އަލްފާޟިލް ޔޫސުފް ޙުސައިން
ހަޒާރުމާގެ/ ހދ.ކުޅުދުއްފުށި

               ޔޫސުފް ޙުސައިނަކީ 1987 ވަނަ އަހަރުން ފެށިގެން، ރާއްޖެތެރޭގެ ރަށްރަށުގައި ކަރަންޓުލުމުގެ މަސައްކަތް ހިލޭސާބަހަށް ކޮށްދެއްވަމުން ގެންދަވާ ބޭކަލެކެވެ. މީގެތެރޭގައި، ކަރަންޓާބެހޭ މާސްޓަރޕްލޭން ހެދުމާއި، ކަރަންޓާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެއްވުން ހިމެނެއެވެ. އަދި މީނާ މިމަސައްކަތް ކުރައްވާ ކޮންމެ ރަށެއްގައިވެސް ކަރަންޓާބެހޭ މަސައްކަތް، ރަނގަޅު ފެންވަރަކަށް ދެމީހަކަށް ދަސްކޮށްދެއްވައި، މިކަމާ ބެހޭގޮތުން ދެއްވަންޖެހޭ ލަފަޔާއި އިރުޝާދު ދެއްވުމަކީ ކުރައްވާ ކަމެކެވެ. ކަރަންޓުގެ މަސައްކަތް ޔޫސުފް ޙުސައިން ކޮށްދެއްވާފައިވާ ރަށްރަށުގެ ތެރޭގައި، ރ.ކިނޮޅަހާއި، އ.މަންދޫ، ދ.މީދޫއާއި، ދ.ހުޅުދެލި، ފ.މަގޫދޫއާއި، ފ.ދަރަނބޫދޫއާއި، ފ.ނިލަންދޫ ހިމެނެއެވެ. ޔޫސުފް ޙުސައިން މިމަސައްކަތް ކުރައްވަމުން ގެންދަވަނީ، ރަށުއޮފީސްތަކާއި އަތޮޅުއޮފީސްތަކާ ގުޅިގެން، އެފަރާތްތަކުގެ ލަފަޔާއި އިރުޝާދުގެ މަތިންނެވެ.