މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) އިން ފާދިއްޕޮޅު މާފިލާފުށީގައި ޤާއިމުކުރި ކޯސްޓް ގާރޑް ޓްރެއިނިންގ ސްކޫލާއި، މެރީން ކޯރ ޓްރެއިނިންގ ސްކޫލް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި، މާފިލާފުށީގައި މިއަދު ހަވީރު ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ތަރައްޤީ ކުރުމަށާއި، އަދި ރާއްޖޭގެ ދިފާޢީ އެންމެހާ ކަންކަން ހެޔޮމަގުގައި، ކަށަވަރު ގޮތުގައި ދެމެހެއްޓުމަށްޓަކައި، ކަނޑުގެ ހުނަރުތަކާއި، ކަނޑުގެ ތަޖުރިބާ، ދިވެހިންނަށް ލިބެންޖެހޭ ކަމީ އެނގެން އޮތް ޙަޤީޤަތެއް ކަމުގައި ވިދާޅުވިއެވެ.
"މިރާއްޖޭގެ ސިފައަކީ، މިރާއްޖޭގެ ސަރަޙައްދުގެ އެންމެ ޕަސެންޓަކީ ބިމަށްވެފައި، ފަހަށްވެފައި އޮންނަ އޮތުމެއްނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ މުއްސަނދިކަން، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތު، މިއަދާ ހަމައަށްވެސް ތަނަވަސްކަމާއެކީގައި ގެނެސްދިނުމުގައި އެންމެ ބޮޑު އެއް ޙިއްސާއެއް ކުރާތަނަކީ ކަނޑުގެ ރޯދި. އަޅުގަނޑުމެންގެ މުޅި އިޤްތިޞާދު، ޓުއަރިޒަމާއި، އަދި މަސްވެރިކަން އެއީ، ކަނޑުގެ ރޯދީގެ މައްޗަށް ބިނާވެފައިވާ ދެ ޞިނާޢަތް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ސިފައިންނަށް އެކަމާ ގުޅޭ ހުރިހާ ހުނަރެއް އެންމެ ފުރިހަމައަށް ދިނުމަކީ، އަބަދުވެސް މި ރާއްޖޭގެ ވެރިންގެ ވާޖިބަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކޯސްޓް ގާރޑުގެ އެންމެހާ މަސައްކަތްތައް ފުރިހަމައަށް ހިންގިގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާ އެންމެހާ ޞިނާޢަތްތައް ދަމަހައްޓައި، ލަހައްޓައި، ނެގެހެއްޓޭކަށެއް ނޯންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ލަޝްކަރުތަކުގައި އެމް.އެން.ޑީ.އެފް.އަށް ބައިވެރިވެވޭނެ ފުރުޞަތުތަކެއް ފަހިކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައިވުމާއެކު، އެކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މި ސަބަބަށްޓަކައިވެސް މި ސެންޓަރުގެ ބޭނުންތެރިކަން މާބޮޑަށް އިތުރުވެގެންދާ ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު މި ޤާއިމު ކުރެއްވުނު ސެންޓަރަކީ، އެމް.އެން.ޑީ.އެފް.ގެ ތަރައްޤީގެ ޗޭނަށް އިތުރުކުރެވުނު ބޮޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހި ސިފައިންނާ މުޚާޠަބުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، އެމް.އެން.ޑީ.އެފް.އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މުހިންމުކަމަކީ، ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އޮޅިވަޑައިގެންފައި އޮންނާނެ ކަމެއްނޫންކަންވެސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މި ސަރުކާރުން އަދި އަޅުގަނޑު، ތިޔަބޭފުޅުންގެ މަސައްކަތުގައި ބައިވެރިނުވާނޭ އެންމެ ހިނދުކޮޅެއްވެސް ނުބާއްވާނަން. ހަމައެއާއެކުގައި އަޅުގަނޑު ޔަޤީން ކުރަން، ތިޔަބޭފުޅުންގެ ކިބައިން ސީދާ ސާދާކޮށް ޤާނޫނު ފާހަގަކުރާ، ހުއްދަކުރާ، ބަޔާންކުރާ ކަމެއް ނޫންކަމެއް މި ސަރުކާރަކުންނެއް ނޭދޭނަން." ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.
މާފިލާފުށީގައި ޤާއިމު ކުރެއްވި ކޯސްޓް ގާރޑް ޓްރެއިނިންގ ސްކޫލާއި، މެރީން ކޯރ ޓްރެއިނިންގ ސްކޫލް ހުޅުއްވައިދެއްވުމުގެ ގޮތުން، އެތާނގެ ނަންބޯޑު ރައީސުލްޖުމްހޫރިއްޔާ ކަޝްފު ކޮށްދެއްވައި، އެ ތާނގައި ޤައުމީ ދިދަ ނަންގަވައި ދެއްވިއެވެ.
މި ރަސްމިއްޔާތުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މާފިލާފުށްޓަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެމަނިކުފާނު މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރީން ފާދިއްޕޮޅު ހިންނަވަރަށާއި، ނައިފަރަށް މާދަމާ ވަޑައިގެން، އެ ދެރަށުގެ ރަށު ކައުންސިލާ ބައްދަލުކުރައްވާނެއެވެ.