ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޖަޕާނު އެމްބަސީގެ ޑެޕިޔުޓީ ހެޑް އޮފް މިޝަން މިސްޓަރ ހިޑެކި އިޝިޒުކާއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ޚާއްޞަ ގުޅުމެއް ކަމަށާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދެއްވާކަމަކީ، ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓެވުމާއެކު، ޤާނޫނާއި ގަވާއިދުގެ މަތިން ކަންކަން ކުރިއަށް ގެންދެވުން ކަމުގައި ވިދާޅުވިއެވެ. ސިޔާސީ މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާގެ މަގު ސަރުކާރުންވަނީ ހުޅުއްވާފައި ކަމަށާއި، ހުރިހާ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން މައްސަލަ ޙައްލުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޑިމޮކްރަސީގެ ޅަފަތުގައި މިހާތަނަށްވެސް ކުރެވިފައިވާ މަސައްކަތްތައް ފަހަތަށްދިޔަ ނުދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިސްޓަރ ހިޑެކި އިޝިޒުކާ ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ސަރުކާރަށް އޮންނަ އިތުބާރު އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ރައީސް ކަމުގެ މަގާމު ފުރުއްވަމުން ގެންދަވަނީ ވަރަށް އެކަށީގެންވާ ގޮތެއްގައި ކަމަށް ވިދާޅުވިއެވެ.