އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި، އެއަރޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނެގުމުގެ ކަންތައް، ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލިސް މެދުވެރިކުރައްވައި، އެ ފައިސާ ނެގޭނެ ގޮތެއް ހަމަޖެހިގެން ދިޔުމަކީވެސް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓަރމިނަލްގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، އެއަރޕޯޓް ބޭނުންކުރާ ފަރާތްތަކުން 25 ޑޮލަރު ދައްކަންޖެހޭތީ، ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާތީ، އެކަމުގެ މައްޗަށް ބައްލަވާލައްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގެ އެކިއެކި ކަންކަމަށް، ފެށުނީއްސުރެ ފައިސާ ހޯދަމުން އަންނަނީ، ބޭރުގެ އެކި ވިޔަފާރިތަކާއި، ކުންފުނިތަކާ ގުޅިގެންކަން ފާހަގަކުރައްވަމުން، ސަރުކާރުން އެއަރޕޯޓް ތަރައްޤީ ކުރުން މިއަދު މިވަނީ ދުނިޔޭގައި މިކަން ކުރުމަށް އެންމެ މަޝްހޫރު، އެންމެ ޤާބިލް އެއް ކުންފުންޏާ ޙަވާލުކުރައްވާފައި ކަމުގައި ވިދާޅުވިއެވެ. ރާއްޖެއަށް ޒަމާނީ ވަސީލަތްތަކާއި، ޒަމާނީ ކަންކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނައުމަކީ، ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، އެހެންކަމުން، އެއަރޕޯޓް ތަރައްޤީ ކުރުމުގެ ކަންތައްތައް، ބޭރުބަޔަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް ސަރުކާރުން ނިންމެވީ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވިޔަފާރި ކުރުމަށް ރާއްޖެއަށް އަންނަ ބައެއްގެ ސަބަބުން ރާއްޖެއަށް ލިބޭނެ ހަމަ އެއް ގެއްލުމެއްވެސް ނެތްކަން ކަށަވަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިއަދު އެއްމިލިއަން މީހުންގެ ޖާގަ އޮތްއިރު، އެއަރޕޯޓް ތަރައްޤީވެގެން މިދަނީ، ފަސް މިލިއަން މީހުންނަށް ފަސޭހައިން އައިސް އުޅެވޭނެ ފެންވަރަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމަށް ބޭނުންވާ ފައިސާގެ މިންވަރަކީ، ކުޑަ މިންވަރެއް ނޫން ކަމަށާއި، ސަރުކާރުގެ ބަޖެޓުން މިކަމަށް 500 މިލިއަން ޑޮލަރު ނަގައިގެން ނުވަތަ ދަރަނިވެރިވެގެން މިކަން ކުރަން އުޅުނުނަމަ، ރާއްޖޭގެ އިޤްތިޞާދު މިއަދު އޮންނާނީ މުޅިން ހަލާކުވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެއަރޕޯޓް މިއުޞޫލުން ހިންގާން ފެށީމާ، ރާއްޖެއަށް ލިބެމުން އަންނަ ފައިދާ، ކުރިއަށްވުރެ ތިންގުނަ ބޮޑުކަމުގައިވެސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެ ތަރައްޤީ ކުރުމަށާއި، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގިނަގުނަ ޚިދްމަތްތައް ފޯރުވައިދިނުމަށްޓަކައި ބޭނުންކުރުން ބުއްދިވެރީ، އަޅުގަނޑުމެންގެ އަތުގައި މިވަގުތު ހަމައެކަނި އޮތް އެއްޗެއް ނޫން ކަމަށާއި، އަޅުގަނޑުމެންގެ އަތުގައި މާދަމާ އޮންނާނެ މުއްސަނދިކަންވެސް އެއީ އަޅުގަނޑުމެންގެ ތަރައްޤީއަށް ބޭނުންކުރެވެން އޮތް ވަސީލަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.