ސައިންސްގެ ރޮނގުން، މުޅި ދުނިޔެއަށް ފައިދާކުރަނިވި މާހައުލެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ އަންހެނުންނާއި އަންހެން ކުދިންގެ ހަމަހަމަ ބައިވެރިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ.
އެމަނިކުފާނުގެ މެސެޖްގައި، ރާއްޖޭގެ ތަރައްޤީގެ ދަތުރު ބިނާވެފައިވަނީ ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށްކަމުގައި ވިދާޅުވެފައިވެއެވެ. މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ އިސްނެގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު މަތީ ތަޢުލީމާއި، ސްކޮލަރޝިޕް އަދި ފަންނީ ތަމްރީނުތަކަށް އަދުގެ ސަރުކާރުން ދެއްވާ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް)، އައި.ސީ.ޓީ އަދި މެރިން ސައިންސް ފަދަ ދާއިރާތަކަށް ދިވެހި އަންހެނުން ޝައުޤުވެރިވެ، މިދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުންދާތީ އެކަން ފާހަގަކުރައްވައި، އެކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ތައުރީފު ކުރައްވާފައިވެއެވެ.
ސައިންސްގެ ދާއިރާއިން އެންމެން ޝާމިލްވާ، ފާގަތި މުސްތަޤުބަލެއް ބިނާކުރުމުގެ ބިންގަލަކީ ފުރުޞަތުތައް ފަހިކޮށްދިނުންކަން ފާހަގަކުރައްވައި އެމަނިކުފާނުވަނީ، މި ދާއިރާގައި ހުރި ހުރަސްތައް ނައްތާލައި، ސައިންސްގެ ދާއިރާއިން ތައުލީމު އުނގެނުމާއި، ވަޞީލަތްތައް ފަހިކޮށްދެއްވައި އެކަމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިކަމުގެ މަޤްޞަދަކީ، ސައިންސްގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ކޮންމެ ދިވެހި އަންހެން ކުއްޖަކަށްމެ، އެ ރޮނގުން ތަޢުލީމު އުނގެނި، ބާރުވެރިކުރުވައި، ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ދިރާސާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ޑިޖިޓަލް ހުނަރުތައް ތަރައްޤީކުރުމަށް ސަރުކާރުން ދޭ އިސްކަމުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ޒުވާން އަންހެނުންނަށް އައު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއެކު، ޤައުމުގެ އީޖާދީ، އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގައި އަންހެންކުދިންނަކީ އިސް ސަފުގައި ޙަރަކާތްތެރިވާ ބަޔަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި، ސައިންސްގެ ދާއިރާއިން ކުރިއަށް ދިއުމުގައި ހުރި ޒަމާންވީ އިޖުތިމާޢީ ހުރަސްތައް ގިރާކުރައްވައި ކާމިޔާބީ ހޯއްދަވާފައިވާ އަންހެން ބޭފުޅުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވާފައިވެއެވެ. ޚާއްޞަކޮށް ޞިއްޙީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ޤައުމުގެ ޢިލްމީ ޚަޒާނާ މުއްސަނދިކޮށް، ޤައުމު ތަރައްޤީކުރުމުގައި އެ ކަނބަލުން އަދާކުރައްވާ ދައުރަކީ އަގުނުކުރެވޭ ފަދަ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އާ ހޯދުންތަކަށް ޝައުޤުވެރިކަން ހުންނަ ކޮންމެ ދިވެހި އަންހެން ކުއްޖަކަށްވެސް، ކުރިމަތިވާ ނިޒާމީ ހުރަސްތައް ނައްތާލައި، ޤައުމުގެ މުސްތަޤުބަލު ބިނާކުރުމުގައި އިސްދައުރެއް އަދާކުރުމުގެ ފުރުޞަތު، އެމަނިކުފާނުގެ ސަރުކާރުން ފަހިކޮށްދެއްވާނެކަން ކަށަވަރުކޮށްދެއްވާފައިވެއެވެ.
ދުވަހާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި، ސައިންސްގެ ދާއިރާއިން އަންހެނުން ކުރިއަށްދިއުމަށްޓަކައި މުޖުތަމަޢުގެ ތެރެއިން ބޭނުންވާ މުހިންމު ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ސައިންސްގެ ރޮނގުން އަންހެން ކުދިންގެ ކިބައިގައި ހުންނަ ހުނަރާއި ޤާބިލުކަން އެހެން ކުދިންނާ އެއްވަރުކަން ނުވަތަ އެއަށްވުރެ އިތުރުކަން ދިރާސާތަކުން ކަށަވަރުވާކަން ފާހަގަކުރައްވައި، ގޭތެރެއާއި ކިޔަވައިދޭ މާޙައުލުތަކުގައި ޒަމާނުއްސުރެ ޤަބޫލުކުރެވިފައިވާ ވިސްނުންތަކުގެ ސަބަބުން އެކުދިން ކުރިއަށްދިއުމަށް އަދިވެސް ހުރަސްތަކެއް ކުރިމަތިވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ކުދިންގެ ތަރުބިއްޔަތުގެ ކުރީކޮޅު ކުރިމަތިވާ މިފަދަ ހުރަސްތައް ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އަޒުމް ކަނޑައެޅުމަށް އެކަމަނާ ގޮވާލެއްވިއެވެ. އަދި ކޮންމެ އަންހެން ކުއްޖެއްގެ ކިބައިގައިވާ ފުރިހަމަ ޤާބިލުކަން ދެނެގަނެ، އެކަން ފާހަގަކޮށް، އެކުދިންނަށް ފުރިހަމަ ފުރުޞަތު ހޯދައިދިނުމަށްޓަކައި ބެލެނިވެރިންނާއި، މުދައްރިސުން އަދި މުޅި މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ، ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަގުވާމީ ދުވަހަކީ، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް (ސްޓެމް) ގެ ދާއިރާތަކުގައި އަންހެނުންނާއި އަންހެން ކުދީންގެ ފުރިހަމަ އަދި ހަމަހަމަ ބައިވެރިވުން ކަށަވަރުކުރުމަށް ބާރުއެޅުމުގެ ގޮތުން އދ. ގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ޚާއްޞަ ދުވަހެކެވެ.