އެއްވެސް ކުއްޖަކު ބާކީ ނުވާ އިންކްލޫސިވް ތަޢުލީމީ ވެއްޓެއް ޤާއިމްކޮށް، ވޮކޭޝަނަލް ތަމްރީނު އިތުރަށް ފުޅާކޮށް، ޤައުމީ ތަޢުލީމީ ވެއްޓަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

އަށްވަނަ ބައިނަލްއަޤްވާމީ މުދައްރިސުންގެ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމުގެ ތަރައްޤީގައި ރައްޔިތުން، ޚާއްޞަކޮށް، މުދައްރިސުންގެ ހައްސާސް ދައުރަށް ބައްލަވާލައްވާފައެވެ. އެގޮތުން، ޤައުމީ މަންހަޖުގެ މައިގަނޑު ބިނާވެފައިވަނީ އިމްތިހާނުތަކާއި ސްކޫލް ދައުރު ނިންމުމަށްފަހު ދަރިވަރުން ދިރިއުޅުމުގެ މައިދާނަށް ތައްޔާރުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންފަރެންސްގެ މަޢުޟޫއުތަކަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހަރުދަނާ ތަޢުލީމީ ސިސްޓަމެއް ޤާއިމްކުރުމަށް ދަރިވަރުންގެ ކާމިޔާބީ ވަޒަންކުރުމުގައި ހަމައެކަނި ޖަހާ މިނަކީ އިމްތިހާނުތަކުގެ ނަތީޖާއަށް ވެގެން ނުވާނޭކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނަކީ ސިނާޢަތްތަކާއި، އީޖާދީ ވިސްނުންތަކާއި، ވިލުންތެރި އިޤްތިޞާދެއް ޤާޢިމްކުރުމަށް މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށްޓަކައި، ދަރިވަރުންގެ ބެކްގްރައުންޑާއި، ޤާބިލުކަމާއި، ކަންކަން ދަސްކުރުމުގައި ހުރި ދަތިތަކަށް ހައްލުހޯދައިދޭ އިންކްލޫސިވް ކްލާރޫމްތަކެއް ހުރުމުގެ މުހިންމުކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ޒަމާނީ ތަރައްޤީ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ޒަރީޢާއިން ދަރިވަރުންނަށް ކިޔަވައިދޭން ފަސޭހަވީ ނަމަވެސް، އެއީ މުދައްރިސެއްގެ މިންނެތް މަސައްކަތުގެ ބަދަލެއްގެ ގޮތުގައި ބޭނުންކުރެވޭ ކަމެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އެގޮތުން، އެފަދަ ވަޞީލަތްތަކުގެ ސަބަބުން ކިޔަވައިދޭން ފަސޭހަވީ ނަމަވެސް، މުދައްރިސުންނަކީ ދަރިވަރުންނަށް އަޚްލާޤާއި، އުޞޫލުތައް ދަސްކޮށްދީ، ދަރިވަރުންނަށް ހިތްވަރުދޭ ބައެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ ކަންކަމަށް ދައުލަތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުދައްރިސުންގެ މިންނެތް މަސައްކަތާއި އިސްނެގުން ނެތި އެއްވެސް ސިޔާސަތެއް، މަންހަޖެއް، އަދި އީޖާދީ ކަމެއް ކާމިޔާބު ނުވާނޭކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން މިމަހުގެ 12 އިން 13 އަށް ބާއްވާ މި ކޮންފަރެންސްގެ ތީމަކީ "ރީއިމޭޖިން، ރީތިންކް، ރިފޯމް – އެޑްވާންސިންގ އިނޮވޭޝަން ފޯ އެން އެކުއިޓަބަލް އެންޑް ރެޒިލިއެންޓް ފިއުޗަރ" އެވެ. މި ކޮންފަރެންސްގައި ރާއްޖެ އާއި ބޭރުގެ މުދައްރިސުންނާއި، ލީޑަރުންނާއި، ދިރާސާވެރިން ބައިވެރިވެ ތަޢުލީމީ ދާއިރާގެ ކުރިމަގު ބައްޓަންކުރުމުގެ ގިނަ މަޢުލޫމާތުތަކެއް ޙިއްސާކުރާނެއެވެ.