ދައުލަތާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ބޭނުންތަކުގެ މައްޗަށް އެފަދަ މަޝްރޫޢުތައް ބައްޓަންކޮށް، ލާމަރުކަޒީކޮށް ޚިދުމަތްދިނުމަކީ އެމަނިކުފާނާ އަދި ސަރުކާރުގެ ފަލްސަފާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބ. ކެންދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމުގައި ކުރިއަށް ވަޑައިގަންނަވާނީ، ރައްޔިތުންގެ ގާތަށް އެމަނިކުފާނާއި، ކެބިނެޓް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން ވަޑައިގެން، ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުއްވައިގެން ކަމަށެވެ. އަދި، އެމަނިކުފާނާއި، ދައުލަތުގެ ފަލްސަފާއަކީވެސް އަދި ޤަބޫލުފުޅުކުރައްވާ ހަމައަކީ ލާމަރުކަޒީކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީކޮށް ޚިދުމަތްދިނުމަކީ އެމަނިކުފާނު ތަޖުރިބާކުރައްވާފައިވާ ނިޒާމެއްކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ފުރިހަމަކަމާއި، އޭގެ މުހިންމުކަމާއި، އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުންނަށް ލިބިގެންދާ ފައިދާ ފެނިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކައުންސިލްތަކުގެ މުނިސިޕަލް ޒިންމާތައް އަދާކުރުމުގައި އިޚްލާޞްތެރިވުމާއި އަމާނާތްތެރިވުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ވަރަށްވެސް މުހިންމު ނިޒާމެއްކަމަށާއި ސިޔާސީ ތަޢައްސުބުން އެއްކިބާވެ، ސަރުކާރާއެކު އެއްބައިވެ، ޒިންމާދާރުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކައުންސިލްތަކުން ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ކައުންސިލްތަކުގެ ކުންފުނިތަކުން އެންމެ ކުދި އަދި ކުދި ވިޔަފާރިތަކަށްވަނުން ހުއްޓުވުމަށް ގެނައި ޤާނޫނީ އިޞްލާޙްގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އެފަދަ އިޞްލާޙެއް ގެނައީ، އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރިތައް ހިމާޔަތްކޮށް، އެފަދަ ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ރައްޔިތުންގެ ލާބައަށްކަމަށާއި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާއެކު ދެމިތިބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ކެންދޫގެ ތަރައްޤީ ފުރިހަމަކުރުމަށް 10 ވަޢުދެއް ވެވަޑައިގެންފައިވާނޭ ކަމަށާއި އެކަންކަމާއި އަދި އިތުރު ވަޢުދުތައް ފުރިހަމަކުރެއްވުމުގައި ސަރުކާރުން މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، ރަށަށް ބޭނުންވާ ޞިއްހީ، ތަޢުލީމީ، އަދި ކުޅިވަރުގެ މަޝްރޫޢުތައް ރޭވިފައިވާ އުސޫލުގެ ދަށުން ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ކެންދޫގެ ބިން ހިއްކުމާއި، ބަނދަރު އަޕްގްރޭޑްކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން، އެރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވިއެވެ.

މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ. މި ދަތުރުފުޅުގައި، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.