އެކި ތަންތަނުން މިކުޅިވަރުތަކުގެ މާހިރުން ގެންނަވައިގެން އަމިއްލައަށް ޚަރަދު ކުރައްވައިގެން މީސްމީހުންނަށް މިކުޅިވަރުތައް ދަސްކޮށްދެއްވާފައިވެއެވެ.

މިހާރު މިކުޅިވަރުތައް ކުޅެމުން ގެންދަނީ އިބްރާހީމް އާދަމް އިސްމީހަކަށް ހުންނަވައިގެން ހިނގަމުންދާ ފެލިދޫގެ އެކުވެރިންގެ ކްލަބްގެ ފަރާތުންނެވެ. މިކްލަބްގެ ފަރާތުން މިދެންނެވި ކުޅިވަރުތައް ކުރިއަށް ގެންދެވުމާއި، ކުދިންނަށް މިކުޅިވަރުތައް ދަސްކޮށްދެއްވަމުން ގެންދަވައެވެ. މިކްލަބްގައި މިހާރު މި ކުޅިވަރު ކުޅޭ ހުރިހާ މީހުންނަކީވެސް މީނާގެ ދަރިވަރުންނެވެ. މީގެތެރޭގައި، މީނާގެ 6 ފިރިހެން ދަރިންނާއި ކާފަދަރިންވެސް ހިމެނެއެވެ. ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން އިބްރާހީމް އާދަމް އިސްވެ ހުންނަވައިގެން މާލޭގައިވެސް ޘަޤާފީ ކުޅިވަރުތައް ކުޅުއްވާފައިވެއެވެ. އަދި ދެފަހަރެއްގެ މަތިން ރާއްޖެއިން ބޭރުގައިވެސް މިކުޅިވަރުތައް ތަމްސީލުކޮށްދެއްވާފައިވެއެވެ.