އަލްފާޟިލާ ޞަފާ ތައުފީޤު
ހ.ހާޖަރާގެ

               ޞަފާ ތައުފީޤު ފުރަތަމަ ލަވަ ވިދާޅުވާން ފެށްޓެވީ، މަދްރަސީ ދައުރުގައެވެ. އޭރު އުމުރަކީ 8 އަހަރެވެ. ސްކޫލްގެ ފަރާތުން ބާއްވަވާ ކޮންސެޓް އަދި ޙަފްލާތަކުގައި ލަވަކިޔުމަށް ސްކޫލުން ހޮއްވަވާ ކުދިންގެ ތެރޭގައި ޞަފާ ހިމެނިވަޑައިގަނެއެވެ. ޢާންމުންގެ ތެރޭގައި ޞަފާގެ މަޤްބޫލުކަން ފާހަގަކުރެވިގެންދިޔައީ، އަމީނިއްޔާގެ ގްރޭޑް 7 ގައި އުޅުއްވިއިރު، އެ އަހަރުގެ މިނިވަންދުވަހު ބޭއްވުނު ޑްރިލްގައި ލަވައެއް ވިދާޅުވުމުންނެވެ. އެ ލަވައަކީ، "ހިންދު އެ މާ ކަނޑުތެރޭން" މިލަވައެވެ. ޞަފާ މިހާތަނަށް 16 ފިލްމަށް، އަދި 18 އަލްބަމަށް، ލަވަ ވިދާޅުވެފައި ވެއެވެ. އަދި ގެލެކްސީ އާއި، ފަންނާނުންގެ ޝޯތަކުގަޔާއި، ރާއްޖެތެރޭގެ ބައެއް ޝޯތަކުގަޔާއި، ކާނިވަލްގެ ޝޯތަކުގައިވެސް ލަވަ ވިދާޅުވެފައި ވެއެވެ. ރިކޯޑު ކުރައްވާފައިވާ ލަވައިގެ އަދަދު ސަތޭކައަށްވުރެ ގިނަވާނެކަމަށް ވިދާޅުވެއެވެ. އަމީނިއްޔާގެ ގްރޭޑް 10 ގައި އުޅުއްވިއިރު، ބޭއްވި އިންޓަރ ސްކޫލް ލަވަމުބާރާތުގެ ސީނިއަރ ގްރޫޕުން 1ވަނަ ލިބިވަޑައިގެންފައި ވެއެވެ. މީގެއިތުރުން ސްކޫލްގައި ބޭއްވުނު ލަވަ މުބާރާތްތަކުން ލަވަކިޔުމުގެ އިނާމު ޙާޞިލު ކުރެއްވިއެވެ. ސްކޫލްކުދިންގެ ލަވަމުބާރާތަށް ލަވަ ހައްދަވައިދެއްވަމުން ގެންދަވައެވެ. އަދި ޞަފާ އުފެއްދެވި އަލްބަމް "ހަނދާން" ގައިވެސް އޭނާ ހައްދަވާފައިވާ 2 ލަވަ ހިމެނެއެވެ. ޞަފާ މިހާރުވެސް ލަވަ ވިދާޅުވަމުން ގެންދަވައެވެ.