ޝާމިލުކަމުގެ ސަގާފަތެއް އުފެދިގެންދާނީ ހޭލުންތެރިކަމާއި، އޯގާތެރިކަން ޤާއިމުކޮށް، މާނަހުރި މަސައްކަތްތަކެއް ކޮށްގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ދުނިޔޭގައި ފާހަގަކުރާ އޯޓިޒަމާ މެދު ހޭލުންތެރިކުރުވުމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އޯޓިޒަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ މުއްސަނދި ސިންދަފާތުގެ ތެރޭގައި ހިމެނޭ ބައެއް ކަމުގައި ސިފަކުރައްވައި، ކޮންމެ ފަރުދަކުވެސް އުނގެނި ކުރިއަރައިގޮސް، މުޖުތަމަޢުގައި ފުރިހަމައަށް ބައިވެރިވުމަށްޓަކައި، އަޅާލުމާއި، އިޙުތިރާމާއި ހަމަހަމަ ފުރުސަތުތައް ފަހިކުރެވެންވާނެކަމުގައި ވިދާޅުވިއެވެ. އަދި ގޭތެރެއިން ފެށިގެން މަދަރުސާތަކާއި މަސައްކަތުގެ މާޙައުލާއި އާންމު ތަންތަނުގައިވެސް ޝާމިލުކަމުގެ ސަގާފަތެއް އުފެދިގެންދާނީ ހޭލުންތެރިކަމާއި، އޯގާތެރިކަން ޤާއިމުކޮށް، މާނަހުރި މަސައްކަތްތަކެއް ކޮށްގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދުރާލާ ފަރުވާދޭން ފެށުމާއި، ޝާމިލު ގޮތެއްގައި ތަޢުލީމު ފޯރުކޮށްދިނުމާއި މުޖުތަމަޢުގެ ބަލައިގަތުމުގެ އިތުރުން އޯޓިޒަމް ހުންނަ މީހުންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީކޮށް، ދިރިއުޅުމެއް ބިނާކުރުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މުހިންމުކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި މިކަންކަމަކީ ޤައުމުގެ އިޖުތިމާޢީ ފޭރާން ހެޔޮކުރެވޭނޭ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، އޯޓިޒަމް ހުންނަ މީހުންނާއި އެމީހުންގެ ޢާއިލާތަކަށް ފަހި ތަނެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މަދަރުސާތަކުގައި ޝާމިލު ގޮތެއްގައި ތަޢުލީމު ފޯރުކޮށްދިނުމަށާއި، ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށާއި، އެފަދަ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ކޮންމެ މީހަކީވެސް އިހުތިރާމާއި އަމިއްލަ މަގުސަދަކާއެކުގައި މުޖުތަމަޢުގެ ބައެއްގެ ގޮތުގައި އިހުސާސްކުރެވި ދިރިއުޅޭ މީހެއްކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ މީހަކު އެމީހާގެ ގޮތުގައި ބަލައިގަނެ، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، ކަރާމާތްތެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް، އެންމެން ގުޅިގެން އަޒުމު ކަނޑައެޅުމަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުގައި ދުވަހާ ގުޅޭ ޚާއްޞަ މެސެޖެއް ޙިއްޞާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، ނިއުރޯޑައިވަރސިޓީ ބަލައިގަނެ، ޝާމިލު އަދި ދެމެހެއްޓެނިވި ތަރައްޤީ އެންމެންނަށް ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސިޔާސަތު ބައްޓަންކުރުމުގައި މިކަންކަމަށް ރިޢާޔަތް ކުރަންވާނެކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ކާމިޔާބީ ބިނާވެފައި އޮތީ، އޯޓިޒަމް ހުންނަ ފަރާތްތަކަށް ފެންވަރު ރަނގަޅު ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދީ، އެފަދަ ފަރާތްތައް ކުރިއަރައިދިއުމަށް ހުރި ހުރަސްތައް ނައްތާލުމުގެ މައްޗަށްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އޯޓިޒަމް ހުންނަ މީހުންގެ ކަރާމާތް އެއްވެސް ޝަރުތަކާނުލާ ރައްކާތެރިކުރުމާއި އެފަރާތްތަކުގެ ދިރިއުޅުމުގެ އަގުވަޒަންކޮށް، މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަތުމަށް އަޒުމު ކަނޑައެޅުމަށް އެކަމަނާވެސް އެދިވަޑައިގެންނެވިއެވެ.
އޯޓިޒަމާމެދު ހޭލުންތެރިކުރުވުމުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ.