ފަޟީލަތުއްޝައިޚު ޢުޘްމާނު ޢަބްދުﷲ ޢުމްރީ
މ.ރިހާބު

 

އިސްލާމްދީން އުނގަންނައިދެއްވުމާއި، ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ފަޟީލަތުއްޝައިޚު ޢުޘްމާން ޢަބްދުﷲ، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދްމަތްތަކަކީ، ދިވެހި ކޮންމެ ފަރުދަކު ހިތްހެޔޮކަމާއެކު ބަލައިގަންނަ ޚިދުމަތްތަކެކެވެ.
 
ފަޟީލަތުއްޝައިޚު ޢުޘްމާން ޢަބްދުﷲ، ކުއްލިއްޔާ އުޞޫލުއްދީން ވައްދަޢުވާއިން މަތީ ތަޢްލީމު ޙާޞިލު ކުރެއްވުމަށްފަހު، ރާއްޖެ ވަޑައިގެން، މިވޭތުވެދިޔަ 37 އަހަރު ދުވަހުގެ ތެރޭގައި، ދީނީ ރޮނގުން ތަފާތު އެތައް ޚިދުމަތްތަކެއްވަނީ ކޮށްދެއްވާފައެވެ. ކިޔަވާ ވިދާޅުވެގެން މާލެ ވަޑައިގެން، ފުރަތަމަ ކުރެއްވީ، ދީނީ ރޮނގުން ނަސޭހަތް ދެއްވުމަށް އެކިރަށްރަށަށް ވަޑައިގަތުމުގެ މަސައްކަތްޕުޅެވެ. އޭގެފަހުން [މަދްރަސަތުއްޠައިބާ]ގެ ނަމުގައި މާލޭގައި ސްކޫލެއް އުފައްދަވައި، އެތަން އުވާލަންދެންވެސް އެތަނުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަދި އޭނާގެ އުފަން ރަށް ށ. މަރޮށީގައި އޭނާގެ ޢާއިލީ ސްކޫލެއް ކަމުގައިވާ މަދްރަސަތުލް މުނައްވަރާގެ ކަންކަން ޢަމަލީގޮތުން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުވެސް އުފުއްލެވިއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ވަރަށްގިނަ ރަށްރަށަށް ޢުޘްމާން ވަނީ ޒިޔާރަތް ކުރައްވައި، ދީނީގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވާފައެވެ.
 
ޢުޘްމާން ޢަބްދުﷲގެ އަޑު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތަކުން ނީވޭ ދުވަހެއް މަދުވާނެ ކަމަށް ދެންނެވުމަކީ، ދެންނެވޭ ކުށް ބަހަކަށް ނުވާނެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ، އޭނާއަކީ ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ ޢާއިލާގެ މެންބަރެކެވެ. އެހާވެސް ބޮޑަށް އެ ދާއިރާއާ ގުޅުން ބޮޑެވެ. އޭނާއަށް ލިބިވަޑައިގެންފައިވާ ޢިލްމު، މުޖުތަމަޢުގެ ފައިދާއަށްޓަކައި ބޭނުންކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޜަން މޯލްޑިވްސްއިން ފޮނުއްވާ ދީނީ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން، ތަފާތު އެތައް މައުޟޫޢަކަށް ދީނީ ނަސޭހަތްވަނީ ދެއްވާފައެވެ. އަދި ވަގުތުން ގެނެސްދޭ އެކި ޕްރޮގްރާމްތަކުގައިވެސް ބައިވެރިވެވަޑައިގެން، ޢާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، ޢުޘްމާނަށް އެނގިވަޑައިގެން ހުންނެވި މިންވަރަކުން ދީނީ ކަންކަން ގެންދަވަނީ ރައްޔިތުންނަށް އޮޅުންފިލުއްވައި ދެއްވަމުންނެވެ. ވަގުތުވެވަޑައިގެންނެވި މިންވަރަކުން ޕްރޮގްރާމްތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނީ، އެއީ ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށް ދެކެވަޑައިގެންނެވެ.
 
ރާއްޖޭގައި ޒަކާތުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެންމެބޮޑަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅަކީ، ޢުޘްމާން ޢަބްދުﷲ އޭ ދެންނެވުމަކީ، އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންޞާފެއް ކަމަކަށް ނުދެކެމެވެ.  1983 ވަނަ އަހަރު، އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ޒަކާތާބެހޭ އޮފީހުގެ ނަމުގައި އޮފީހެއް އުފައްދަވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު، ޢުޘްމާން ޢަބްދުﷲއާ ހަވާލުކުރެއްވިއެވެ. ޢުޘްމާން ހުށަހެޅުއްވި ޒަކާތާބެހޭ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ވަނީ ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޜަން މޯލްޑިވްސް އިން ފޮނުއްވާފައެވެ.
 
ޢުޘްމާން ޢަބްދުﷲއަކީ، ދީނީ ރޮނގުންވެސް ތަފާތު އެތައް ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި [ދަމުނަމާދާއި ސުންނަތް ނަމާދުތައް] މިފޮތާއި، [އިސްލާމްދީނުގައި އަންހެނުންގެ ޢައުރަ] މިފޮތް ހިމެނެއެވެ. އަދި ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރެއިން [ފިޤުހުއް ސުންނާ] މިފޮތާއި، ނަމާދާއި، ޙައްޖާއި، ރޯދައާ ބެހޭގޮތުން ކުރެވިފައިވާ ސުވާލުތަކަކަށް، ސަޢުދީ ޢަރަބިއްޔާގެ މުފްތީއެއް ކަމުގައިވާ ފަޟީލަތުއްޝައިޚު ޢުޘައިމީން ދެއްވާފައިވާ ޖަވާބުތަކެއްގެ ތަރުޖަމާ ހިމެނެއެވެ.  މިދެންނެވި ހުރިހާ ފޮތްތަކަކީ، ޗާޕުކުރައްވައި ޝާއިޢު ކުރައްވާފައިވާ ފޮތްފޮތެވެ. 
 
ޢުޘްމާން ތަރުޖަމާ ކުރައްވައި، ޝާއިޢު ނުކުރެއްވި ހުރި ވަރަށްގިނަ ފޮތްތައްވެސް އެބަހުއްޓެވެ. އޭގެތެރޭގައި، ކީރިތި ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم ގެ ސީރަތުގެ މައްޗަށް ތަރުޖަމާ ކުރައްވާފައިވާ ފޮތާއި، [އުންމަތުގެ ޢާންމު މުސްލިމުންނަށް ބޭނުންތެރި ފިލާވަޅުތަކެއް] މިފޮތާއި، ސޫރަތުލް ފާތިޙާއާ ގުޅިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެއްވެސް ހިމެނެއެވެ.
 
ޢުޘްމާންގެ އެކިއެކި ލިޔުއްވުންތައް، ރާއްޖޭގެ އެކިއެކި ނޫސް މަޖައްލާތަކުގައިވެސް ގެންދަވަނީ ޝާއިޢު ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަފްތާއަކު އެއްފަހަރު ނެރުއްވަމުން ގެންދެވި [ދީނުގެ މަގު] މިނޫހަށްވެސް އޭނާ ގަވާއިދުން ލިޔުއްވަމުން ގެންދެވިއެވެ.
 
ކުރީގެ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުފެދުނީއްސުރެ، މުދައްރިސެއްގެ ގޮތުން ޢުޘްމާނުވަނީ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. އަދި އިމާމުން ތަމްރީނުކުރާ ކޯހުގައި ކިޔަވައިދެއްވައި، އިމާމުން ތަމްރީނު ކުރެއްވުމުގައިވެސް ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރައްވާފައިވެއެވެ.  
 
ޢުޘްމާން ޢަބްދުﷲ އަކީ ޒަކާތާބެހޭ އޮފީހުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަޔާއި، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް މިހާރުވެސް އޭނާ އެހީތެރިކަން ދެއްވަމުން ގެންދަވައެވެ.