އަލްފާޟިލް އާދަމް ޢަލީ
މ. ރަތްމަންދޫ ހަނދުވަރީގެ

 

އާދަމް ޢަލީ ނުވަތަ އޭނާ އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވާ ނަމުން ދަންނަވާނަމަ، ރަތްމަންދޫ އާދަމްބެއަކީ، ދިވެހި ބޭސްވެރިކަމުގެ ތެރޭގައި، މިހާރު އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ބޭސްވެރިކަމުގެ ޚިދްމަތުގައި 60 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާއިރު، އޭނާވަނީ ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރައްވާފައެވެ.
 
އާދަމް ޢަލީއަށްވެސް ބޭސްވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގެންނެވުނީ، އޭނާގެ ޢާއިލާއަކީ ދިވެހި ބޭސްވެރިކަމުގެ ޢާއިލާއަކަށްވެފައި، ޢާއިލާގެ ތެރެއިން ވާރުތަވަމުން އައި މަސައްކަތަކަށްވާތީއެވެ. އޭނާގެ ބައްޕައާއެކު ބޭސްވެރިކަމުގެ މަސައްކަތް ފެށްޓެވީ ޢުމުރުން އެންމެ 14 އަހަރުގައެވެ. ބައްޕަ ބޭސްކުރައްވާ މީހުންގެ ތެރެއިން ލޮލުގެ ފަރުވާއަށް އަންނަ ބަލިމީހުންނަށް ބޭސްގަނޑު އަޅަން ބައްޕަ ހަވާލުކުރައްވަނީ، އާދަމްބެއާއެވެ. އޭރު އާދަމްބެ އިސްކޮޅުން ކުޑަކަމާއެކު، މީހުންގެ ލޮލުގައި ބޭސްގަނޑު އަޅުއްވަމުން ގެންދެވީ، ގޮނޑިއެއް ބަހައްޓަވައިގެން އެއަށް އަރުއްވައިގެންނެވެ. އެ ހަނދާންތައް އާދަމްބެ ހިތްޕުޅުގައި މިހާރުވެސް އާވެ އާލާވަމުންދެއެވެ.
 
ބޭސްވެރިކަމުގެ މަސައްކަތް ފެށްޓެވި ދުވަސްވަރަކީ، ބޭސްކުރުމުގެ މާގިނަ ވަސީލަތްތަކެއް ނެތް ދުވަސްވަރަކަށްވާތީ، އޭރު ހުރިހާ ބަލިތަކަށްވެސް ބޭސްކުރައްވަމުން ގެންދެވިއެވެ. މައިގަނޑު ގޮތެއްގައި އާދަމް ޢަލީ ކުރައްވަމުން ގެންދަވަނީ، ރުއްގަލު ބޭހެވެ. ދެން އެންމެ ގިނައިން ކުރައްވަނީ، ލޮލުބޭހެވެ. އޭގެއިތުރުންވެސް، ގިނަ ބަލިތަކަކަށް ފަރުވާކުރައްވައެވެ.
 
އާދަމް ޢަލީ ޢާންމު ގޮތެއްގައި މީހުންނަށް ފަރުވާދެއްވަނީ، އޭނާގެ އުފަން ރަށް ރަތްމަންދޫގައެވެ. ރާއްޖޭގެ ހުރިހާ ހިސާބަކުން، އުތުރުންނާއި ދެކުނުން ގިނަ ޢަދަދެއްގެ މީހުން ބޭސްފަރުވާ ހޯދުމަށް އަންނަމުންދެއެވެ. ބޭސްކުރުމަށް އެންމެ ގިނައިން މީހުން އަންނަނީ، އަހަރުގެ ތެރޭގައި ލިބޭ އެކިއެކި ބަންދު ދުވަސްތަކާ ދިމާވާ ގޮތަށެވެ. މިހާތަނަށް ހައެއްކަހާސް މީހުންނަށް އެކިބަލިތަކަށް ފަރުވާދެއްވާފައިވެއެވެ. އެންމެ ބޮޑަށް ދަތިވާ އެއްކަމަކީ، ބޭސްކުރުމަށް އަންނަ މީހުން ތިބޭނެ ތަންތަން ނުހުންނާތީ ދިމާވާ ދަތިތަކެވެ. މިކަމުގައި ރަށުގެ ރައްޔިތުންގެ އެހީތެރިކަން އޭނާއަށް ވަރަށް ބޮޑަށް ލިބިވަޑައިގަންނަވައެވެ. އަދި ބޭސް ތައްޔާރު ކުރުމުގެ މަސައްކަތުގައިވެސް ގިނަ ބައެއްގެ އެހީތެރިކަން އޭނާއަށް ލިބިވަޑައިގަންނަވައެވެ. ބޭސްކުރެއްވުމުގެ މަސައްކަތް ހެނދުނު ފަށްޓަވާ ގޮތަށް ހަވީރު 5 ޖަހަންދެން މިހާރުވެސް ގަވާއިދުން ކުރައްވަމުން ގެންދަވައެވެ. ކޮންމެ ބައްޔެއްގެ މީހަކު އައި ކަމުގައިވިޔަސް، ނުވާނެކަމަށް ވިދާޅުވެ، އެއްވެސް މީހަކު ދޫކޮށްލައްވާފައެއް ނުވެއެވެ.
 
ތަނެއް ބިންދައިގެން ދިޔުމަކީވެސް ވަރަށްގިނަ ބަޔަކު ފިކުރު ބޮޑުވެ، ހާސްވާ ކަމެއް ކަމާއި، މި ނުތަނަވަސްކަން އެކި މީހުންގެ މޫނުމަތިން އާދަމްބެއަށް ވަރަށް ގިނައިން ފެނިވަޑައިގަންނަވައެވެ. ނަމަވެސް، ތަނެއް ބިންދައިގެން ގޮސްގެން ބޭސްކުރެއްވުމަކީ، އާދަމްބެއަށް ވަރަށް ފަސޭހަ ކަމެކެވެ. އެކަމުގެ ހިތްވަރު ބަލިމީހުންނަށް އޭނާ އަބަދުވެސް ދެއްވަމުން ގެންދަވައެވެ.
 
އާދަމް ޢަލީ ބޭސްކުރެއްވި މީހުންގެ ތެރެއިން، ދޯނި އެހެލުމުގެ މަސައްކަތެއްގައި އުޅެނިކޮށް، ދޯނި ދަށުވެ، ބުރަކަށިން ތިންހަތަރުބަދަ ބިންދައިގެންދިޔަ މީހަކަށް ފަރުވާކުރައްވައި، ރަނގަޅު ކުރެއްވިކަން އެއީ ބޭސްވެރިކަމުގެ މަސައްކަތުގައި ކުރެއްވި އެންމެ ކާމިޔާބު ތަޖުރިބާއެވެ. މިދެންނެވި މީހާއަށް ވެފައިވާވަރު، އޭރު ފެނުނު ގިނަ ބަޔަކު، އޭނާއާ ދޭތެރޭ މުޅިން އުންމީދު ކަނޑާލި ނަމަވެސް، ﷲގެ ހެޔޮ ރަޙްމަތްފުޅުން އެ ބަލިމީހާ ފަސޭހަކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީން ކަމުގައި މަސައްކަތް ފަށްޓަވައި، އޭނާ ފަސޭހަކުރެއްވިއެވެ. ޤައުމީ އިނާމު ކޮމިޓީގެ ބޭފުޅުން ވަނީ މިދެންނެވި މީހާއާވެސް ބައްދަލުކުރައްވާފައެވެ. 
 
އާދަމްބެ އަބަދުވެސް ބޭސްކުރައްވަނީ، ހިލޭ ސާބަހަށް ކުރައްވާ ކަމެއްގެ ގޮތުގައެވެ. ވަކި އަގެއް ކިޔުއްވައިގެނެއް ނޫނެވެ. އަދި ބޭހަށްވެސް ވަކި އަގެއް ނަންގަވައިގެނެއްނޫނެވެ.
 
ދިވެހިބޭސްވެރިކަން ރާއްޖެއިން އުވި ނެތިގެންދާ ދުވަހެއް ދެކެވަޑައިގަންނަވަން އާދަމް ޢަލީ ބޭނުންފުޅެއް ނުވެއެވެ. އާދަމް ޢަލީގެ ތިން ފިރިހެން ކުދިންނަށާއި، އަންހެން ކުއްޖަކަށްވަނީ މިމަސައްކަތް ވަރަށް ރަނގަޅަށް ދަސްކޮށްދެއްވާފައެވެ. ބޭހުގެ މަސައްކަތުގައި އެކުދިން މިހާރުވެސް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. އަދި އާދަމް ޢަލީ ރަށުގައި ނޫޅުއްވާ ދުވަސްވަރު، ބޭހުގެ ހުރިހާ ކަމެއްވެސް ބަލަހައްޓަނީ އެކުދިންނެވެ. މީގެއިތުރުން، ދިވެހިބޭސްވެރިކަން ދަސްކުރަން އަންނަ މީހުންނަށްވެސް ހިލޭ ސާބަހަށް ބޭސްވެރިކަން ދަސްކޮށްދެއްވަމުން ގެންދަވައެވެ.
 
ދިވެހި ބޭސްވެރިކަމުގެ ރޮނގުން ޢާންމު ޚިދްމަތަށް ހިތްވަރު ދިނުމުގެ އިނާމު، 1996 ވަނަ އަހަރު އާދަމް ޢަލީއަށްވަނީ، ލިބިވަޑައިގެންފައެވެ.
 
އާދަމް ޢަލީއަކީ، 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށްވެސް ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރަތްމަންދޫ ކުޑަކަތީބުކަމާއި، މ. އަތޮޅު އޮފީހުގެ އެހީތެރިކަން އޭނާ ކުރައްވާފައިވެއެވެ. ރަތްމަންދޫ ކުޑަކަތީބުކަން 40 އަހަރު ވަންދެން ކުރައްވާފައި ވެއެވެ.