ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް ސީޝެލްސްގެ މިނިސްޓަރ ފޮރ ހޯމްއެފެއާޒް، އެންވަޔަރަންމަންޓް، ޓްރާންސްޕޯޓް އެންޑް އެނަރޖީ މިސްޓަރ ޖޯލް މޯގަން އާއި، މިނިސްޓަރ ފޮރ ފޮރިން އެފެއާޒް މިސްޓަރ ޖީން ޕޯލް އެޑަމް އާއި، މިނިސްޓަރ ފޮރ އިންވެސްޓްމަންޓް، ނެޗުރަލް ރިސޯސަސް އެންޑް އިންޑަސްޓްރީ މިސްޓަރ ޕީޓަރ ސައިނަން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ދާއިރާތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، މި ތިންބޭފުޅުންނާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ރާއްޖޭގައި މެރިޓައިމް ކުންފުންޏެއް ހެދުމާއި އަދި އެކަމަށް މީހުން ތަމްރީނު ކުރެއްވުމާ ބެހޭގޮތުންނާއި، ރާއްޖެއާއި ސީޝެލްސްއާ ދެމެދު ސަރަޙައްދީ ފެންވަރުގައި އެއަރލައިން ކޯޕަރޭޝަނެއް އުފެއްދުމާ ގުޅޭގޮތުންނާއި، މަސްވެރިކަމުގެ ދާއިރާއިން އެހީތެރިވެވިދާނެ ރޮނގުތަކާ ބެހޭގޮތުންނެވެ.

މިބޭފުޅުންގެ އިތުރުން، ސީޝެލްސްގެ ސެންޓްރަލް ބޭންކްގެ ގަވަރނަރ ޕިއަރޭ ލަޕޯޓްވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސީޝެލްސްގެ އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް ހިންގެވި ޕްރޮގްރާމާބެހޭ މަޢްލޫމާތު، ސެންޓްރަލް ބޭންކްގެ ގަވަރނަރ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި އެ ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސެންޓްރަލް ބޭންކްގެ ގަވަރނަރ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވައި، ސީޝެލްސްގައި މިހިންގެވި އިޤްތިޞާދީ ޕްރޮގްރާމްގެ މަޢްލޫމާތު ދެއްވައި، އެޕްރޮގްރާމުން ލިބިވަޑައިގެންނެވި ތަޖްރިބާ، ރާއްޖޭގެ ކަމާބެހޭ ބޭފުޅުންނާ ޙިއްޞާކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ސީޝެލްސްގެ ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ލެއޮޕޯލްޑް ޕަޔެޓާއި، ކޮމިޝަނަރ އޮފް ޕޮލިސް އާރނެސްޓް ކޯޓާރވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސީޝެލްސްގެ ކުރީގެ ރައީސް އަދި އެޤައުމުގެ ބާނީ ސަރ ޖޭމްސް މަންޗަމާވެސް މިއަދު ބައްދަލު ކޮށްލެއްވިއެވެ.