بســماللّـهالرّحمـنالرّحيــم

 
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ހައުސިންގ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިއަތޮޅުގެއާއި އަދި ވަކިން ޚާއްޞަކޮށް ރަތަފަންދޫގެ އެންމެހައި ރައްޔިތުން.
 
السّـلام عليـكم
 
އަޅުގަނޑު ބައެއް ފަހަރަށް މިހާރު މިދައްކަމުން އަޅުގަނޑު ފާހަގަކުރަމުން ގެންދާ ނުކުތާތައް އެއްމޭރުމަކުން އެއް ބައްޓަމަކުން ފާހަގަކުރަމުން އެބަގެންދަން. އެހެންނަމަވެސް، ދެންމެ ވަރަށް އެހެން ކަހަލަ އިއްތިފާޤެއް އެދިމާވީ. އެވިދާޅުވި ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ މިއަހަރު ސަރުކާރުން ކޮށްދޭނަން. ކަންދިމާކުރިގޮތުން އެހުރިހާ ކަމަކަށްވަނީ ބަޖެޓް ކުރެވިފައި. ބަޖެޓް ވަނީ ފާސްވެފައި. ހަމަ އަސްލަމް ޓެންޑަރ ކުރެއްވީމާ، އެމަސައްކަތް ކުރިޔަށް ގެންދަވަނީ. އިރާދަކުރެއްވިއްޔާ އެކަންކަން ކުރިޔަށްދާނެ. ދެން ވަޒީފާގެ ފުރުޞަތުތައް އެއީ، ތަންކޮޅެއް ދިގު މުއްދަތުގައި ކޮށްދެވޭނެ ކަމެއް. އެކަންވެސް އަޅުގަނޑުމެން ކުރިޔަށް ގެންދާނެ. އެހެންވީމާ، ވާހަކަ ދައްކަން އަޅުގަނޑު ފެށުމުގެ ކުރީގައި، ބޯޅަދަނޑު ހެދުން، އިރާދަކުރެއްވިއްޔާ އެކަން ކުރިޔަށްދާނެ. ގިރާ ސަރަޙައްދު ޙިމާޔަތްކުރުން، އެހެންވީމާ ރާޅުއެރުން ހުއްޓުވުން، އިރާދަކުރެއްވިއްޔާ އެކަން ކުރިޔަށް ދާނެ. ދެން ވިދާޅުވީ، ވަޒީފާގެ ފުރުޞަތުގެ ވާހަކަ. ދެން ވަޒީފާގެ ފުރުޞަތުތައް، އަދި ޞިއްޙީ ޚިދުމަތް ރަނގަޅު ކުރުމާއި، އަދި އޭގެ އިތުރުން ދަތުރުފަތުރުގެ ކަންތައް ރަނގަޅުކުރުން.
 
މިސަރުކާރުން ބަލަމުން ގެންދިޔައިން، އަބަދުވެސް މިރާއްޖޭގައި ކަންތައްތައް ހިނގަމުން އަންނަ އުސޫލަކީ ކޮބައިތޯއާއި، އަދި މީހުންގެ މެދުގައި އެވެނިކަމަކާއި މިވެނިކަމެއް ވެގެން އައިސް، ރާއްޖޭގެ ތަރައްޤީއަށް ފަހިވާ ކަންކަމަކީ ކޮބައިތޯ، އަދި ރާއްޖޭގެ ތަރައްޤީއަށް ހުރަސްއެޅޭ ކަންކަމަކީ ކޮބައިތޯ. އަޅުގަނޑުމެންގެ އަމާޒަކީ، ރަތަފަންދޫގެ ތަރައްޤީ. އަޅުގަނޑުމެން ބޭނުމީ، ރަތަފަންދޫ ރައްޔިތުންނަކީ، ތަނަވަސް މުއްސަނދި ބަޔަކަށްވުން. މިސަރުކާރުގެ ސިޔާސަތުތައް ބިނާވެފައި މިހުރީ، ރަތަފަންދޫ މުއްސަނދި ކުރުމަށްޓަކައި. ސަރުކާރު އުފެދުމުގެ ކުރީގައިވެސް ސަރުކާރުގައި އޮތް ރަތަފަންދޫއާ ގުޅޭ ތަޞައްވުރެއް. އަޅުގަނޑަށް ޔަޤީން، ރަތަފަންދޫ ރައްޔިތުން މިކަމަށް އެއްބަސްވާނެކަމަށް. އަޅުގަނޑުމެން ރަތަފަންދޫއާ ގުޅޭގޮތުން ލިޔާން ފެށީކީ، ވާހަކަ ދައްކާން ފެށީކީ، މިއަދަކު ނޫން. އަޅުގަނޑު ވަރަށް ސާފުކޮށް ހަނދާން އެބަހުރި. އަޅުގަނޑު ލިޔުންތެރިޔެއްގެ ގޮތުގައިވެސް މިރަށާ ގުޅޭގޮތުން ލިޔެ އުޅުނިން. އަދި ވަކިން ޚާއްޞަކޮށް ހަނދާން ހުންނަނީ، އޭރުގެ މ.އަތޮޅުގެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝަފީޤުއާއި އަޅުގަނޑާ ދެމީހުން ރަތަފަންދޫއާ ގުޅޭ ސިލްސިލާއެއް އަޅުގަނޑުމެން ލިޔުނިން. އިރާދަކުރައްވައިގެން ރަތަފަންދޫގެ ބަނދަރު، އޭރުގައި ބަނދަރު ހަދަމުންދިޔައިރުގައި އެބަނދަރު ލިސްޓަށް އެހެންވެ ރަތަފަންދޫގެ ބަނދަރު ހިމެނުނު. އަޅުގަނޑުމެންނަށް ފެނުނު ގޮތުގައި އަދި މާކުރިއްސުރެވެސް އަޅުގަނޑަށް މިރަށް އަޅައިގަނޭ. ރީތި ރަނގަޅު، އަދި ކޮންމެހެން ތަރައްޤީ ގެންނަންޖެހޭނެ ރަށެއްކަމަށް. އަޅުގަނޑު މިދަންނަވަނީ ރާއްޖޭގައި އެއްވެސް ރަށެއް، ތަރައްޤީ ގެންނަން ނުޖެހޭ އޮތްކަމަކަށެއް ނޫން.
 
ތަރައްޤީއަކީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކި އިރެއްގައި، ވަކި ގޮތަކަށް ކުރީމާ ވާކަމެއް. އަޅާ ބިނާއަކުން، ކުރެވޭ ޢިމާރާތަކުން އެކަނި ހިނގާކަމެއް ނޫން. މިސަރުކާރަށް ފާހަގަވެފައިއޮތް ވަރަށް މުހިންމު ޙަޤީޤަތަކީ، މި ރަތަފަންދޫގެ ރައްޔިތުންގެ ތެރެއިން، ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ އެމީހުނަށް ދުވާލަކަށް ފަނަރަ ވިހި ރުފިޔާ ނުލިބޭ މީހުން. ނިކަމެތިންނޭ، ފަޤީރުންނޭ. ރަތަފަންދޫގެ ޚިދުމަތްތައް، އަދި ރަތަފަންދޫ ރައްޔިތުންނަށް ލިބެންހުރި ޞިއްޙީ ޚިދުމަތްވެސް، އަދި ތަޢުލީމީ ޚިދުމަތްވެސް އެކަށީގެން ނުވާކަން އަޅުގަނޑުމެން ޤަބޫލުކުރަން. ރައްޔިތުން ހިތްހަމަނުޖެހޭކަންވެސް އަޅުގަނޑުމެން ޤަބޫލުކުރަން. އެކަން އެހެން އޮވެ، އެކަން ރަނގަޅުކުރުމުގެ މަސައްކަތްތަކެއް ފަށަންޖެހިފައި އޮތްއިރު، އަދި ފަށަމުން އަޅުގަނޑުމެން ގެންދާއިރު، ދެން ނުކުންނަ އަނެއް ޙަޤީޤަތަކީ މިހާރު މިހުރި ކަމުނުދާ ޚިދުމަތްތަކަށްވެސް ރަތަފަންދޫ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަށް އަތެއް ނުފޯރައޭ. މިހުރި އެކަށީގެންނުވާ، ތިނަދޫން ލިބެން ހުންނަ އެކަށީގެންނުވާ ޚިދުމަތްކަމަށް އަޅުގަނޑުމެންނަށް ދެކެވޭ ބައެއް ކަހަލަ ޚިދުމަތްވެސް، އަދި ކައިރި އެހެން ރަށްރަށުން ލިބެން ހުންނަ އެކަށީގެންނުވާ ޚިދުމަތްވެސް މިރަށުގެ ރައްޔިތުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް، އަދި ދެބައިކުޅަ އެއްބައި މީހުންނަށް އެޚިދުމަތްތަކަކަށް އަތެއް ނުފޯރައޭ. ރަތަފަންދޫ މީހުން ބަލިވީމާ، ޑޮކްޓަރަށް ދެއްކުނަސް، ބޭސްސިޓީއެއް ލިބުނަސް،         އެ ސިޓީގައި އެހުރި ބޭސް ހޯދުމަށް އެކެއްގެ ކައިރިން އަނެކެއްގެ ކައިރިން އާދޭސް ކުރަމުން، އެއް ފައިސާވެރިއެއް ކައިރިން، އަނެއް މަހުޖަނެއް ކައިރިން ސަލާން ޖަހަމުން ދާންޖެހޭ ޖެހުން މިއަދުވެސް މިވަނީ ގިނަވެފައި. ފަޤީރުކަން، ބައެއްގެ ތެރޭގައި ނިކަމެތިކަން އެ ދަރަޖައަށް ހުއްޓާ އެބަޔަކު ތަރައްޤީކުރަން ވަރަށް ދަތިވާނެ. އެރަށެއް އަރައިގަންނަން ވަރަށް އުނދަގޫވާނެ. ޢިމާރާތެއް އެޅިދާނެ. ބޮޑު މިސްކިތެއް ހެދިދާނެ. އެއްގަމު ތޮށްޓެއްވެސް އެޅިދާނެ. އަދި ބޮޑުހިލަ ބަނދަރެއްވެސް ހެދިދާނެ. ފާރާއި ވަށާފާރުވެސް ލެވިދާނެ. ކޮންމެ ކަމެއްވެސް މިރަށުގައި ކުރެވިދާނެ. އެހެންނަމަވެސް، ރަތަފަންދޫ މީހާ ސަލާމަތް ނުވާހާ ހިނދަކު، އޭނާއަށް އެނގުމެއްނުވާހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ޙަޤީޤީ ތަރައްޤީއެއް އަޅުގަނޑމެނަކަށް ނުހޯދޭނެ.
 
ތަރައްޤީއަކީ ކޮބައިކަމާ ގުޅޭގޮތުން އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ. ޢުމްރާނީ ތަރައްޤީގެ ގޮތުގައި ރަށުއޮފީސްތައް ޢިމާރާތްކުރުމުން، ރައްޔިތުންނަށް އޭގެން ކުރާނޭ އަސަރެއް އަދި މިއޮތީ ދެނެގަންނަން ޖެހިފައި. އެހެންވީމާ، މިސަރުކާރުގެ ވަޢުދަކަށް، މި ޕާޓީގެ ވަޢުދަކަށް ވެގެން ދިޔައީ، ރައްޔިތުން ބޭސްސިޓީއަށް ސަލާންޖަހަން ޖެހުން އަޅުގަނޑުމެން ހުއްޓުވާލުން. އެހެންވެއޭ މަދަނައިގެ ވިއުގަ އުފެދިގެން އައީ. މިއަދު އަޅުގަނޑު ހިތްހަމަޖެހެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ޕާޓީއަށް ހިތްވަރު ލިބެނީ، މި ރަތަފަންދޫގެ 316 މީހުން މަދަނައިގައި ރަޖިސްޓަރީވެފައިވާތީވެ. އަދި މިދިޔަ 2010 ވަނަ އަހަރުގެ ތެރޭގައި، އެއްމިލިއަން އެއްލައްކަ ބާރަހާސް ރުފިޔާ އެމީހުންގެ ބޭސްފަރުވާއަށް، ރަތަފަންދޫ މީހުންގެ ބޭސްފަރުވާއަށް ޚަރަދު ކުރެވިފައިވާތީ. އެ ފައިސާވަނީ ދެވިފައި. އެފައިސާ ވަނީ ދޫކުރެވި، ދެވިފައި، މީހުން ބޭނުންކޮށްފައި. އެފައިސާ ދިނީކީއެއް އިތުރު ކަމަކަށެއް ނޫން. ހަމަ ސީދާ ބޭސްސިޓީއަށް.
 
އަޅުގަނޑު މިދެކެނީ، ރަތަފަންދޫގައި މިއަދު 2008 ވަނަ އަހަރުގައި ބޭސްސިޓީއަށް މީހުން ސަލާންޖެހި މިންވަރަށްވުރެ މިއަދު އެމީހުންގެ ހާސްކަން ކުޑަވާންޖެހޭނެއޭ. މިދެންނެވި އެއްމިލިޔަން އެއްލައްކަ ބާރަހާސްރުފިޔާ ޚަރަދު ކުރީކީއެއް އިތުރުކަމެއް ކުރާކަށެއް ނޫނޭ، މެޓާ ގަންނާކަށެއް ނޫނޭ، ހަމަ ބޭހަށޭ. އަދި އެކަން ކުރީކީއެއް، ހެލްތް ސެންޓަރަށް އެލާރި ދިނީކީއެއްވެސް ނޫނޭ، ހަމަ ބަލިވިމީހާއަށޭ ދިނީ. އަޅުގަނޑު މިދެކެނީ، ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން             މި ނިޒާމުގެ ތެރެއިން ހޯދަމުން އެބަގެންދެވެއޭ.
 
އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ހުވަދުއަތޮޅުގެ ހުރިހާ ރައްޔިތުން މަދަނައިގައި ރަޖިސްޓަރީވުން. ހުރިހާ ރައްޔިތުންނަށްވެސް އެ ޚިދުމަތް، މި އެހީތެރިކަން ފޯރުކޮށްދިނުން. އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކުގައި ތިޔަބޭފުޅުންގެ ކިބައިން އެހެންވެ މިއެދެނީ، އަޅުގަނޑުމެނާއެކުގައި މަސައްކަތް ކުރާނެ ބަޔަކު އިންތިޚާބު ކޮށްދެއްވާށޭ. އެމް.ޑީ.ޕީ.އަށް އެ ފިކުރުގެ ބަޔަކު މިރަށުގެ ރަށުކައުންސިލަށް، އަދި މިއަތޮޅުގެ މިދާއިރާގެ އަތޮޅު ކައުންސިލަށްވެސް އިންތިޚާބު ކޮށްދެއްވާށޭ. އެއިއްޔޭ އަޅުގަނޑުމެންގެ ސިޔާސަތަކީ، ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަމަކީ. ރަތަފަންދޫ ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުމޭ. އެކަމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުޞަތު އަޅުގަނޑުމެނަށް ދެއްވާށޭ. ތިޔަބޭފުޅުން އަޅުގަނޑުމެނާއެކުގައި ނުކުންނަވާށޭ. ރަތަފަންދޫ ތަރައްޤީ ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ތިޔަބޭފުޅުން ރުހެންޏާ މާދަމާވެސް އަޅުގަނޑުމެން ނުކުމެ، އަނެއްކާ އަލުން މާބާރަށް އެކަމާ އުޅެގަންނަންވީ.
 
ރަތަފަންދޫއަށް އަޅުގަނޑު ކިތަންމެ ފަހަރަކު އަތުވެއްޖައިން. އަޅުގަނޑު އައި އެއްފަހަރު މިރަށުން އަދި އަޅުގަނޑުމެން މިރަށުގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން، ޕާޓީގެ އެކިއެކި މެންބަރުން މިރަށުގެ ހުރިހާ ގެއަކަށް ވާނީ ވަދެފައި. މިރަށުގެ ހުރިހާ ރައްޔިތުންގެ ޙާލު އަޅުގަނޑުމެނަށް އޮތީ ބެލިފައި. ރައްޔިތުންގެ އަޑު އަޅުގަނޑުމެންނަށް އޮތީ އިވިފައި. އަޅުގަނޑުމެނަށް އެނގުނު އަނެއް ޙަޤީޤަތަކީ މިރަށުގެވެސް ދޮށީޢުމުރުގެ މީހުން އުޅެމުންގެންދިޔަ ބިކަ ޙާލު. މުޅި ޙަޔާތް އެކީގައި، ޤައުމު ބިނާކުރުމުގައި، ޢާއިލާ ބިނާކުރުމުގައި، ރަށް ތަރައްޤީ ކުރުމުގައި މަސައްކަތް ކޮށްފައި. އަތްފައިގައި ބާރު ދިޔައިމާ ދެން އަޅާލާނެ ހަމަ އެކަކުވެސް ނެތް. ހަނދާނެ ގޮތެއްވެސް އުޅޭނެ ގޮތެއްވެސް ނެތް. އެހެންވީމާ، ގެއްލުންވަނީ ހަމަ އެކަނި އެ ދޮށީޢުމުރުގެ މީހާއަކަށް ނޫން. އަޅުގަނޑުމެން ޢުމުރުގެ މީހުންނަށްވެސް. އެއީ، ދޮށިވީމާ ދެން ހަދާނެ ގޮތަކާ ގުޅޭގޮތުން ހާސްވަނީ. އަތްފައިގައި ބާރު ދިޔައިމާ ކާކުތޯ ބަލާނީ، އެހެންވީމާ، ދަރިންގެ މައްޗަށްވެސް މާބޮޑަށް ބަރޯސާ ކުރެވެނީ. އެހެންވީމާ، ދަރިންވެސް ވަކިގޮތަކަށް ނޫން ގޮތަކަށް އުޅުމަށް ވީއްލާނުލެވެނީ. އެހެންވީމާ، ހިފެހެއްޓެނީ. އެހެންވީމާ، ޒުވާނުންވެސް އެމީހުންގެ ސީދާ ގޮތުގައި، ސީދާ ޖޯޝުގައި ގޮސް ރަށުގެ ތަރައްޤީގަޔާއި އެހެނިހެން ކަންކަމުގައި ޝާމިލުވެ އުޅުމަށް ދަތިވަނީ.
 
މިރާއްޖެ އަޅުގަނޑުމެނަށް މިގޮތަށް ލިބިފައި މިއޮތީ، ދޮށީޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީމާ. އެމީހުން މަހަށް ފަރަށް ދިޔައިމާ، ރުކަށް އެރީމާ، ވަލަށް ދިޔައިމާ، ދަނޑަށް ދިޔައިމާ، އެމީހުން ގާ ނެގީމާ، އެމީހުން އެތައް އެތައް މަސައްކަތެއް ކޮށް ހެދީމާ. މިއަދު މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ އަޅުގަނޑުމެން ދެކޭއިރުގައި، އެކަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކުން އެއީ، ހަމަ ކަށަވަރުންވެސް އަޅުގަނޑު ނިސްބަތްވާ ސިޔާސީ ޕާޓީ ޤަބޫލުކުރާ ފަލްސަފާއެއް ނޫން. އެހެންވެ، އެމް.ޑީ.ޕީ. ވަޢުދުވީ، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި، އާމްދަނީ މަދު 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް ދެހާސް ރުފިޔާގެ ޕެންޝަނެއް ދޭނަމޭ. އަޅުގަނޑަށް، އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މި ސަރުކާރަށް ހިތްވަރު މިލިބެނީ، މިއަދު މި ރަތަފަންދޫގެ 106 މީހަކު އެ ޕެންޝަން ނަގަމުންދާތާ މިހާރު މިވީ 2 އަހަރު. މިރަށަށް ކޮންމެ މަހަކު ދެލައްކަ ބާރަހާސް ރުފިޔާ، ޕެންޝަނުގެ ގޮތުގައި ދިނުމުގެ ފުރުޞަތު މި ސަރުކާރަށް ލިބިފައި އޮތްކަމުން އަޅުގަނޑުމެނަށް އުފާވެރިކަން ލިބޭކަމެއް.
 
އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ ރަތަފަންދޫގެ ތަރައްޤީ. އެ ތަރައްޤީ ހޯދުމަށްޓަކައި ކުރަންޖެހެނީ ވަކި ކަމެއް ވަކި ގޮތަކަށް، ވަކި މިނެއްގައި. އޭގެތެރެއިން އެއްކަމަކީ ނިކަމެތިން ސަލާމަތްކުރުން. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، ރަތަފަންދޫ 8 ފަރާތަކަށް، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ދެވޭ ފައިސާގެ ގޮތުގައި 2010 ވަނަ އަހަރުގެ 6 މަސްދުވަހުގެ ތެރޭގައި، ސާޅީސް ތިންހާސްރުފިޔާ    މި ރަތަފަންދޫއަށް ދެވިފައިވާތީވެ.
 
މިރަށަކީ، ބައެއް އެހެން ރަށްރަށް ފަދައިން މާގިނަ އިތުބާރުހުރި ސަރުކާރުގެ ވަޒީފާތައް ގިނަ ރަށެއްނޫން. އެހެންވީމާ، މިރަށުގެ އިޤްތިޞާދުގައި ދައުރުވާ ފައިސާގެ މިންވަރާއި އަދަދުވެސް ކުޑަ. އަޅުގަނޑުމެނަށް މިދެންނެވި ގޮތްގޮތަށް މިރަށުގެ އިޤްތިޞާދުގައި ފައިސާ ދައުރުވުމަށް ހޭދަކުރެވޭކަމީ، އަޅުގަނޑުމެނަށް ފެންނަ ފެނުމުގައި މިރަށުގެ ތަރައްޤީއަށް ފުރަތަމަ އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅު.
 
އަޅުގަނޑު މިރަށު ރައްޔިތުންގެ ކިބައިން، ޚާއްޞަކޮށް ޑީ.އާރު.ޕީ. އާއި އަދި އެއްވެސް ޕާޓީއެއްގައި ނުހިމެނޭ ރައްޔިތުންގެ ކިބައިންވެސް، އަދި ހަމަ އެމް.ޑީ.ޕީ. މެންބަރުންގެ ކިބައިންވެސް މިއެދެނީ، ތިލަފަތަށް ވޯޓް ދެއްވާށޭ. އެމް.ޑީ.ޕީ. ގެ ފިކުރަށް ވޯޓް ދެއްވާށޭ. އަޅުގަނޑުމެން ކުރާން މިއުޅޭ ކަންތައް ކުރުމަށް ފުރުޞަތު ދެއްވާށޭ. އަޅުގަނޑުމެނަށް ޒައްރެއްގެ މިންވަރަށްވެސް އެ ފުރުޞަތު ދެއްވައިފިއްޔާ، ހުރި ކަންތައް އަދި މާބާރަށް ކުރެވޭނެ. އަޅުގަނޑަކަށް ނަސީބެއް ލިބިފައެއް ނެތް، ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާއެކީގައި މަޝްވަރާކޮށްގެން މިރަށަށް ބޭނުންވާ ކަންކަން ކުރާކަށް. ތިޔަބޭފުޅުންގެ ވަކީލަކާއެއް އަޅުގަނޑަކާ ދިމައެއް ނުވޭ. ތިޔަބޭފުޅުންގެ ވަކީލާ، ވަކީލުގެ ފިކުރު އެއީ، އަޅުގަނޑުމެންގެ ފިކުރާ އެއް ފިކުރެއް ނޫން. އެހެންވީމާ، އަޅުގަނޑުމެނަށް އެބޭފުޅާއާ އެކީގައި މަސައްކަތްކުރަން ވަރަށް ދަތި. އަޅުގަނޑު މިފަހަރު މިއެދެނީ، އެ ހުރަސް ދެން ކުރިމަތި ނުކުރައްވައި، ސީދާ އަޅުގަނޑުމެނާ ގުޅޭނެ ގޮތެއް ހައްދަވައި ދެއްވާށޭ. މާގިނަ ގޮތެއް، މާމޮޅު ގޮތެއް ވިސްނަވާނެކަމެއްނެތް. ނެތް އެގޮތެއް. އޮތް އެންމެ ރަނގަޅު ގޮތާއިގެން އަޅުގަނޑުމެނަށް މި ނުކުމެވެނީ. އަޅުގަނޑުމެނަކީވެސް ތަންދޮރު ނުދަންނަ ބައެއް ނޫން. އަޅުގަނޑަށްވެސް އަޅުގަނޑަށް މި ދެކެވޭ ވާހަކަވެސް ވަރަށް ސާފުކޮށް އެނގޭ. ތިމަންނާ ހޮވައިފިއްޔާ ބަނދަރު ހަދައިދޭނަމޭ، ކޮންތާކުންތޯ ހަދާނީ. ސާޅީސް މިލިޔަން ރުފިޔާ ނުދާ އެއްވެސް ބަނދަރެއް ނޯންނާނެ. ބަނދަރެއް ހެދޭނީ ހަމައެކަނި ސަރުކާރަށް. ރައްޔިތުން ކައިރީގައި އެވާހަކަ ދައްކާފައި، ހޮޅިތަކަކާއި ދަގަނޑުތަކަކާ ސިމެންތިކޮތަޅުކޮޅެއް ގެނެސް މިތަނުގައި ގާވަންދެން ބެހެއްޓިދާނެ. ކަމެއް ޙަޤީޤަތުގައި ކުރެވޭނީ އަބަދުވެސް ސަރުކާރަށް. ވަކި ފަރުދުންނަށް އެކަންކަން ކުރެވޭކަމަށްވަންޏާ ސަރުކާރު އެއޮތީ ފޭލްވެފައި. އެ ފަރުދު އަތުން ޓެކްސް ނަގަން އެއޮތީ މާބޮޑަށް ޖެހިފައި. އޭނާއަށް ގޮސް އަމިއްލައަށް ޤައުމެއް ބިނާކުރެވޭކަމަށްވަންޏާ ދައުލަތުގެ މާލީ ނިޒާމު އެއޮތީ އޮޅިފައި. އޭނާ އަތުން ނެގޭ ޓެކްސް އެއޮތީ މާބޮޑަށް ކުޑަވެފައި. އެކަމެއް ނުވާނެ، ޤަބޫލު ކުރައްވާ، އަޅުގަނޑުމެންނާ އެކީގައި ނުކުންނަވައިގެން ނޫނިއްޔާ އަޅުގަނޑަށް ހަމަ ވަރަށް ދަތި، ދެކެން އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެނަށް ލިބިދާނެ ކަމާމެދު. ތަރައްޤީވާން މިޖެހެނީ ރަތަފަންދޫ މީހާ. ރަތަފަންދޫއެއް ނޫން. އެމީހާ ތަރައްޤީ ކުރެވޭނީ، އޭނާގެ ކުޑައިރުއްސުރެ ތުއްތުއިރުއްސުރެ ފަށައިގެން ތަޢުލީމެއް އޭނާއަށް ދެވި، ރަނގަޅަށް ކަސްރަތު ކުރެވި، ރަނގަޅަށް ކުޅޭނެ ފުރުޞަތުތައް ލިބި، އަދި މަޖާކޮށް ހީ ސަކަރާތްޖަހާނެ ވަގުތު ރަނގަޅަށް ލިބި، މުޅި ޙަޔާތެއް އޭނާގެ ކުރިމައްޗަށް ފާހަގަވެގެން. އެކަން ކުރުމަށްޓަކައި، ތެދުފުޅެއް، މަދަރުސާއެއް އެކަންޏެއް ނޫން ބޭނުންވަނީ، ބޯޅަދަނޑެއް މާމުހިންމު އަޅުގަނޑުމެނަށް. އަޅުގަނޑު ދަންނަވައިފިން، އިރާދަކުރެއްވިއްޔާ މިތަނުގެ ބޭރުތޮށި ގިރާ ސަރަޙައްދު ޙިމާޔަތް ކުރެވޭ ވަގުތު، މިރަށުގެ ބޯޅަދަނޑުވެސް އިރާދަކުރެއްވިއްޔާ ސަރުކާރުން ހަދައިދެވޭނެ.
 
މިސަރުކާރަށް ހިތްހަމަޖެހުން ލިބޭ، މި މަދަރުސާގެ ދަރިވަރުންގެ ފޮތްފަންސުރު ގަލަމާއި އެފަދަ ތަކެއްޗަށް މިދިޔަ 2010 ވަނަ އަހަރު އެއްލައްކަ އެއްސަތޭކަ އަށްޑިހަ އަށްހާސް އަށްޑިހަ އަށްރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، ސަރުކާރަށް އުފާވެރިކަން ލިބޭކަމެއް. މިސަރުކާރުގެ އަމާޒަކީ އެތަކެތި އެބޭނުންވާ ބަޔަކަށް ލިބޭނެގޮތް ހޯދުން. މި ސަރުކާރަށް ހިތްވަރު ލިބޭ،          މި ރަތަފަންދޫން 13 ކުއްޖަކު އިމްތިޙާނުގައި ބައިވެރިވުމަށްޓަކައި ތޭވީސްހާސް ހަތްދިހަފަސްރުފިޔާ ޚަރަދު ކުރުމުގެ ފުރުޞަތު ލިބުމުން. އަޅުގަނޑުމެންގެ އަމާޒަކީ، މަދަރުސާއަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ވަށާޖެހޭ ތަޢުލީމެއްދޭ މަދަރުސާއަކަށް ހެދުން. އަޅުގަނޑުމެން ތިޔަބޭފުޅުންގެ ކިބައިން މިޕާޓީއަށް މި އެމް.ޑީ.ޕީ. އަށް ވޯޓެއް ދިނުމަށް މިއެދެނީ، އެކަން އަޅުގަނޑުމެން ކުރުމަށްޓަކާ. ތިޔަބޭފުޅުންގެ ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުމަށްޓަކާ. ރަނގަޅު ހަރުދަނާ ރަތަފަންދޫއެއް އުފައްދައިދިނުމަށްޓަކާ. އަޅުގަނޑު މިއެދެނީ ވޯޓު، އަޅުގަނޑަށް ދޭށެކޭ ނޫން. އަދި ޙަޤީޤަތުގައި އަޅުގަނޑު މިއެދެނީ ވޯޓު މިސަރުކާރަށް ދޭށެކޭވެސް ނޫން. މި ޕާޓީއަށް ދޭކަށެއްވެސް ނޫން. އަޅުގަނޑު މިއެދެނީ އުފަންވާން އޮތް ރަތަފަންދޫ ޖީލަށް ވޯޓު ދެއްވާށޭ. މިއަދު މިއޮތީ ހަވީރުވެ ނިމިފައި. އިއްޔެ ގެއްލިގޮސް، އަޅުގަނޑުމެނަށް ހޯދެންއޮތީ މާދަމާ އެކަނި. އަޅުގަނޑު މިއެދެނީ، މާދަމައަށްޓަކައި ތިޔަބޭފުޅުން ވޯޓް ދެއްވާށޭ. އެ ވޯޓް ތިލަފަތަށް ދެއްވާށޭ. އެވޯޓް އެމް.ޑީ.ޕީ. ކެންޑިޑޭޓުންނަށް ދެއްވާށޭ.
 
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުން އެއީ އެހެން ބައެއްގެ ފިކުރެއްނޫން. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީ.ގެ މަސައްކަތެއް. އެޕާޓީގެ ވިސްނުމެއް. ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އުސޫލުތައް ނިމުނުއިރުގައި އެއަކު ނެތް ލާމަރުކަޒު ކުރާ ވާހަކައެއް. އޭގައި އޮތީ، މިރާއްޖެއަކީ ޔުނިޓަރީ ދައުލަތެކޭ. އެހިސާބުން ޤާނޫނު އަސާސީގެ 7 ވަނަ ބާބު އަޅުގަނޑުމެނަށް ލިބުނީ މާފަހުން. އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، އެ އިޞްލާޙު އެއަށް ހުށަހެޅީތީވެ. އަދި އެ އިޞްލާޙު އަޅުގަނޑުމެން ހޯދި ހުތުރުގޮތް އަޅުގަނޑު މިއަދު ހަނދާނަށް ގެންނަން. އެހެން އެއްވެސް ރަށެއްގައި އަޅުގަނޑު މިވާހަކައެއް ނުދައްކަން. އޭރުގައި ވާދަވެރި ޑީ.އާރު.ޕީ އެދިލެއްވީ، ކުރީގެ ރައީސުންގެ އިމްތިޔާޒާއި ޙިމާޔަތް ޤާނޫނުއަސާސީގައި ލިޔެދިނުމަށް. ނުވަތަ އެ ރައީސަށް، ކުރީގެ ރައީސަށް، ރައީސްކަން ކުރައްވާ ބޭފުޅަކަށް ޙިމާޔަތް ހޯދުން. އެ ޙިމާޔަތާ އަޅުވާ އަޅުގަނޑުމެން އެދުނީ، ލާމަރުކަޒީ އުސޫލު ދޭށޭ. ލާމަރުކަޒީ އުސޫލަކީ އެންމެ މީހެއްގެ ސަލާމަތާ އަޅުވާލުން.  މިއީ އެމް.ޑީ.ޕީ. އިން ހޯދި އެއްޗެއް. ތިމަންނާއަށް ތިމަންނާއަށް ދޭށޭ. އޭރުން ފަހަރެއްގައި ރައްޔިތުންނަށް އެއްޗެއް ދީފާނެއޭ. އަޅުގަނޑުމެން ވާހަކަ ދައްކަންވެގެން މިއުޅެނީ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، މިދެންނެވި ފިކުރުގެ ވާދަވެރި ޕާޓީއަކާއެކީގައި.
 
އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި މިދަންނަވަނީ، އަޅުގަނޑެއް ތިޔަބޭފުޅުންގެ ލޯލާރިއެއްގައިވެސް ނުޖެހޭނަމޭ. އެންމެ ފައިސާފޮއްޗެއްގައިވެސް. އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި މަސައްކަތްކުރުން ހުއްޓައެއް ނުލާނަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކު 10 ގަޑިއިރު ތިޔަބޭފުޅުންނަށްޓަކައި މަސައްކަތް ކުރުމުގައި ދެމިހުންނާނަން.
 
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅާލެވިގެން މެނުވީ، އަޅުގަނޑުމެނަކަށް މިރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. އެ ތަރައްޤީއަށްޓަކައި ދަތުރުފަތުރުކުރުމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކޮށްދިނުމަށް އެމް.ޑީ.ޕީ. އިން ވަޢުދުވީ، 7 އަހަރުދުވަހުގެ ތެރޭގައި އެކަން ކުރުމަށް. ފުރަތަމަ 2 އަހަރުގެ ތެރޭގައި އޭގެ އަސާސީ ޚިދުމަތްތައް ފަށައިގަތުމަށް. އަޅުގަނޑު ވަރަށް އެއްބަސް. ހުވަދޫގައި އެކަން ހިނގާ މިންވަރު ވަރަށް ކުޑަ. މިސާލަކަށް، ހައްދުންމަތީގައި ނުވަތަ ކޮޅުމަޑުލުގައި އެކަން ހިނގާ، ނުވަތަ އައްޑޫގައި ނުވަތަ މުލަކުގައި އެކަން ހިނގާ މިންވަރަށްވުރެ. ހުވަދޫގައި އިރާދަކުރެއްވިއްޔާ މިއަހަރު މިކަން ހިނގާ މިންވަރު އެތައް ތަނަކުން އިތުރުވެގެންދާނެ.
އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނީ، ތިޔަބޭފުޅުންގެ ތަރައްޤީއަށް. މިސަރުކާރު ދެމިއޮންނަނީ އެންމެ ބޭނުމަކަށްޓަކައި، އެއީ އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށް، ތިޔަބޭފުޅުންނަށް ޚިދުމަތް ކުރުމަށް. އަޅުގަނޑަށް ފެންނަނީ ހަމަ އުޖާލާ މަންޒަރެއް. އަޅުގަނޑަށް ފެންނަނީ އުފާފާގަތިކަން. އަޅުގަނޑު ދަންނަވާނީ، އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މިރާގޭ.
 
والحمـد للّـه ، السّـلام عليـكم .
 
_______________________