ނޭޝަނަލް ފިއުލް ސްޓޯރޭޖު ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށާ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ހާލަތު ދިވެހިސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، އަދި ކޮމިޓީގެ ޗެއަރ، މޫސާ ޒަމީރު ވިދާޅުވީ، އެ ވުޒާރާއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާ ގުޅިގެން، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތުން، ފިއުލް ސްޓޯރޭޖު ތަރައްޤީކުރާނެ ބައެއް ލޮކޭޝަންތައް ފާހަގަކުރެވިފައިވާކަމަށެވެ. ސްޓޯރޭޖު ގާއިމުކުރާ ސަރަޙައްދުތަކަކީ ދަތުރުފަތުރާ ގުޅުންހުރި ކަންކަމަށް ފަސޭހަ، އަދި މޫސުމީ ގޮތުން ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ބަލައިގެން އެންމެ އެކަށީގެންވާ ސަރަޙައްދުތަކަށް ވާންޖެހޭއިރު، އެ ތަންތަނަކީ ނިސްބަތުން ބޮޑެތި އުޅަނދުފަހަރަށް ކައިރިކުރެވޭ ގޮތަށްވެސް ހުރި ސަރަޙައްދުތަކަށް ވާންޖެހޭ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަވާ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މާލެ ކައިރި ސަރަޙައްދުން 2 ރަށެއްގެ ކައިރީގައި އޮތް ފަޅުގެ ސަރަޙައްދު ބެލުމުގެ މަސައްކަތްކުރިއަށްދާކަމުގައި ވަޒީރު ހާމަކުރެއްވިއެވެ. އަދި ތަނުގެ ފަރުމާއާއި ފައިނޭންސިންގްއާއި ގުޅުންހުރި ފީޒިބިލިޓީ ސްޓަޑީވެސް ކުރިއަށްދާކަމަށާއި، ކަމާ ގުޅުންހުރި ސާރވޭގެ މަސައްކަތް، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފެށޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަމާޒަކީ ކުރިއަށް އޮތް 2 ހަފުތާގެ ތެރޭގައި މިކަން ނިންމައި، ތަފްސީލީ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުން ކަމުގައި ވަޒީރު ވިދާޅުވިއެވެ. މިފަދަ ތެލުގެ ރިޒާވެއް ރާއްޖޭގައި ގާއިމުކުރުމާ މެދު ބިނާކުރަނިވި ފާޑުކިޔުންތަކެއްވެސް ލިބިވަޑައިގެންފައިވާއިރު، އެކަންކަމަށް މަރްޙަބާ ވިދާޅުވާ ކަމަށާ، އުފެދިފައިވާ ސުވާލުތަކަށް، ފީސިބިލިޓީ ސްޓަޑީގެ ތެރެއިން ޖަވާބުތަކެއް ލިބޭނެކަންވެސް މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ އެންމެ އަސާސީ ބާވަތަކީ ތެޔޮ ކަމުގައި ވާ ހިނދު، ދިވެހިރާއްޖެއަށް ބޭނުންވާ ތެލުގެ ސަޕްލައި ކަށަވަރުކުރުމުގައި މިވަގުތު އެއްވެސް ކަންބޮޑުވުމެއް ނެތްކަމުގެ ޔަޤީންކަން، މިއަދުގެ ބައްދަލުވުމުގައިވެސް ކޮމިޓީން ވަނީ ދެއްވާފައެވެ. ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ދަށަށް ނުދިޔަނަމަވެސް، އެއް ހަމައެއްގައި އަގުތައް ހިފެހެއްޓިފައިވާ ކަމަށާ، ޒަރޫރީ އެހެނިހެން ކާބޯތަކެއްޗާއި ބޭސްފަރުވާއާ ގުޅުންހުރި އުފެއްދުންތައް ލިބުމުގައިވެސް ކަންބޮޑުވުމެއް ނެތްކަން ކޮމިޓީގެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަނގުރާމައިގެ ކުއްލި ހާލަތަކަށް ދާންޖެހިއްޖެ ދަނޑިވަޅެއްގައި، ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ރިޢާޔަތްކުރައްވައި، ޚާރިޖީ ސިޔާސަތުގެ ދަށުންވެސް ގިނަގުނަ މަސައްކަތްތަކެއް، ކޮންމެ ދުވަހަކުވެސް ކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަން، ކޮމިޓީގެ މެންބަރު އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ދެއްވާފައެވެ. އެގޮތުން ޚާރިޖީ ވުޒާރާއިން ސިލްސިލާ ގޮތެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެކަންކަމުގެ ތަފްސީލީ އަދާހަމަ، އެކަމަނާ ވަނީ ހިއްސާކުރައްވާފައެވެ. ބޭރުގެ ޤައުމުތަކާއި އެކި މުއައްސަސާތަކާއެކު ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދެވޭ ކަމަށާ، ހަނގުރާމައިގެ ހާލަތު ކޮންމެ ދުވަހަކުވެސް ބައްލަވައި، ކަމާ ގުޅުންހުރި ފަރާތްތަކާ އެ ތަފްސީލުތައް ހިއްސާކުރައްވާ ކަމުގައިވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމުތަކާއި، އެނޫންވެސް ދޭދޭ ބައިވެރިންނާއެކު، އިސްނަގައިގެން ވާހަކަދައްކައި، ގާތްގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަމަށާ، ބައިނަލްއަޤުވާމީ މަންސަތަކުގައި ދިވެހިރާއްޖެއިން ބަސްބުނެ، ހަރަކާތްތެރިވަމުންދާނީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ދިވެހި ޤައުމީ މަސްލަޙަތު އިސްކުރައްވައިގެންކަމުގެ ޔަޤީންކަން، ޚާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ. ޤައުމުތަކުގެ މެދުގައި މިފަދައިން ކުރިއަށްގެންދެވޭ މަޝްވަރާތަކާ، ހުށަހެޅޭ ޤަރާރުތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް ސުލްޙައަށް ގޮވާލަމުން ދާކަމަށާ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމަށް ގޮވާލަމުންދާކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޚާއްޞަ ހާލަތްތަކުގައިވާ ފަރާތްތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަޙަތު ރާއްޖެއިން އިސްކުރާކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު މަސައްކަތްކުރައްވަނީ ޑީފޯލްޓަކަށް ނުގޮސް ކަންކަން ކުރެވޭނެ މަގުން ކުރިއަށް ވަޑައިގެންނެވުމަށް ކަމުގައިވެސް ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވީ، ކުރިމަތިވާ ކަންކަމުގައި ޤާނޫނާއި ޤަވައިދުގެ ތެރެއިން އެ ކަންކަން ޙައްލުކުރުމަށާއި، ބޭ އިންސާފުން އެއްވެސް މީހަކާ މެދުގައި އަމަލު ކުރެވިގެން ނުވާނެކަން ކަށަވަރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތުކަން ތަކުރާރުކުރައްވަމުންނެވެ.