މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ކެތްތެރިކަމާއެކު ރައްޔިތުންނާ އެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލެއަތޮޅު ހުރާ ރައްޔިތުންގެ އިޖްތިމާޢީ މަރްކަޒު ހުޅުވުމަށްޓަކައި ރޭ އެމަރްކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރާ ހަވާލުވެވަޑައިގެން ތިއްބެވީ އެއްގޮތަކަށްވެސް މިކަމުގައި ފަހަތަށް ޖެހިވަޑައިގަތުމުގެ ވިސްނުމެއްގައި ނޫން ކަމަށް ވިދާޅުވެ، މިޤައުމުގެ ރައްޔިތުންނަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ހުރިހާ މަސައްކަތެއް ސާބިތުކަމާއެކީ ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރާއްޖޭގެ ޙަޤީޤަތް އޮޅުވާލުމަށްޓަކައި ބަޔަކު ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ނުވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަނެއްގެ ހަމަޖެހުމާއި، ޞުލްޙަވެރިކަމާއި ރައްޔިތުންގެ އުފާވެރިކަން ބިނާވެފައިވަނީ އެތަނެއްގައި އެކުވެރިކަމާއި އޯގާތެރިކަން އޮވެގެން، އެތަނެއްގައި ޞުލްޙަ މަޞްލަހަތު ޤާއިމު ކުރެވިގެން ކަމުގައި ވިދާޅުވަމުން، ހުރާ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ރައީސުލްޖުމްހޫރިއްޔާ ތައުރީފްކުރެއްވިއެވެ. އަދި އަޅުގަނޑުމެންނަކީ އެއްދަރިކޮޅެއްގެ، އެއްދީނެއްގެ، އެއްބަހަކުން ވާހަކަދައްކާ އަޚުންނާއި އުޚުތުން ކަމަށާއި، އެކަން ހަނދާންނެތި، އަޅުގަނޑުމެންގެ އަމިއްލަ ބޭނުންތަކަކަށްޓަކައި އެކަކު އަނެކަކާ ދިމާކުރުން އެއީ، ރަނގަޅު ގޮތެއްނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިއްޔެ ފާހަގަކުރި ދުނިޔޭގެ އާބާދީ ދުވަހުގެ ޝިޢާރުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފިރިހެނުންނާ އެއްވަރަށް އަންހެނުންވެސް ޙިއްޞާކުރަމުން ގެންދާކަން މިރޭވެސް ފެނިގެން ހިނގައްޖެ ކަމަށާއި، ކ. ހުރާ ރައްޔިތުންގެ އިޖްތިމާޢީ މަރްކަޒުގެ ސަބަބުން ހުރާ އަންހެން ބޭފުޅުންނަށް ބޭނުންފުޅުވާ ޢިލްމާއި، ހުނަރާއި، ތަރައްޤީއަށްޓަކައި ބޭނުންވާނެ މަޢުލޫމާތުތައް ލިބިވަޑައިގަންނަވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި މާލެއަތޮޅު ހުރާ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އެރުވިއެވެ.