އަލްމަރްޙޫމް އަޙްމަދު ނާޝިދު
ގ.އަލިފުށީގެ

ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، އެބޭފުޅެއްގެ ހަނދާނަށް އެރުވޭ ބޭފުޅަކީ، ލަވަ ވިދާޅުވުމާއި، މިޔުޒިކު ކުޅުއްވުމުގެ ރޮނގުން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އަދި ދިވެހިވަންތަ މިޔުޒިކަށް ބޮޑު އިންޤިލާބެއް ގެންނެވި ބޭފުޅެކެވެ.

ގަލޮޅު އަލިފުށީގޭ އަލްމަރްޙޫމް އަޙްމަދު ނާޝިދު، މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމަކީ، ރާއްޖޭގެ މިޔުޒިކުގެ ދާއިރާއަށް، ޚާއްޞަކޮށް، ދިވެހިވަންތަ މިޔުޒިކަށް ވަރަށްބޮޑު އުނިކަމަކާއި ހީނަރުކަމެއް ލިބިގެންދިޔަ ކަމެކެވެ. ނާޝިދު މި ދުނިޔެ ދޫކުރެއްވުމަކީ، ރާއްޖޭގެ މިޔުޒިކީ ފަންނާނުންނަށާއި، ޚާއްޞަކޮށް، ޒުވާނުންނަށާއި، މިޔުޒިކަށް ލޯބިކުރާ އެތައް ބަޔަކަށް ފުން އިޙްސާސްތަކެއް ކުރިމަތިކުރުވި ކަމެއްމެއެވެ.

މަރްޙޫމް އަޙްމަދު ނާޝިދު މިޔުޒިކުގެ ދާއިރާއަށް ވެދެވަޑައިގަތީ، މަޖީދިއްޔާ ސްކޫލްގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރުގައެވެ. މަޖީދިއްޔާ ސްކޫލްގެ ބޭންޑުގައި ތަފާތު އިންސްޓްރޫމަންޓްތައް އޭނާ ކުޅުއްވިއެވެ. އޭރުއްސުރެ ނާޝިދު ފާހަގަކުރެވެމުން އައިސްފައިވަނީ މިޔުޒިކުގެ ދާއިރާއަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވާ ބޭފުޅެއްގެ ގޮތުގައެވެ. މަދްރަސީ ދައުރު ނިންމެވުމަށްފަހު، 1981 ވަނަ އަހަރު މިޔުޒިކުގެ ދާއިރާއަށް ޢަމަލީގޮތުން އޭނާ ވެދެވަޑައިގެންނެވިއެވެ.

ރާއްޖޭގެ މިޔުޒިކީ ފަންނާނުން ގަބޫލުކުރައްވާ ގޮތުގައި، ނާޝިދަކީ ރާއްޖޭގެ މިޔުޒިކަށް އާދަޔާޚިލާފު ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެކެވެ. ނާޝިދު ވިދާޅުވެފައިވާ ލަވަތަކުގެ ތެރެއިން 1986 ވަނަ އަހަރު ނުކުތް [ރީތި ހަނދުވަރު] މި ލަވަޔާއެކު ނާޝިދު އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެގެންދިޔައެވެ. އެއަށްފަހު، 1987 ވަނަ އަހަރު [ޒީރޯ ޑިގްރީ އެޓޮލް ބޭންޑު] އުފެދުނު ހިސާބުން ފެށިގެން ނާޝިދުގެ މިޔުޒިކީ ޙަޔާތަށް ބޮޑު ބަދަލުތަކެއް އައިތަން ފެނިގެންދިޔައެވެ. 1990 ވަނަ އަހަރު އެ ބޭންޑުން ނެރުނު [ދޯނި] އަލްބަމް ވެގެންދިޔައީ ރާއްޖޭގެ އެތައް ބައެއްގެ ތަރުޙީބު ލިބިގެންދިޔަ އަލްބަމަކަށެވެ. އަލްބަމްގެ 10 ލަވަ އުފެއްދުމަށްޓަކައި އެ ބޭންޑުގެ މެންބަރުން އެކި ރަށްރަށަށް ދަތުރުކުރައްވައި، ޤުދުރަތީ އަޑުތަކާއި، މަސައްކަތްތެރިކަމާއި، އާދަކާދައިގެ އަޑުތައް ރެކޯޑު ކުރައްވައިގެން، އެ އަލްބަމްގެ ލަވަތައް ހައްދަވާފައިވަނީ، މި އަޑުތަކުން އުފެއްދި މިޔުޒިކުގެ މައްޗަށެވެ. އަލްބަމްގެ ގިނަ ލަވަތައް ވިދާޅުވެފައިވަނީވެސް ނާޝިދެވެ.

ނާޝިދަކީ، ބޭރުގެ އިންސްޓްރޫމަންޓްގައި ނުވަތަ ބޭރުގެ އެއްޗެތީގައި ދިވެހި މިޔުޒިކު ކުޅެ، ދިވެހި ގޮތްތަކެއް މިޔުޒިކަށް ގެންނެވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، ރާގު ހައްދަވައި، ލަވަ ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. މިޔުޒިކުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1990 ވަނަ އަހަރު ނާޝިދަށް ވަނީ ސަރުކާރުން އަރުވާފައެވެ.

ނާޝިދު ވަނީ ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައިވެސް މިޔުޒިކު ޝޯތައް ހުށަހަޅުއްވައިދެއްވާފައެވެ. 2003 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނިއުޔޯކްގެ މެޑިސަން ސްކްއަރގައި ބޭއްވުނު [ނިއުޔޯކް އިންޓަރނޭޝަނަލް މިއުޒިކު ފެސްޓިވަލް]ގެ ބްލޫޒް ކެޓަގަރީން ފަޚްރުވެރި 1 ވަނަ އޭނާ ހޯއްދަވާފައިވެއެވެ. މި އެވޯޑު އޭނާ ހޯއްދެވީ މި ފެސްޓިވަލަށް ހުށަހެޅުއްވި [ބާރޑް އިން ފްލައިޓް] އަލްބަމްގެ ލަވަތައް ވިދާޅުވެ، އެމެރިކާގެ ކުޅަދާނަ އެތައް ބްލޫޒް ފަންނާނުންނަކާ ވާދަކުރައްވައިގެންނެވެ. މިއީ މި އަލްބަމަށް ބައިނަލްއަޤްވާމީ ގޮތުން ލިބިފައިވާ ތިން އެވޯޑުންކުރެ އެންމެމަތީ އެވޯޑެވެ.

ނާޝިދު މި ދުނިޔެ ދޫކުރެއްވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހުގައެވެ. ނާޝިދު އާލާސްކަންފުޅާ އުޅުއްވިއިރުވެސް ރާއްޖޭގެ އެތައް ބަޔަކު، ޚާއްޞަކޮށް، މިޔުޒިކީ ފަންނާނުން ނާޝިދަށް ހިތްވަރު ދެއްވިއެވެ. އަދި ނާޝިދަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުއްވަމުން ގެންދެވިއެވެ. ނާޝިދުގެ ބައްޔަށް ފަރުވާކުރުމަށް ފައިސާ ހޯއްދަވައިދެއްވުމުގެ ގޮތުން ރާއްޖޭގެ މިޔުޒިކީ ފަންނާނުން ޝޯތައް ބާއްވަމުން ގެންދިޔައެވެ. އެންމެފަހުން ނާޝިދު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، މިއަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުގެރޭ އޮލިމްޕަހުގައި ބޭއްވުނު [އަ ޓްރިބިއުޓް ޓު ނާޝިދު] މި ޝޯއިންނެވެ. އެ ބަލި ޙާލަތުގައިވެސް އެ ޝޯ ބައްލަވަން އޭނާ ވަޑައިގެންނެވިއެވެ. ނާޝިދުގެ ހިތްޕުޅުގައި މިޔުޒިކަށް އުފެދިފައިވާ ލޯބި، އޭނާގެ މޫނުމަތިން އެރޭވެސް ފެނިގެންދިޔައެވެ.

ނާޝިދު މި ދުނިޔެ ދޫކުރެއްވިއިރު [ޖާރނީ]ގެ ނަމުގައި އަލްބަމެއް ރެކޯޑު ކުރެއްވުމުގެ މަސައްކަތް ކުރައްވައި ވަނީ ނިންމަވާފައެވެ.

ނާޝިދަށް ލިބިވަޑައިގެންފައިވަނީ ދެ ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ. ފިރިހެން ބޭފުޅުންގެ ތެރެއިން 1 ބޭފުޅަކު ވަނީ މިދުނިޔެ ދޫކުރައްވާފައެވެ. ނާޝިދުގެ އަންހެން ބޭފުޅުންގެ ތެރެއިން އާމިނަތު ނިޝްފާ ނާޝިދަކީ، މިހާރު އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. ވަރަށްގިނަ ރިޒޯޓްތަކުގައި އޭނާ ޝޯ ހުށަހަޅުއްވަމުން ގެންދަވައެވެ. ނިޝްފާގެ އުންމީދަކީ، އޭނާގެ ލޮބުވެތި ބައްޕަ ރާއްޖޭގެ މިޔުޒިކަށް، ޚާއްޞަކޮށް، ދިވެހިވަންތަ މިއުޒިކަށް އެ ބެހެއްޓެވި ލޯތްބާއި އަހަންމިއްޔަތު ވަޒަންކުރައްވައި، އެ ރޮނގުގައި ކުރިއަށް ވަޑައިގަތުމެވެ.

ނާޝިދު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވިކަމުގައިވިޔަސް، އޭނާގެ ހަނދާންތައް އަޅުގަނޑުމެންނަކާ ވަތްކެއް ނުވެއެވެ. އެއީ، އާދަޔާޚިލާފު މިޔުޒިކީ ފަންނާނެކެވެ.

[އޮއްސިގެންދިޔައީ މިޤައުމުން ހާދަ އަލިގަދަ ތަރިއެކޭ
         ގޮސްފިލައިގެން ތިޔަހަނދާން ދުވަހަކުނުދާނޭ ދަރިއެކޭ
އެންމެނަށް ކަމުދާނެހެން ދިވެހިންގެ މިޔުޒިކް ދުނިޔެއަށް
         އިންޤިލާބެއް ގެންނަވައި ދެއްވެވި   މިއީ ފަންނާނެކޭ
އިސްމުފުޅު މާތް ކިޔަވަމުން ޞަލަވާތް ނަބީއަށް ކޮށްވެދުން
         ފުއްސެވުން އެދި ނާޝިދަށް އޮހެނީ ދުލުން މިދުޢާތަކޭ.]