އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުޙަންމަދު ނަބީ ޙައްސާނީ ޕޯރ، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އީރާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި އީރާނާ ދެމެދު ޒަމާނުއްސުރެ ވަރަށް ގާތް ގުޅުންތަކެއް އުފެދިފައިވާ ކަމަށާއި، ރާއްޖޭގެ އިސްލާމީ ޘަޤާފަތް ބިނާވެފައި އޮތީ އީރާނުގެ ޘަޤާފަތުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، އެކި ދާއިރާތަކުން ރާއްޖޭއަށް ތަރައްޤީ ގެނައުމުގައި އިރާނާ ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވިދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް އެކި ގޮތްގޮތުން ދެއްވަމުން ގެންދަވާ އެހީފުޅުތަކަށާއި، ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ދެއްވުމަށް ނިންމަވާފައިވާ އެހީތަކަށްޓަކައި އީރާންގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.