ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް، މ. ފައިޒާ، މުޙައްމަދު ނިޒާރު ޢައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ނިޒާރު އެ މަގާމަށް ޢައްޔަންކުރައްވާފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި، ގއ. ދެއްވަދޫ، ދޭލިޔާގެ، މުޙައްމަދު އަނަސް، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިއީ، ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަޖުރިބާ ހާސިލުކުރައްވާފައިވާ މުޙައްމަދު ނިޒާރު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރެއްވި ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށްވެސް އެމަނިކުފާނު ހުންނެވީ އެ ބޯޑުގެ ރައީސްގެ މަގާމުގައެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ އިސް މަޤާމުތަކުގައި، 14 އަހަރު ޚިދުމަތްކުރައްވާފައެވެ.