އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ޖަމާޢަތަށް ފައިދާހުރި މަސައްކަތް ކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ މުޙައްމަދު ނިޒާރު އިބްރާހީމަކީ، ދިވެހިރާއްޖޭގެ މާދަރީ ތަރިކައިގެ ތެރޭގައި ހިމެނޭ އެތައް އަހަރެއް ވެފައިވާ ފޮތްތައް އެއްކުރައްވާފައިވާ ބޭފުޅެކެވެ. [ނައިފަރު ޕަބްލިކް ލައިބްރަރީ]ގެ ނަމުގައި ލައިބްރަރީއެއް ރަޖިސްޓަރީ ކުރައްވައިގެން، މި ލައިބްރަރީ ހިންގަވަން ފެށްޓެވީ 1980 ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ. މި ލައިބްރަރީ އުފެއްދެވުމުގައި މުޙައްމަދު ނިޒާރު އިބްރާހީމާއެކު ޢަމަލީގޮތުން އުޅުއްވި ފައުންޑަރ މެންބަރުންނަކީ، މުޙައްމަދު ނިޒާރުގެ އަޚުން ކަމުގައި ހިމެނޭ، ނައިފަރު ނަރުގިސްވާދީ އަލްފާޟިލް ރިޟުވާނު ޢަލީ އާއި، ނައިފަރު ތަންހަޅިގޭ އަލްފާޟިލް މުޙައްމަދު މޫސާފުޅާއި، ނައިފަރު ޗަންދަރުގޭ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ. ލައިބްރަރީ ހިންގަވަން ފެށްޓެވިއިރު، ލައިބްރަރީގައި ތިއްބެވީ 119 މެންބަރުންނެވެ. އޭރުހުރީ 436 ފޮތެވެ. 36 އަހަރު، އެއްވެސް ހުއްޓުމެއްނެތި ލައިބްރަރީ ހިނގަމުން އައިއިރު، ލައިބްރަރީގައި މިހާރު ސާދަހާހަށްވުރެ ގިނަ ފޮތް އެބަހުއްޓެވެ. މިހާރު މެންބަރުންގެ އަދަދަކީ 605 އެވެ.
ލައިބްރަރީގައި ހުރި ފޮތްތަކުގެ ތެރޭގައި، އަތުން ލިޔެފައިވާ 150 އަހަރަށްވުރެ ގިނަ ދުވަސްވީ ފޮތް އެބަހުއްޓެވެ. މިހާ ގިނަ އަދަދެއްގެ ފޮތް ވަރަށް ރަނގަޅަށް ފަރުވާތެރިކަމާއެކު ނިޒާރު ބަލަހައްޓަވަމުން ގެންދަވާފައިވާކަން އެއީ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ރާއްޖޭގައި ނުކުތް ފުރަތަމަ ނޫސް [ސަރުކާރުގެ ޚަބަރު]ގެ އަޞްލު ނޫސްތަކާއި، ރާއްޖޭގައި ނުކުތް ފުރަތަމަ މަޖައްލާ [އަލްއިޞްލާޙު]ގެ އަޞްލު މަޖައްލާތަކާއި، 1970ގެ އަހަރުތަކުގައި ޗާޕުކޮށްގެން ނެރުނު ހުރިހާ ޚުޠުބާތަކާއި އަދި މިހާރުގެ ޚުޠުބާތަކާއި، ދީނުގެމަގުތައް، ތަރުތީބުން ހަންޖަހައިގެން ބަލަހައްޓަވަމުން ގެންދަވާފައިވެއެވެ. ލެޓިން ޚުޠުބާތަކުގެ އަޞްލު ޚުޠުބާތަކާއި، ދުވަހު ނޫސް [ހަވީރު]ގެ 1 ވަނަ އަދަދުން ފެށިގެން ހުރިހާ ނޫހެއް، އެ ލައިބްރަރީގައި އެބަހުއްޓެވެ. އަދި ރާއްޖޭގައި މިހާތަނަށް ނުކުތް ނޫސް މަޖައްލާތަކުގެ އަޞްލުތައްވެސް މިލައިބްރަރީގައި ބަލަހައްޓަވަމުން ގެންދަވާފައިވާކަމީ، މިޚިދުމަތުގެ އަގު އެތައްގުނައަކަށް އިތުރުވެގެންދާކަމެކެވެ. މީގެއިތުރުން، ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވައި ޗާޕުކުރައްވައިގެން ނެރުއްވި ހުރިހާ ފޮތްތަކަކާއި، ތަމްޘީލުތަކާއި، ރާއްޖޭގައި މިހާތަނަށް ނުކުތް އެންމެ ފުރަތަމަ ވާހަކައިން ފެށިގެން މިހާރު ނިކުމެފައިހުރި ހުރިހާ ވާހަކައެއް، ނައިފަރު ޕަބްލިކް ލައިބްރަރީގެ ފޮތް ހަރުގަނޑުތަކުން ކިޔާލަން ލިބޭކަމީވެސް މި ދާއިރާއިން ނިޒާރު ހޯއްދަވާފައިވާ ވަރަށްބޮޑު ކުރިއެރުމެކެވެ.
ބޮޑު ތަރުތީބުފަދަ ދުވަސްވީ ފޮތްތަކުގެ އަޞްލު ފޮތްތަކާއި، ދިވެހި ތާރީޚާ ގުޅޭގޮތުން މިހާތަނަށް ނުކުތް ހުރިހާ ތާރީޚީ ފޮތްތަކާއި، ހަފްތާ ނޫސްތަކާއި މަޖައްލާތައް ނައިފަރު ޕަބްލިކް ލައިބްރަރީގެ ފޮތް ހަރުގަނޑުތަކުގައި ރައްކާތެރިކަމާއެކު ބެހެއްޓެވުމަކީވެސް، މިއަދުގެ ދަރިންނަށް ނިޒާރު ކޮށްދެއްވަމުން ގެންދަވާ ވަރަށް އަގުބޮޑު މަސައްކަތްޕުޅެކެވެ.
ޖަމާޢަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ލައިބްރަރީ ހިންގުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1991 ވަނަ އަހަރު ސަރުކާރުން މުޙައްމަދު ނިޒާރަށް ވަނީ އަރުވާފައެވެ.
[ނައިފަރު ޕަބްލިކް ލައިބްރަރީ] ފުރަތަމަ ހިންގެވީ، މީހެއްގެ ގޭގައި ތަނެއް ހައްދަވައިގެން ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި، ނިޒާރުގެ ބައްޕަގެ ގެއަށް ލައިބްރަރީ ބަދަލުކޮށް، އެގޭގައި ލައިބްރަރީ ހިންގަމުން އައިސް، ފަހުން ގެންނަން ޖެހުނު ބަދަލުތަކަކާ ގުޅިގެން، މިހާރު އެ ލައިބްރަރީ ހިންގަވަމުން ގެންދަވަނީ، އަނެއްކާވެސް ތަނެއް ކުއްޔަށް ހިއްޕަވައިގެންނެވެ. ނިޒާރުގެ ބެއްލެވުމުގެ ދަށުން ލައިބްރަރީ ހިންގުމުގައި އެހީތެރިވެދެއްވަނީ، ނިޒާރުގެ އަނބިކަނބަލުންނާއި އޭނާގެ ދެބޭފުޅުންނެވެ. ލައިބްރަރީއަށް ފޮތް ގަތުމަށާއި، ލައިބްރަރީއަށް ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ހަމަޖެއްސެވުމަށްޓަކައި ފައިސާ ހޯއްދެވުމުގެ ގޮތުން ލައިބްރަރީގެ އެއްބައިގައި ނޮވެލްޓީގެ ވެރިޔާގެ އެހީތެރިކަމާއެކު، ބުކްޝޮޕެއް ހިންގަވަމުން ގެންދަވައެވެ. އަދި ލައިބްރަރީގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ފަސޭހައަށްޓަކައި [ސައިބަރ ކެފޭ]އެއްގެ ޚިދުމަތްވެސް ލައިބްރަރީގެ ތެރޭގައި ދެއްވަމުން ގެންދަވައެވެ.
ނައިފަރު ޕަބްލިކް ލައިބްރަރީން ޤައުމުގެ ތަރައްޤީއަށާއި މުޖުތަމަޢަށް ކުރަމުންގެންދާ އެންމެ ފައިދާހުރި، އެންމެ މުހިންމު އެއް މަސައްކަތަކީ، ދިވެހިންގެ ދުވަސްވީ ފޮތްތަކާއި، ދުވަސްވީ ލިޔުންތައް ހަލާކުވެގެންދިޔަނުދީ، އަންނަން އޮތް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ މަސައްކަތެވެ. ލައިބްރަރީގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް، ބޭނުންވާ މަޢުލޫމާތުތައް ފޯރުއްވައިދެއްވުމުގައި ނިޒާރު ވަރަށް ބޮޑަށް އެހީތެރިވެދެއްވަމުން ގެންދަވައެވެ.
ނައިފަރު ޕަބްލިކް ލައިބްރަރީގައި މަސައްކަތް ކުރުމަށް ރާއްޖޭގެ ނޭޝަނަލް ލައިބްރަރީއާ ގުޅިގެން ލައިބްރޭރިއަނުންވެސް ތަމްރީނު ކުރައްވާފައިވެއެވެ. އަދި ފާދިއްޕޮޅުގެ ރަށްރަށުގައި ހުރި ހުރިހާ ސްކޫލް މަދަރުސާތަކުގެ ލައިބްރަރީތަކުގައި މަސައްކަތް ކުރައްވާ ލައިބްރޭރިއަނުންނަށް ލައިބްރަރީތައް ހިންގުމުގެ ފަހުގެ ޓެކްނޮލޮޖީގެ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަނާ ގުޅިގެން ނައިފަރު ޕަބްލިކް ލައިބްރަރީ އިން މިއަހަރު ހިންގަވާފައިވެއެވެ.
ނައިފަރު ޕަބްލިކް ލައިބްރަރީގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން، ކުޑަކުދިން ފޮތް ބަލައި، ފޮތް ކިޔުމަށް ވަކިން ކުޑަކުދިންގެ ކޯނަރެއް ހައްދަވާފައިވެއެވެ. އަދި ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ތަފާތު ގޭމްތައް ކުޅެވޭނެ އިންތިޒާމު ލައިބްރަރީގައި ހަމަޖައްސަވައިދެއްވާފައިވެއެވެ. ނައިފަރު ޕަބްލިކް ލައިބްރަރީއަކީ ލައިބްރަރީއަކަށްވުރެވެސް ބޮޑަށް އާކައިވެކޭ ދެންނެވުމަކީ، ނިޒާރުގެ މަސައްކަތަށް ކުރެވޭ ޙައްޤު ތަޢުރީފެއްކަމަށް ދެކެމެވެ.
މުޙައްމަދު ނިޒާރަކީ، ތަޢުލީމީ ދައުރު ނިންމެވުމަށްފަހު، ނައިފަރަށް ވަޑައިގެން ނައިފަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަމިއްލަ ވިޔަފާރީގެ ތެރޭގައި އުޅުއްވައި، ރަށުގެ އިޖުތިމާޢީ މަސައްކަތްތައް ރާއްވަވައި ހިންގެވުމުގައި ޢަމަލީގޮތުން ރަށުއޮފީހަށާއި އަތޮޅުއޮފީހަށް އެހީތެރިވެދެއްވަމުން ގެންދެވިއެވެ. އަދި ރަށުގައި އެކި ކުޅިވަރުތައް ދިރުވައި އާލާކުރެއްވުމަށްޓަކައި ނިޒާރު ކޮށްދެއްވާފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ. ނިޒާރަކީ ނައިފަރު ކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި ފާދިއްޕޮޅު އަތޮޅުކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ނިޒާރު ހުންނެވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ. މިވަޒީފާގައި އުޅުއްވަމުންވެސް މަދަރުސާ ކުދިން އެކިއެކި އަދަބީ މުބާރާތްތަކަށް ތައްޔާރުކޮށްދެއްވުމުގެ އިތުރުން، ޔުނިވަރސިޓީގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށްވެސް ހިލޭސާބަހަށް އަދަބީ ރޮނގުން އެހީތެރިވެދެއްވަމުން ގެންދަވާކަންވެސް ފާހަގަކުރެވެއެވެ.
ނިޒާރުގެ އުންމީދަކީ، މި މަސައްކަތުގައި އަދިވެސް ކުރިއަށް ވަޑައިގެން، ލައިބްރަރީގެ ޚިދުމަތް ފާދިއްޕޮޅަށާއި މުޅި ރާއްޖެއަށް މިހާރަށްވުރެ ބޮޑަށް ފުޅާކުރެއްވުމެވެ. ދެމެހެއްޓެނިވި ގޮތެއްގައި ޢާއްމުކޮށް ދެވޭ މިފަދަ ޚިދުމަތްތައް ފޯރުވައިދިނުމުގައި ސަރުކާރުން ކޮންމެވެސް މިންވަރެއްގެ ދާއިމީ އެހީއެއް ލިބޭނޭ ދުވަހެއް ފެނުމެވެ.