ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މަޢުރަޒެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މަޢުރަޒު، "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު"ގެ ނަމުގައި ބޭއްވުމަށާއި އަދި މި މަޢުރަޒު 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ބޭއްވެވުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މި މަޢުރަޒަކީ ވާދަވެރި މާހައުލެއްގައި ބޭއްވޭ މަޢުރަޒަކަށް ހެދުމަށްޓަކައި، އެކި ދާއިރާތަކުން ވާދަކުރެވޭގޮތަށް މި މަޢުރަޒު ކުރިއަށް ގެންދެވުމަށާއި، ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމަނައިގެން މި މަޢުރަޒު ބޭއްވުމަށްވެސް ނިންމަވާފައިވެއެވެ. ހަމަ އެއާއެކު މި މަޢުރަޒު އިންތިޒާމްކޮށް ހިންގުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުންވެސް އަހަރުން އަހަރަށް މި މަޢުރަޒު ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިއުމަށް މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އައްޑޫ ސިޓީގައި "އިސްރަށްވެހިންގެ ހިޔާވަހި" ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ޚިދުމަތްތަކާއެކު، ދޮށީ އުމުރުގެ މީހުންނަށް ހާއްސަ "އިސްރަށްވެހިންގެ ހިޔާވަހި" ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން އައްޑޫ ސިޓީ ފޭދޫގައި ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން، ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުއްވުމަށް ނިންމަވާފައިވެއެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު އެމަނިކުފާނު ވަނީ ނިންމަވާފައެވެ.