ޑޮކްޓަރ މުޙައްމަދު ޢާދިލް
ޑެއިޒީމާގެ / ގއ. ދާންދޫ

މި އިނާމު މި އެރުވެނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޝެފީލްޑުން 2015 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލު ކުރައްވާފައިވާތީއާއި، ޕީ.އެޗް.ޑީ އަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވާފައިވާ ތަފާތު 6 އާޓިކަލެއް ބައިނަލްއަޤްވާމީ އެކި ޖަރނަލްތަކުގައާއި ކޮންފަރެންސްތަކުގައި ޝާއިޢު ކޮށްފައިވާތީއެވެ.

ޑޮކްޓަރ މުޙައްމަދު ޢާދިލު ޕީ.އެޗް.ޑީއަށް ކުރެއްވި ދިރާސާއަކީ، ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅޭ ޕްރޮކިއުމަންޓް ބިޑްތައް ބަލައި، ވަޒަންކޮށް، އެންމެ ކަމުދާ ފަރާތެއް ކަނޑައަޅަން ހިސާބުކުރާނެ ފުރިހަމަގޮތެއް ހޯދުމަށް ކުރެއްވި ދިރާސާއެކެވެ.

މި ދިރާސާ ކުރައްވައި ލިޔުއްވާފައިވާ އާޓިކަލްތަކުގެ ތެރޭގައި، ޕްރޮކިއުމަންޓް ބިޑްތައް ހިސާބުކުރެވިދާނެ ތަފާތު ގޮތްގޮތާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބިޑްތައް ހިސާބުކުރެވިދާނެ ގޮތްގޮތާއި، ޕްރޮކިއުމަންޓްގައި ޢަމަލީގޮތުން ބަލަންޖެހޭނެ ކަންތައްތަކާއި އަދި ބިޑްތައް ވަޒަންކޮށް، ހިސާބުކުރެވިދާނެ ތަފާތު ގޮތްގޮތުގެ ތެރެއިން އެންމެ ކަމުދާގޮތް ބަލާނެ މިންގަނޑުތަކާބެހޭ އާޓިކަލްތައް ހިމެނެއެވެ.

ޑޮކްޓަރ މުޙައްމަދު ޢާދިލުގެ އާޓިކަލްތައް ޝާއިޢުކޮށްފައިވާ ޖަރނަލްތަކުގެ ތެރޭގައި، ޖަރނަލް އޮފް އިންފޮމޭޝަން ސިސްޓަމްސް އެންޑް ޓެކްނޮލޮޖީ މެނޭޖްމަންޓް، އިންޓަރނޭޝަނަލް ޖަރނަލް އޮފް މަލްޓިޕްލް ރިސަރޗް އެޕްރޯޗަސް އަދި އިންޓަރނޭޝަނަލް ޖަރނަލް އޮފް ސްމޯލް އިކޮނޮމީސް ހިމެނެއެވެ.

ޑޮކްޓަރ މުޙައްމަދު ޢާދިލު މިހާރު ހުންނެވީ، ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އިނޮވޭޝަންގެ އެގްޒެކެޓިވް ޑީން ކަމުގެ މަގާމުގައެވެ.