ތުރުކީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑޮކްޓަރ ބުރަކް އަކްޗަޕަރް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ތުރުކީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ތުރުކީއާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތުރުކީގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން މަސްވެރިކަމާއި، ވިޔަފާރިއާއި، އިމާރާތްކުރުމުގެ ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައްޗަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ އިމާމުންނަށް ތުރުކީން ދެވިދާނެ ތަމްރީންގެ ފުރުސަތުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.