ޑޮކްޓަރ ނާއިލާ އިބްރާހީމްދީދީ
ގ. ފެއިތް

ޑޮކްޓަރ ނާއިލާ އިބްރާހީމްދީދީގެ ޞިއްޙީ ޚިދްމަތް ފަށްޓަވާފައިވަނީ 1976 ވަނަ އަހަރުއެވެ. ގާތްގަނޑަކަށް 1/2 2 އަހަރުގެ ޚިދްމަތަށްފަހު ކިޔަވައި ވިދާޅުވުމަށް އިންޑިޔާއަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގެން، އަލުން ޚިދްމަތް ފެށްޓެވީ 1981 ގައެވެ. މިފަހަރު ޚިދްމަތް ކުރައްވަން ފެށްޓެވީ، އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްގެ ގޮތުންނެވެ. މި ރޮނގުން ޑޮކްޓަރ ނާއިލާގެ ޚިދްމަތް ފެށްޓެވުމުން، ރާއްޖޭގެ އަންހެނުންނަށް، އެމީހުންގެ ބަލިތަކާ ބެހޭގޮތުން އަމިއްލަ ބަހުން ވާހަކަ ދައްކާ ޑޮކްޓަރަކާ މަޝްވަރާ ކުރުމުގެ ފުރްޞަތު ލިބިގެންދިޔައެވެ. ދާދި ފަހަކާޖެހެންދެންވެސް މިރޮނގުން ޚިދްމަތް ދެއްވުމަށް ރާއްޖޭގައި ދިވެއްސަކަށް ހުންނެވީ ނާއިލާ ކަމަށްވުމުން، މީނާގެ ޚިދްމަތް ގިނަ ބަޔަކަށް ފޯރުކޮށްދެއްވާފައިވެއެވެ. ހޮސްޕިޓަލްގަޔާއި، އަމިއްލަ ކްލިނިކްގައި. ރާއްޖޭގައި ދެވޭ ޞިއްޙީ ފަރުވާ ޒަމާނާ ގުޅޭގޮތަށް ބަދަލުކުރެއްވުމަށް މީނާ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވެއެވެ.

މިގޮތުން، އަލްޓްރާ ސައުންޑް ސްކޭނިންގގެ ޚިދްމަތް ރާއްޖެއަށް ތަޢާރުފުކޮށްދެއްވައި، އޭގެ ޚިދްމަތް ސެންޓްރަލް ހޮސްޕިޓަލްގަޔާއި، އަމިއްލަ ކްލިނިކްގައި ދެއްވަމުން ގެންދެވުން ހިމެނެއެވެ. މީނާ ހޮސްޕިޓަލްގައި އަދާކުރައްވާ ވަޒީފާގެ އިތުރުން، 1989 ގައި އެހެން ވަޒީފާއެއް ލިބިވަޑައިގެންނެވި ފަހުން ޞިއްޙީ ސަބަބަކާހުރެ ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަންނަވަންދެންވެސް ހޮސްޕިޓަލްގައި ކުރައްވަމުން ގެންދެވި ޚިދްމަތަކަށް އެއްވެސް ބަދަލެއް ނުގެންނަވައެވެ.