އަލްފާޟިލް މޫސާ ޢަލީ
ގ.ފީނި

               މޫސާ ޢަލީ ދިވެހިބަހަށް ޚިދުމަތް ކުރައްވަން ފެށްޓެވީ އުމުރުން 17 އަހަރުގައެވެ. މަދްރަސަތުލް ޙަމީދިއްޔާގެ މުދައްރިސްކަން ލިބިލެއްވުމާ ގުޅިގެންނެވެ. އޭގެފަހުން ސިލޯނުގައި ތިބި ދިވެހިރާއްޖޭގެ ކިޔަވާކުދިންނަށް ދިވެހިބަސް ކިޔަވައިދެއްވަން ފޮނުއްވުމާ ހަމައިންނެވެ. މޫސާ ޢަލީ ފާހަގަކޮށްލެވެނީ، ދިވެހިބަސް އުނގަންނައިދެއްވާ ބޭފުޅެއްގެ ގޮތުންނެވެ. ދިވެހި މުދައްރިސެއްގެ ގޮތުން މަސައްކަތް ކުރެއްވި، މިވޭތުވެދިޔަ 38 އަހަރުގެ ތެރޭގައި، މީނާ އިސްނަންގަވައިގެން އަމީނިއްޔާ ސްކޫލުގެ "އެކުވެރިކަމުގެ ޗޭނު" އަލުން އުފެއްދެވުމާބެހޭ ކަންތަކާއި، އޭރުއްސުރެ އެ ޖަމްޢިއްޔާގެ އަދަބީ ޙަރަކާތްތައް ހިންގެވުމާއި، މޫސާ ޢަލީގެ އެޑިޓަރުކަމުގެ ދަށުން، އެ ޖަމްޢިއްޔާއިން ނެރޭ މަޖައްލާއެއް ކަމުގައިވާ "އެހީތެރިޔާ" 17 އަހަރު ވަންދެން ޝާއިޢުކުރެއްވުންފަދަ ކަންތައްތައް މޫސާ ޢަލީގެ ޚިދުމަތުގެ ތެރޭގައި ހިމެނެއެވެ. އަދި އަމީނިއްޔާ ސްކޫލުގެ ހެޑް އޮފް ދިވެހި ޑިޕާޓްމަންޓްގެ މަގާމު އުފެދުނީއްސުރެ، އެ މަގާމު ފުރުއްވަމުން ގެންދަވަނީވެސް މޫސާ ޢަލީ އެވެ. މީގެއިތުރުން އެކިއެކި އަދަބީ މުބާރާތްތަކަށް އަމީނިއްޔާގެ ދަރިވަރުން ތައްޔާރުކޮށްދެއްވުމާއި، އީ.ޕީ.އެސް. ސްކޫލުގައި މެދުނުކެނޑި 24 އަހަރު ވަންދެން ދިވެހި ކިޔަވައިދެއްވުން ހިމެނެއެވެ. ގްރޭޑް 9 ގެ ދިވެހިފޮތް ލިޔުއްވާފައިވަނީވެސް މޫސާ ޢަލީއެވެ.

               މޫސާ ޢަލީގެ ލިޔުއްވުންތައް ބައެއް ނޫސް މަޖައްލާތަކުގައި ޝާއިޢުކުރައްވާފައި ވެއެވެ. ރާއްޖޭގައި ފުރަތަމަ ފާހަގަކުރެއްވި ކުޑަކުދިންގެ ދުވަހާ ބެހޭގޮތުން ހުޅުވާލި ފޮތްލިޔުމުގެ މުބާރާތުން 3 ވަނައާއި، ޤައުމީ ކުތުބުޚާނާގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި ފޮތްލިޔުމުގެ މުބާރާތުން 1 ވަނަ ހޯއްދަވާފައި ވެއެވެ.