ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޓަރ ޕާލަމެންޓަރީ ޔޫނިއަން، އައި.ޕީ.ޔޫ.ގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް މިސްޓަރ މާޓިން ޗުންގޮންގއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިސްޓަރ ޗުންގޮންގ ދެއްކެވި ވާހަކަފުޅުގައި، އޭނާ ކުރެއްވި މަސައްކަތްޕުޅުތަކަށް، ކަމާބެހޭ ހުރިހާ ފަރާތްތަކުން ވަރަށް ފުރިހަމައަށް އެއްބާރުލެއްވުން ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙް ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރެއްވިއެވެ. ހަމައެއާއެކު، މަޝްވަރާކޮށްގެން މައްސަލަތައް ޙައްލުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މަޝްވަރާތަކުގައި ހުރިހާ ޕާޓީތަކުންވެސް ބައިވެރިވުން މުހިންމު ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު މިހާރު ހައްޔަރުކޮށްފައި ނެތް ކަމުގައި ވިދާޅުވިއެވެ. އަދި ނިންމަން ޖެހިފައިވާ ވަރަށް މުހިންމު ޤާނޫނުތަކެއް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، އެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ.