ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އދ. މަންދޫ ޒުވާނުންގެ ދައުވަތަކަށް އެރަށަށް ވަޑައިގެން އެރަށު ފުޓްސަލް ދަނޑު މިއަދު ހަވީރު ހުޅުވައިދެއްވައިފިއެވެ.
މަންދޫ ޒުވާނުންގެ ދައުވަތު ޤަބޫލުފުޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މަންދޫއަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. މަންދުއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން ރަށު ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަންދޫގެ ފުޓްސަލް ދަނޑަކީ ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު މަންދުއަށް ވަޑައިގަތުމުން، ރަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވައި މި ނޮވެންބަރު މަހުގެ ނިޔަލަށް ނިންމަވައިދެއްވުމަށް ރަށުގެ ރައްޔިތުން އެދިވަޑައިގެންނެވުމުން އެކަމަށް އިޖާބަދެއްވައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކުރައްވައިގެން ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީކުރައްވައި، ލައިޓް ޖަހައި، ފުރިހަމަކުރައްވައި ނިންމެވި ދަނޑެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިއަދު މަންދޫއަށް ކުރެއްވި ދަތުރުފުޅަކީ މި ފުޓްސަލް ދަނޑު ހުޅުވައިދެއްވުމަށް ވަޑައިގެންދެއްވުމަށް ރަށުގެ ޒުވާނުން ދެއްވި ދައުވަތަށް އިޖާބަދެއްވައި އެރަށަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފެންވަރު ރަނގަޅު ޓަރފަކާއެކު މަންދޫގައި ސަރުކާރުން ތަރައްޤީކުރެއްވި ފުޓްސަލް ދަނޑު ހުޅުވައިދެއްވައި، ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗުގައި ބައިވެރިވެވަޑައިގެންފައެވެ. މިއަދު ހަވީރު ކުރިއަށްދިޔަ މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމާއި ދެކޮޅަށް ކުޅުނީ މަންދޫ ރައްޔިތުންގެ ޓީމެކެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި ފުޓްސަލް މެޗު 6 – 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރައީސުލްޖުމްހޫރިއްޔާގެ ޓީމުންނެވެ.