އަލްފާޟިލް އިބްރާހީމް ރަޝީދު
ހ.އަންދަރުސަވާ

               އިބްރާހީމް ރަޝީދަކީ، ފުޓްބޯޅައިގެ ދަނޑުގައި ވަރަށް މަޝްހޫރު ތަޖްރިބާކާރު ކުޅުންތެރިއެކެވެ. މިސަރަޙައްދުގައި ބޭއްވޭ އެންމެބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ "ސާފްގޭމްސް" ގެ ފުޓްބޯޅައިގައި މިހާތަނަށް ބޭއްވުނު ހުރިހާ މުބާރާތެއްގައިވެސް ޤައުމީ ފުޓްބޯޅަ ޓީމުގައި މީނާވަނީ ރާއްޖެ ތަމްސީލު ކޮށްދެއްވާފައެވެ. އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަންވެސް ވަނީ ކުރައްވާފައެވެ. މީގެއިތުރުން، މީނާ އެ ކުލަބެއް ތަމްސީލު ކޮށްދެއްވަމުން ގެންދަވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ފުޓްބޯޅައިގައި 1980 ވަނަ އަހަރާއި، 1982 ވަނަ އަހަރު ފިޔަވައި ހޯދާފައިވާ ހުރިހާ ކާމިޔާބީއެއްގައި މީނާގެ ވަރަށްބޮޑު ހިއްސާއެއް އެކުލެވިފައި ވެއެވެ. ފުޓްބޯޅައިގެ އިތުރުން، ކްރިކެޓާއި ހޮކީއާއި، ވޮލީބޯޅައާއި ކަސްރަތު މުބާރާތްތަކުގައިވެސް ބައިވެރިވެލައްވައި، އެކަށީގެންވާ ކާމިޔާބީތައް އިބްރާހީމް ރަޝީދު ހޯއްދަވާފައި ވެއެވެ. އަދި ކްރިކެޓާއި ވޮލީގައި ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލު ކޮށްދެއްވާފައި ވެއެވެ. ފުޓްބޯޅައާއި، ވޮލީގެ ކޯޗިންގ ކޯސްތަކެއްވެސް އިބްރާހީމް ރަޝީދު ވަނީ ފުރިހަމަ ކުރައްވާފައެވެ.