ސަރުކާރުގެ ތިން ވަނަ އަހަރު ގުނަމުންދާއިރު ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މިހާތަނަށް ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތްކުރައްވައި އެފަދަ ގިނަ ނިންމެވުންތަކަކީ އެހާ މަގުބޫލު ނިންމެވުންތަކަކަށް ނުވިޔަސް އެކަންކަމަކީ ޤައުމަށް އެކަމުން ފައިދާވާނެކަންކަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން ވޭޕް މަނާކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އާދައިން ޤައުމު ސަލާމަތް ކުރުމަށްޓަކައި ޖެނެރޭޝަނަލް ބޭންއެއްގެ ގޮތުގައި ވަކި އުމުރެއް ކަނޑައަޅައި، 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވި އަދި އުފަންވާންތިބި ހުރިހާ އެންމެން އެކަމުން ސަލާމަތްކުރަން ނިންމެވީވެސް ޤައުމީ ވިސްނެވުމެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނަށް ކުރިމަތިކުރުވި ސުވާލެއްގެ ޖަވާބުދެއްވައި، އެކަން އޮތްގޮތް ވަނީ ސާފުކޮށްދެއްވާފައެވެ. އެގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވޯޓުލައްވަން ވަޑައިގަންނަވާ ފިރިހެން ބޭފުޅުންނަށްވެސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ ފަރާތްތަކަށް ވޯޓުލެއްވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ސުވާލެއް ކުރިމަތިކުރުމުން އެމަނިކުފާނު ވަނީ ވޯޓާއިމެދު ހޭލުންތެރިކަން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެ އިންތިޚާބެއް އެއް ދުވަހެއްގައި އޮންނައިރު، ކައުންސިލަށް ވޯޓުދޭ ގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްވެސް ފިރިހެން ބޭފުޅުންނަށް ވޯޓުދެއްވޭނެކަމުގައި ވިދާޅުވިއެވެ. އެގޮތުން މި ދެ އިންތިޚާބު އެކުގައި ކުރިއަށްދާއިރު ތިން ވޯޓު ކަރުދާސްކޮޅެއް ލިބިވަޑައިގަންނަވާނެ ކަމަށާއި އެއީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ އެހުމަށް އޮންނަ ވޯޓު ކަރުދާސްކޮޅާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު ކުރުމަށް އޮންނަ ކަރުދާސްކޮޅާއި ކައުންސިލް އިންތިޚާބު ކުރުމަށް އޮންނަ ކަރުދާސްކޮޅު ކަމުގައި ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ކަރުދާސްކޮޅެއް ލާނެ ވަކި ފޮއްޓެއް ހުންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީވެސް ސަރުކާރުން ޤައުމީ ވިސްނުމެއްގައި ކުރައްވާ ކަމެއްކަން ހާމަކުރައްވާ އެމަނިކުފާނު ވަނީ މިކަމުގެ ފަހަތުގައިވާ އެކިއެކި މުހިންމު ސަބަބުތައް ތިލަކޮށްދެއްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ހަ މަސްދުވަސް ތެރޭގައި ބޭއްވުމަކީ އެކަމުން ޤައުމަށް ފައިދާއެއް ނުކުރާ ތަނުގައި، އެކަމުން އެތައް ގެއްލުމެއް ކުރިމަތިވާ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެގޮތުން މިހާރު އޮތް ގޮތުންނަމަ، ރިޔާސީ އިންތިޚާބު ނިމި ސަރުކާރެއް ހޮވުމުން، އެ ސަރުކާރަކުން ކެންޑިޑޭޓުން ނެރެގެން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުން އެހެން ޕާޓީތަކުން ކުރިމަތިލާ މެންބަރުން ހޮވުމުގައި އޮންނަންޖެހޭ ހަމަހަމަކަން ނޯންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ގެއްލިގެންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު އަސާސެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމުގެ ފުރުސަތު ހުޅުވާލަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ މައިގަނޑު އެއް ބޭނުމަކީ ސަރުކާރު ޖަވާބުދާރީކުރުމުގެ ބާރަށް މެންބަރުން އިންތިޚާބުކުރާ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުންކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިގޮތުން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރެވި، ރައްޔިތުންގެ މަޖިލީހަށް އެކި ޕާޓީތަކުން ބޭފުޅުން ހޮވިގެންދާއިރު އެއީ އިންސާފުވެރިކަމާއި، ހަމަހަމަކަމާއެކު ބެހިފައިވާ މަޖިލީހެއް އަންނާނެ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު އޭގެ ހަޤީޤީ މާނައިގައި ހިނގައިގަތުމުގެ ފުރުސަތުދެވި، އަދި އެތަނަށް ހޮވޭ މެންބަރުންނަކީ، އެންމެ ގިނަ ރައްޔިތުން އެ ދުވަހެއްގައި ވޯޓުލާ ދުވަހު ހޮވޭ މެންބަރުންނަށް ހެދުމުގެ ފުރުސަތު ލިބިގެންދާ ކަމުގައިވެސް ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިހާރު މި ކުރިއަށްދާ ސުޕަރ މެޖޯރިޓީގެ ނިޒާމު އުވާލެވޭނީވެސް މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ ވިސްނުން ހުރީ ޤައުމުގެ ފައިދާއަށްކަމުގައި މިސާލު ދައްކަވައި، މިހާރު އޮތް ގޮތަށް ސުޕަރ މެޖޯރިޓީ މަޖިލީހެއް އޮވެ، ސަރުކާރުގެ ދައުރު ހަމަވާއިރު، ރިޔާސީ އިންތިޚާބު ކޮންމެ ގޮތަކަށް ނިމުނުނަމަވެސް، އެހެން ސަރުކާރުތަކާއި ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިތުރަށް ލިބެން އޮތް 6 މަސް ދުވަސް ދޫކޮށްލައްވައި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ތާޢީދުކުރައްވަނީ އެކަމުގެ ސަބަބުން ޤައުމަށް ކުރާނެ ފައިދާއަށް ވިސްނަވައިގެންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.