بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މާތްވެގެންވާ އިސްލާމްދީނުގެ އުޖާލާ އަލިކަމުން ޢާލަމްތަކަށް ނޫރާނީކަން ދެއްވި، އޯގާވަންތަ މާތްﷲއަށް ޙަމްދާ ޝުކުރު ދަންނަވަން. މި ދުނިޔޭގެ ކަންކޮޅުތަކުގައި އެ މާތް ނޫރު ފެތުރުއްވުމަށް މާތްﷲ ފޮނުއްވި ހިދާޔަތުގެ ދަންމަރު ލޮބުވެތި މުޙައްމަދު ނަބީކަލޭގެފާނަށާއި، އެކަލޭގެފާނުގެ އިތުރު އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށި!

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ އެކިއެކި ޢިއްޒަތުގެ ޝަރަފުވެރި ބޭފުޅުން، އައްރާޖިހީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އައްރާޖިހީ، ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރުން، މިނިވަން މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިން، ސްކޫލް ދަރިވަރުން، ޒުވާން ޚަތީބުންނާއި ޤާރީން، މުދައްރިސުންނާއި ބެލެނިވެރިން، ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން،

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ! އަޅުގަނޑުމެން ބައެއް ފަހަރަށް ފަރުދީ ފެންވަރުގައި އަދި ބައެއް ފަހަރަށް ޖަމާޢަތުގެ ފެންވަރުގައި ނުވަތަ ބައެއް ފަހަރަށް ޤައުމީ ފެންވަރުގައި އެކިއެކި ކަންކަމަށް އަހަރު ފުރުން ފާހަގަކުރަމު.އެކިއެކި ކާމިޔާބީތަކުގެ ހަނދާންތައް އަޅުގަނޑުމެން އާކޮށް އުފާކޮށް ހަދަމު. އެކަމަކު މިއަދު އަޅުގަނޑުމެން މި އިޙްތިފާލުކުރާފަދަ އުފަލެއް، ނަސީބެއް އަޅުގަނޑުމެން ދުވަހަކުވެސް ދެކެފައެއް ނުވާނެ. އެއީ، ކީއްވެގެންތޯ؟ މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީ ގޮތުން 900 އަހަރު ފުރޭ ފަޚުރުވެރި އަދި ނަސީބުވެރި އުފާ. މި އުފާ، ހުރިހާ ގޮތަކުން ޚާއްޞަވަނީ މިއީ، ދިވެހީންގެ ދެ ދުނިޔޭގެ ޙަޔާތް، ރައްކާތެރިކަމާއި، އިލާހީ ޢިނާޔަތާއި، ރިޢާޔަތުގެ ދަށަށް ބަދަލުވެގެންދިޔަ، އަދި އެކަމަށް މާތްﷲ ދެއްވި މަތިވެރި ރަޙްމަތަކަށް ވާތީ. މިއީ، ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ލިބޭ ހަމައެކަނި މަގުކަމަށްވާތީ. އޭގެ ކުރީގައި، އަޅުގަނޑުމެން ތިބި ބާޠިލް ޝިރުކުގެ ބޯޖަންގަލިން ނިކުމެވި، ޙައްޤާއި ހިޔާދަތުގެ ތަނަވަސް މައިދާނަށް ނެރެދީ، އިންސާނީވަންތަކަމުގެ ޙުރުމަތް، ދިވެހީންނަށް ދިނީ މި މާތް ފުރުޞަތު. އެހެންކަމުން، ރާއްޖެ އިސްލާމްވުމަކީ ނުވަތަ ދިވެހީންނަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބުމަކީ ދިވެހީންނަށް ލިބޭނެ އެންމެ މަތިވެރި ނަޞީބު. ވީމާ، މި އުފާވެރި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި އަޚުންނަށާއި އުޚުތުންނަށް އަރިސްކުރަން. ވަކިން ޚާއްޞަކޮށް ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހި ޤައުމު ނުވަސަތޭކަ އަހަރުވަންދެން މި އޮތް އޮތުމަށްޓަކައި މާތްﷲ އަށް ޙަމްދުކުރާ ޙާލު، އެ ޝަރަފުވެރިކަން އެ ގޮތުގައި ދެމެހެއްޓުމަށް ދިވެހި ކޮންމެ ރައްޔިތެއްގެ އަރިހުން އެދެން. އިރާދަކުރެއްވިއްޔާ، ދިވެހި ޤައުމު އަބަދުވެސް ކުރިޔަށް ދާނީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިޔަލުގައި. އެ މާތް ދީން އަޅުގަނޑުމެންނަށް ދޭ ރޫޙާނީ މާނަވީ ރައްކާތެރިކަމާއެކުގައި.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

މީގެ ނުވަސަތޭކަ އަހަރުކުރިން އިސްލާމްދީން އަޅުގަނޑުމެންނާ ހަމައަށް އައިއިރު، އަޅުގަނޑުމެން ތިބި ޙާލާއި، މި މާތް ދީން އަޅުގަނޑުމެންނަށް ގެނައި ބަދަލުތަކުގެ މައްޗަށް ބަލައިލުމަކީ، މި ރަސްމިއްޔާތާ ވަރަށް ގުޅޭ، އެހާމެ މުނާސަބު ކަމެއްކަމުގައި އަޅުގަނޑު ދެކެން. އިސްލާމްދީން، ދިވެހީންގެ ފަރުދީ ހަޔާތަށް، އިޖުތިމާޢީ ޙަޔާތަށް ސިޔާސީ އަދި ޤައުމީ ޙަޔާތަށް ގެނެސްދިން ރައްކާތެރިކަމާއި އުންމީދާއި އުފާވެރިކަމަކީ، އަޅުގަނޑުމެން ދަންނަން ޖެހޭނެ އަދި އަޅުގަނޑުމެންގެ ދަރީންނަށް ފޯރުވައިދޭން ޖެހޭނެ މުހިންމު ޙަޤީޤަތްތަކެއް. އާދެ! އެކަމަށްޓަކައި އެންމެ ފުރަތަމަ އިސްލާމްދީން އިންސާނާއަށް ގެންނަ ބަދަލުތަކާމެދު ވިސްނާލަމާތޯ؟

އިސްލާމްދީނުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ، މައިގަނޑު ފަސްކަމެއް ޙިމާޔަތްކޮށް ރައްކާތެރިކޮށް ދިނުމަށް. އެހެންކަމުން، އިސްލާމްދީން ތަނަކަށް އައުމުން މި ފަސް ރައްކާތެރިކަން އެ ތަނަކަށް، އެ ތަނުގައި ދިރިއުޅޭ ބަޔަކަށް ކަށަވަރުވާނެ. ފުރަތަމަ ކަމަކީ ދީންރައްކާތެރިކުރުން. ﷲގެ ޙަޟްރަތުގައި ދީނަކީ ހަމައެކަނި އިސްލާމްދީން. އެއީ، އިންސާނާގެ ދެ ދުނިޔެ ސަލާމަތްކުރުމަށް އޮތް ދިރިއުޅުމުގެ ނިޒާމް. މި ގޮތުން އިސްލާމްދީން ވާޞިލުވުމަށްފަހު، އެ ތަނެއްގައި ތައުޙީދު ޤާއިމުކޮށްދޭ. ޝިރުކު ނައްތާލައި، އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދޭ. ދީނުން ބޭރުވުމާއި އެކިއެކި ބިދުޢަތައް އުފައްދައި ހައްދުފަހަނަޅައި ދިޔުމުން އިންސާނާ ރައްކާތެރިކޮށްދޭ.

މި ނުކުތާއާ މެދު ފުންކޮށް ވިސްނާލަމާތޯ؟ އިސްލާމްދީން އައިއިރު އަޅުގަނޑުމެން ތިބީ ކޮން ޙާލެއްގައިތޯ؟ އަޅުގަނޑުމެން ތިބީ މޫދުން ނަގާ ހިރިގާތަކެއް ވަކި ބައްޓަމަކަށް ކޮށައި، އަޅުގަނޑުމެން ބޭނުން ސިފައެއް އެއަށް ޖައްސައި، އެއަށް އަޅުކަންކުރަން. ޙަޔާތުގެ ހުރިހައި މުހުތާދުތަކެއް ފުއްދައިދޭން އެދުނީ އެ ތަކެތީގެ ކިބައިން. މީގެ އިތުރަށް، އެ ސަގާފަތުގާ އިޖުތިމާޢީ ނަހަމަކަން އިންތިހާއަށް އޮތް. އެންމެ އާދައިގެ މީހާއަށް ކަލާނގެއާ ހަމަޔަށް ދެވެނީ އެ ދެމެދަށް މާތް މީހަކު މެދުވެރިކޮށްގެން. އިސްލާމްދީން އައިސް މި ބާޠިލް އަނިދިރި ވިސްނުން ފޮހެލި. ހުރިހާ އިންސާނުންނަކީ ﷲގެ އޯގާވަންތަކަމާއި ރިޢާޔަތްތެރިކަމުގެ ދަށުގައިވާ، އެކަލާނގެ ޙަޟްރަތުގައި ހަމަހަމަ ބައެއްކަމުގެ ޙަޤީޤަތް ދިވެހީންގެ ހިތްތަކަށް ފޯރުވައިދިން. ނަތީޖާއަކީ، އަޅުކަމުގެ މުޅި ފަލްސަފާ ބަދަލުވުން. އެންމެ ބާރުވެރި ކާއިނާތުގެ ވެރި ފަރާތަށް ވާތްގަށް އެދެން ދަސްވުން. ސީދާ ރޫޙާނީ ގުޅުން ޙައްޤުވަންތަ އިލާހާ ދެމެދު އުފެދުން. އެކަމުން ހިތްހަމަ ޖެހުން ލިބުން.

ޙަޔާތުގެ ފޮންޏާއި ހިތީގައި އެކަމުން ކެތްތެރިކަމާއި ނަފުސުގެ ފުދުންތެރިކަން ލިބުން. އަޅުކަމަކީ ކުރާހިތުން ކުރާ، އުފާވެރި ރޫޙާނީ ތަމްރީނެއްކަމުގައިވުން. އަދި އަޅުކަމުގެ ނަމުގައި ކުރެވޭ މާނައެއް ނެތް، ނުރަނގަޅު ބޭކާރު ޢަމަލުތައް މުޅިން ދޫކޮށްލުން. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީން، އަޅުގަނޑުމެންނަށް ދީން ރައްކާތެރިކުރުމުގެ ގޮތުން ގެނައި ރޫޙާނީ ޢަމަލީ ބަދަލަކީ، މުޅި ޤައުމުގައި އަށަގެންނެވި ރޫޙާނީ ޠާހިރުކަމެއް. އިޖުތިމާޢީ ހަމަހަމަކަމެއް. ނަފްސާނީ އުފާވެރިކަމެއް. ޤައުމީ ޢަދުލުވެރިކަމެއް.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

އިސްލާމްދީން ބިމަކަށް އައުމާއެކު ގެންނަ އަނެއް ރައްކާތެރިކަމަކީ ނަފްސުތައް ނުވަތަ ފުރާނައިގެ ރައްކާތެރިކަން. ޙައްޤަކާ ލައިގެން މެނުވީ އިންސާނީ އެއްވެސް ފުރާނައެއް ނައްތާލުން މާތްﷲ ކަނޑައެޅިގެން ޙަރާމްކުރައްވާ. އިސްލާމްދީން ދެކޭ ގޮތުގައި ކޮންމެ ނަފްސަކީ، ޙުރުމަތްތެރިވެގެންވާ ނަފްސެއް. އެހެންވީމާ، ފުރާނަތައް ރައްކާތެރިކުރުމަކީ މި މާތް ދީނުގެ ދެވަނަ އަސާސް.

އިސްލާމްދީން އައުމުގެ ކުރިން މިކަން ދިވެހި ބިމުގައި އޮތީ ކިހިނެއްތޯ؟ އަޅުގަނޑު ފުލޯކުވާހަކަތަކާ ދިމާޔަށް ދަތުރުކުރާކަށް ނެތިން. އެކަމަކު ފެންނަން ހުރި ތާރީޚީ ޙަޤީޤަތްތައް އެބަހުރި. ރާއްޖޭގައި ދީނުގެ ނަމުގައި އިންސާނުން ޤުރުބާންކުރެވިފައިވާކަން ފެންނަން ހުރި އާސާރުތަކުން އެނގެން އެބަ އޮތްކަމަށް، މުއައްރިޚުން ވިދާޅުވޭ. އިންސާނުން ޤުރުބާންކުރުން ނުވަތަ ދީނުގެ ނަމުގައި އިންސާނުން ކަތިލުމަކީ ބާޠިލް ވަރަށް ގިނަ ދީންތަކުގައި އޮންނަ ކަމެއް. އެ މީހުން އަޅުކަންކުރަން ތިބޭ ތަންތަނުގައި މި ފަދަ ޖަރީމާތައް ހިންގައިފައިވާކަން ބޭރުގެ ތަފާތު ހޯދުންތަކުންވެސް ފެނިފައިވެސް އެބަ ހުރި. އެހެންވީމާ ވިސްނާލައްވާ! ދިވެހި ކޮންމެ ރައްޔިތަކަށް އެއީ އެމީހާ ފަގީރަސް މުއްސަންޖަސް، އެއީ އަންހެނެއްކަމުގައި ވިޔަސް، ފިރިހެނެއްކަމުގައި ވިޔަސް، އެއީ ރީތި މީހެއްކަމުގައި ވިޔަސް، ނުވަތަ އެ ނޫން މީހެއްކަމުގައި ވިޔަސް، ކޮންމެ ދިވެހި ފަރުދަކަށް ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށްދިނީ ހިޖުރީ ގޮތުން މީގެ 900 އަހަރުކުރިން މާތްވެގެންވާ އިސްލާމްދީން.

މީގެ ނަތީޖާއަކީ ކޮބައިތޯ؟ މިއީ، ހަމައެކަނި ދިވެހީންގެ ފުރާނައަށް ކަމޭ ހިތާން ދިވެހީންނަށް ދަސްވުމެއް ނޫން. މިއީ، ކޮންމެ އިންސާނެއްގެ ފުރާނައިގެ އަގު ދިވެހީންނަށް ދަސްވުން. ލޭގެ ޙައްޤު ދެނެގަނެވުން. ރާއްޖެއައި ސައްޔާޙުންނަށް، ތާރީޚު ލިޔުންތެރީންނަށް ދިވެހީންގެ ހިތްހެޔޮކަމާއި ވަފާތެރިކަމާއި އޯގާވެރިކަމުގެ ވާހަކަ އެ ލިޔެވުނީ އިސްލާމްދީން ދިވެހީންނަށް ގެނެސްފައިވާ މި މަތިވެރި އިންސާނީ ބަދަލުތަކުގެ ސަބަބުން. ދިވެހީންގެ ޢަމަލުން އެކަންކަން އެ ފަރާތްތަކަށް ތަޖުރިބާކުރެވުމުގެ ސަބަބުން. އެހެންކަމުން، އިސްލާމްދީން ދިވެހީންނަށް ގެނައި ދެވަނަ ބަދަލަކީ، އިންސާނީ ފުރާނަޔަށް ގެނެސްދިން ކަށަވަރުކަން. އެއާއެކު ދިވެހީންނަށާއި އެ ނޫން މީހުންނަށް ލިބުނު ސުލްޙަވެރިކަން. އަމްނާ އަމާންކަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އިސްލާމްދީން އިންސާނީ މުޖުތަމަޢަކަށް ދޭ ތިންވަނަ ރައްކާތެރިކަމަކީ ބުއްދީގެ ރައްކާތެރިކަން. ބުއްދިޔަށް، ވިސްނުމަށް، އެއްވެސް ލޮޅުމެއް އެރިޔަނުދިނުން. އެކަމަށްޓަކައި މާތްﷲ ވަނީ މަސްތުވާ ކޮންމެ އެއްޗެއް ޙަރާމްކުރައްވައިފައި. މި ތަނުގައި ވިސްނާލަން ޖެހޭ ވަރަށް ބޮޑު އެހެންކަމެއް އެބަ އޮތް. އެއީ، މަސްތުވާ އެއްޗެހި ޙަރާމްވުމުން އެ ތަނުގައި އެ މަނާވަނީ ހަމައެކަނި މަސްތުވުމެއް ނޫން. އޭގެ ބަދަލުގައި އެ ތަނުގައި އެ މަނާވަނީ އެ މަސްތުވުމުން ދެން ހިނގައިފާނެ ނޭދެވޭ ހުރިހައި ކަމަކާއި އެ ކަންކަމުގެ ނަތީޖާވެސްމެ. އެހެނީ، ކައު އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުން ދޭހަވާ ގޮތުގައި މަސްތުވާ ތަކެއްޗަކީ ނުބައި ހުރިހައިކަމެއްގެ އަސްލު.

މި ޒަމާނުގެ ޢިލްމީ ނަޒަރަކުން ވިސްނައިލާއިރު، މަސްތުވުމުގެ ނުރައްކާ ނުވަތަ ބުއްދި ހަލާކުކޮށްލުމުގެ ނަތީޖާ އެ ގޮތަށް އަންނަ ސައިންޓިފިކް ޙަޤީޤަތްތައްވެސް އަޅުގަނޑުމެންނަށް ފެންނަން އެބަ ހުރި އެހެން ނޫންތޯ؟ މަސްތުވާ އެއްޗެއް ބޭނުންކުރީމާ މީހަކު މަސްތުވަނީ އޭނާގެ ސިކުނޑީގައި ހިނގާ މާއްދީ ޙަރަކާތްތަކެއްގެ ނަތީޖާއެއްގެ ގޮތުން. އަދި އެ ހަރަކާތްތަކާއި އެކަމުން އުފެދުނު ކެމިކަލްތަކެއްގެ ސަބަބުން އޭނާ ވައްޓާލާ ވަކި ހާލަތްތަކެއް ހުރޭ. އޭގެ ސަބަބުން، އަޅުގަނޑުމެން މި ކިޔާ ދެވިހިފުމާ ހިސާބަށް އޭނާ ދަތުރުކުރޭ. ނަތީޖާއަކީ ޝައިޠާނާގެ ވަސްވަސްތަކާއެކުވެސް، ކޮންމެ ފަދަ ކުށެއް ކޮށްފައިވެސް، އޭނާ ހަވާ ނަފުސުގެ ގޮވާލުމަށް އިޖާބަ ދިނުން. ކުށްތަކަށް އަރައިގަތުމަށް ކުޑަވެސް ބިރެއް ޖެހިލުންވުމެއް ލަދުވެތިކަމެއް ނެތުން. އެކަމުން ދެން ފެންމަތިވާ ކަންތައްތަކަކީ ކޮބައިތޯ؟ އޭނާގެ މާއްދީ ޞިއްޙަތު ހަލާކުވޭ. ނަފުސާނީ ޞިއްޙަތު ނިކަމެތިވޭ. ރޫޙާނީ ޞިއްޙަތު ޚަރާބުވޭ.

އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން ގެއްލޭ. ނުބައި ޢަމަލުތައް މުޖުތަމަޢުގައި ފަތުރާ، އެކަންކަމަށް ހިތްވަރުދޭ މީހަކަށް އޭނާ ބަދަލުވޭ. އެއާއެކު މުޅި އާއިލާ ބިރުވެރިކަމެއްގެ ތެރެޔަށް ވެއްޓޭ. ވައްކަމާއި ޓެކުމާއި ފޭރުން ފަދަ ބިރުވެރި އެތައް ޖަރީމާއެއް އާންމުވެ، މުޅި ޤައުމު ނުރައްކަލުގެ ޙާލަތަށް ހުށަހެޅޭ. އެހެންވީމާ. ބުއްދިޔަށް ލޮޅުން އެރުވުމުގެ ޢަމަލުތަކަކީ، ހަމައެކަނި ފަރުދަކާ ހިސާބުގައި ހުއްޓޭ ކަމެއް ނޫން.

މާތްވެގެންވާ އިސްލާމްދީން، އެ ދީނުގައި ހިފަހައްޓާ ބަޔަކަށް، މި ބޮޑު މުޞީބާތުން ޤައުމު ސަލާމަތްކޮށްދޭ. އެ މާތް ދީން އިންސާނާއަށް ދޭ ކަށަވަރުކަމަކީ، ޔަޤީން ކަމަކީ، އެ ދީނުގެ ތިލަފަތުގައި ބުއްދިއަކީ މަތިވެރި ޖައުހަރެއްކަން. އެ ބުއްދިއާ ކުޅުމުގެ އެއްވެސް ފުރުޞަތެއް އެ މާތް ދީން ނުދޭނެކަން. އޭގެ ނަތީޖާއެއްގެ ގޮތުން މުސްލިމު އިންސާނާ ވަނީ އުފެއްދުންތެރި އީޖާދީ މީހަކަށްކަން. ވިސްނުންތެރި ޙިކްމަތްތެރި މީހަކަށްކަން. މުރާލި ހީވާގި މީހަކަށްކަން. ހެޔޮކަންކަމަށް އަމުރުކުރާ، ނުބައިކަންކަން ނަހީކުރާ އަމާން އިންސާނަކަށްކަން. މި ޙަޤީޤަތުގެ މަތީގައި އިސްލާމްދީން މުޅި ޤައުމަށް ގެންނަނީ ކޮޅެއް ނެތްހާ އުފާވެރިކަން، އުފެއްދުންތެރިކަން، އިންސާނީ ކުރިއެރުމާއި ޙަޟާރަތު. ހިތްތަކަށް ހަމަޖެހުމާއި ތަސައްލީ. ދިވެހީން ދުނިޔޭގެ އެތައް މިތަނަށް ދަތުރުކޮށް ވިޔާފާރިކުރި ވާހަކައާއި، ދިވެހީންގެ އޮޑިފަހަރުގެ ފަންނީ މޮޅުކަމާއި އެވޭލާ މިސްކިތްތަކާއި ގެދޮރު އިމާރާތްކުރުމުގެ މޮޅުކަން ފަދަ ކަންކަމަށް ބޭރުގެ ފަރާތްތަކުން އޮހުނު ތާރީފުގެ އަސްލަކީ، ދިވެހީންގެ ކިބައިގައި ހުރި މި އިންސާނީ ހަމަޖެހުމުގެ ނަތީޖާ. އެހެންކަމުން، މިއީ އިސްލާމްދީން މީގެ 900 އަހަރު ކުރިން އަޅުގަނޑުމެންނަށް ގެނައި އިންޤިލާބީ އަނެއް ބަދަލު.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

އިންސާނުންގެ އުފާވެރިކަމާ ގުޅިފައިވާ އަނެއް މުހިންމު ބަހާއަކީ ކޮންމެ އިންސާނެއްގެވެސް، އަބުރުވެރިކަމާއި ޢިއްޒަތްތެރިކަން. އިސްލާމްދީން ބިމަކަށް އައުމާއެކު މި ރޮނގުންވެސް ވަރަށް ހަރުދަނާ ބަދަލުތަކެއް ގެނޭ. އިސްލާމްދީން އިންސާނާއާ މުޚާޠަބުކުރަނީ ''އަޝްރަފުލްމަޚްލޫޤާތު'' ނުވަތަ މާތްﷲ ޚަލްޤުކުރެއްވި މަޚްލޫޤުންކުރެ އެންމެ މާތް ޝަރަފުވެރިޔާގެ ނަމުން. އިސްލާމްދީނުގެ ކުރިމަތީގައި އިންސާނާއަކީ އެއީ. އެއީ ޝަރަފުވެރިއެއް. އެހެންކަމުން، އޭނާގެ އިންސާނީ ކަރާމަތަށް، ޝަރަފަށް، ޢިއްޒަތަށް އުނިކަމެއް އަންނާނެ ހުރިހާކަމެއް މާތްﷲ ވަނީ ނަހީކުރައްވައި މަނާކުރައްވައިފައި. ކައު އިތުރު މާތް ނަބިއްޔާ މުޙައްމަދުއްރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުގައި ވެސް އޮންނަނީ މުސްލިމަކީ، އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެނިހެން މުސްލިމުން ރައްކާތެރިވެ ސަލާމަތްވެގެންވާ މީހާކަމަށް. އަޅުގަނޑުމެންގެ ތާރީޚަށް ބަލާއިރު، އަޅުގަނޑުމެން ދިވެހީންނަކީ އަބުރުވެރިކަމާއެކު ދިރިއުޅެމުން އައިބައެއް. އަޅުގަނޑުމެން އިންސާނީ ކަރާމާތް ދެމެހެއްޓީމު. އެކަމުން އުފެދުނު އިޖުތިމާޢީ ހައިބަތު ބޭރުގެ ފަރާތްތަކަށް ދެއްކީމު. އަޅުގަނޑުމެން ނަފުސުގެ މުރުއްވަތްތެރިކަން އަށަގަންނަވާ ގޮތް. ކުޑަކުދީންގެ ކަރާމަތް ދަމަހައްޓާ ގޮތް. ދޭދޭ ރަޙްމަތްތެރީންނާއި، ވެރީންނާއި، އާންމުންގެ މެދުގައި މި ސިފަތައް އެކަށައެޅިފައި އޮންނަ ގޮތް. އޭގެ ނަތީޖާއަކީ ދިވެހި މުޖުތަމަޢަކީ އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރުކުރާ މުޖުތަމަޢެއްކަމުގައިވުން. އެކެއްގެ ޤަދަރު އެއީ އަނެކެއްގެ ވެސް ޤަދަރުކަން، އެއީ ދީނުގެ އަސަރުކަން، ހިތުގައި ބިންވަޅުނެގިގެން ދިޔުން. އިޙްސާންތެރިކަމާއި އިންސާނީވަންތަކަމުގެ ރޫޙުން މުޅި ޤައުމު ދިރިގެންދިޔުން. އެހެންކަމުން، އިސްލާމްދީން މީގެ 900 އަހަރުކުރިން އަޅުގަނޑުމެންނަށް ގެނައި އިންޤިލާބީ އަނެއް ބަދަލަކީ އަބުރު ނުވަތަ އިންސާނީ ކަރާމާތް ރައްކާތެރިކޮށްދިނުމުގެ ކަށަވަރުކަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

އިސްލާމީ ޝަރީޢަތް އިންސާނާއަށް ދޭ އަނެއް ކަށަވަރުކަމަކީ، އޭނާގެ މުދަލުގެ ރައްކާތެރިކަން. ވައްކަންކުރުމާއި، ފޭރުމާއި، ރިބާކެއުމާއި، މަކަރާއި ހީލަތް ހެދުން ފަދަ ހުރިހައި ކުށްތަކެއް އިސްލާމް ދީން ވަނީ މަނާކުރައްވާފައި. އަދި އޭގެ ބަދަލުގައި އިންސާނާގެ ތަނަވަސްކަމަށްޓަކައި އޭނާއަށް މުދާވެރިވެވޭނެ ފައިސާވެރިވެވޭ ހެޔޮ މަގުތައް ވަނީ ދައްކަވާފައި. އެ ގޮތުން ހަލާލުގޮތުގައި ވިޔާފާރިކުރުމަކީ އިސްލާމްދީން ތަރުޙީބުދޭކަމެއް. މި ނުކުތާއާމެދު އިތުރަށް ވިސްނާލަމާތޯ؟ ކުރުކޮށް ދަންނަވާނަމަ އިޖުތިމާޢީ ފަސާދައިގެ ހުރިހައި ނުބައި ޢަމަލެއް މި މާތް ދީން މި ވަނީ ނަހީކުރައްވައިފައި. މަނާކުރައްވައިފައި.

ވައްކަން ކުރުމަކީ، ހަމައެކަނި މީހެއްގެ އަޚްލާޤަށް އަންނަ ބަދަލެއް ނޫން. މުދާ ފޭރުމަކީ، ހަމައެކަނި ވަގުތީ ގޮތުން އުފެދޭ ބިރުވެރިކަމެއް ނޫން. އެފަދަ ކަންކަން އިޝާރާތްކުރަނީ އެއަށްވުރެ މާ ހިތާމަވެރި، މާ ނުރައްކާ އިޖުތިމާޢީ އަދި ޤައުމީ ޙާލަތްތަކަކަށް. އެއީ، ބައެއްގެ ތެރޭގައި އިންސާނީވަންތަކަން އަނދައި ހުލިވެ އަޅިޔަށްވެފައިވާ މިންވަރުގެ ނަތީޖާތަކެއް. އެ ފަދަތަނެއްގައި އެއްވެސް އަމާންކަމެއް ރައްކާތެރިކަމެއް ނޯންނާނެ. އުފާވެރިކަމެއް ހިތްތަކުގެ ހަމަޖެހުމެއް ނޯންނާނެ. މީގެ އެތައް ސަތޭކަ އަހަރުކުރިން ދިވެހީން ލިބިގަތް އިސްލާމްދީން މި ކަންކަމުން ބަރީޢަވެފައިވާ ދިވެހި ޤައުމެއް ބިނާކޮށްފައިވާކަން އިހުގެ ފަތްފުށްތަކުން އަޅުގަނޑުމެންނަށް އެނގޭ އެހެން ނޫންތޯ؟ އޭރު ގޭގޭގެ މައިދޮރު ތަޅުލާކަށް ނުޖެހޭ. އޭރު ބައެއް ރަށްރަށުގައި ފިހާރަޔަށް އެއްޗެތި ގަންނަން އަންނަ މީހާ އަތަށް އެބަ ފިހާރައިގެ ތަޅުގަނޑި ދިއްކޮށްލެވޭ. ނުވަތަ ހުޅުވައިފައި ހުރިއްޔާ ބޭނުން އެއްޗެއް ނަގައިގެންދާށޭ، ލާރި ނުގެނެވެންޏާ މޭޒުމަތީ ފޮތުގައި ލިޔެލާށޭ ތަނުގެ ވެރިމީހާއަށް ބުނެލެވޭ. މިއީ، ތިޔައިގެ ތެރެއިން އެތައް ބޭފުޅުންނެއް ތަޖުރިބާ ކުރައްވައިފައިވާނެ ޙަޤީޤަތް. މިއީ، ދިވެހީން ދެކެފައިވާ ދިވެހި އިސްލާމީ އިތުބާރު. އިސްލާމްދީން ރާއްޖޭގައި އުފެއްދި ޔަޤީންކަން. ރައްކާތެރިކަމާއި ކަށަވަރުކަން. އެހެންވީމާ، އިސްލާމްދީނަކީ ހަމައެކަނި ރޫޙާނީ ދީނެއް ނޫން. އިސްލާމްދީނަކީ ރޫޙާނީ ތަރުބިއްޔަތެއް. އިސްލާމްދީނަކީ ނަފުސާނީ ތަސައްލީއެއް. އިސްލާމްދީނަކީ މާއްދީ ތަރުބިއްޔަތެއް. އިސްލާމްދީނަކީ އަޚުލާޤީ ޙަޤީޤަތެއް. އިސްލާމްދީނަކީ ހުރިހާ ސަލާމަތަކާއި ރައްކާތެރިކަމުގެ މަތިވެރި އިލާހީ ނިޢުމަތެއް.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

މިއަދު ދިވެހިރާއްޖޭގެ އިސްލާމްކަމަށް ހިޖުރީގޮތުން 900 އަހަރު ފުރޭ މި ޝަރަފުވެރި އިޙްތިފާލު އަޅުގަނޑުމެން ކުރަމުންދާއިރު، މިއަދު އަޅުގަނޑުމެންނަށް މި ތިބެވުނު ހިސާބާމެދު ވިސްނާލުން މުހިންމު. އިސްވެ އަޅުގަނޑު މި ދަންނަވާލީ އިސްލާމްދީން އަޅުގަނޑުމެން ގެންދިޔަ ހިސާބު. އެ ދީން އަޅުގަނޑުމެންގެ އަތުގައި ހިފައިގެން އެ ފަދަ މަތިވެރި ދަރަޖައަށް އަޅުގަނޑުމެން އުފުލައިދިން. ސުވާލަކީ މިއަދު މި ތިބެވުނީ ކޮން ޙާލަތެއްގައިތޯ؟ އަލުން ގެންނަން ޖެހޭ އިޞްލާޙަކީ ކޮބައިތޯ؟

ޝައްކެއް ނެތް. ދީން ފެށޭނީ އީމާންތެރިކަމުން. އީމާންތެރިކަމުގެ މަހައްލަކީ ނުވަތަ ހިޔާވައްސަކީ ހިތް. އީމާންކަން އިތުރުވެ އުތުރިއަރަނީ ނުވަތަ މަދުވެ ހިނދެނީ އެ ހިތުގެ ތެރޭގައި. ދީން އަޅުގަނޑުމެންނަށް ދޭ ހުރިހައި ރައްކާތެރިކަމަކާ ހިސާބަށް އަޅުގަނޑުމެންނަށް ވާޞިލުވެވޭނީ ހިތް ރަނގަޅުކޮށްގެން. ހިތުގެ އީމާނަށް ދިރުން ދީގެން. މާތްﷲގެ ޤަޟާ ޤަދަރާ މެދު އަޅުގަނޑުމެންގެ ޤަބޫލުކުރުންތަކަށް ޔަޤީންކަން ފިސާރި ފުރިހަމައަށް ދީގެން. އެކަމަށްޓަކައި ނަފުސްތައް ޠާހިރުކޮށްގެން. ހެޔޮކަމާއި ނުބައިކަމާ ދެމެދުގައި ފިސާރި ކެރުމާއި ހަރުދަނާ އިތުބާރާއެކު އިން ވަކިކުރަން އެނގިގެން. ހެޔޮމަގުން ނޫނީ ނުދާން ޢަޒުމު ކަނޑައެޅިގެން. ދިރިއުޅުމުގެ ހަމަ ކޮންމެ ޙާލަތެއްގައި އެ ގޮތުގައި ފައިތިލަ ސާބިތުކުރެވިގެން. އެ ފަދަ ފަރުދެއްގެ ޙަޔާތަކީ އިސްލާމީ ޙަޔާތެއް. އެ ފަދަ ޤައުމެއްގެ ޙަޔާތަކީ، އިސްލާމްދީނުގައި ދެމި އޮތް ހަޔާތެއް. އެއީ ޙަޤީޤީ އުފާވެރިކަމަކާއި ހިތްހަމަ ޖެހުމުން ފުރިގެންވާ ދިރުންހުރި ޙަޔާތެއް. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގައި ދީނީ މުސްތަޤުބަލް ކަނޑައަޅަންވީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެ ފަރުދަކާ ހަމައިން ފެށިގެން. މުޅި ޖަމާޢަތާއި ޤައުމަށް އެ ޢިއްޒަތް ފެތުރިގެންދާ ގޮތެއްގައި. އެހެނީ، ދިވެހި ޤައުމުގެ ދެމި އޮތުން ވަނީ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށްދޭ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މަތީގައި.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

ޝައްކެއްނެތް! އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދު ޙާޞިލުވާ ގޮތަށް، އަޅުގަނޑުމެން އިސްލާމްދީން ތަންފީޒުކުރަމުންދާނަމަ، އަޅުގަނޑުމެން ވާނީ އެކަކު އަނެކަކާ މެދު ހިތްހެޔޮ އަޚުންތަކަކަށް. އަޅުގަނޑުމެން ވާނީ އެއްހަށިގަނޑެއްފަދަ ގުޅުންތެރި ބަޔަކަށް. އެކެއްގެ އިޙްސާސުގައި އަނެކަކު ބައިވެރިވާ އިޙްސާންތެރިބަޔަކަށް. އެކެއްގެ މަސައްކަތާއި ޤުރުބާނީގައި އަނެކާ ބައިވެރިވާ އެހީތެރި ވާގިވެރިބަޔަކަށް. އަދި އަޅުގަނޑުމެން ވާނީ ފިސާރި ވިސްނުންތޫނު ދުރުފެންނަ، ޢިލްމުވެރިކަމާއި ޙިލްމުވެރިކަމުގައި އެހާމެ ފުން ތަހުޒީބު ބަޔަކަށް. މި ފަދަ ޤައުމެއްގައި އޮންނާނީ އިންތިހާ ދަރަޖައިގެ ބަދަހި އެކުވެރިކަމެއް. މި ފަދަ އިންސާނީ ޖަމާޢަތެއްގައި އޮންނާނީ އެ މީހުންގެ ސަލާމަތާމެދު އެ މީހުން ވިސްނާ އަމިއްލަ ފާރަވެރިކަމެއް. ސަބަބަކީ، އޭގެ ތެރެއިން ކޮންމެ މީހަކަށް ވެސް އެނގޭ، މިއީ އެއް އާއިލާއެއްކަން. އެއްބައެއްކަން. އޭގެ ތެރޭން ކޮންމެ މީހަކަށް ވެސް އެނގޭ އަނެކާއަށް ލިބޭ ކިތަންމެ ކުޑަވެސް ދެރަޔަކީ ހަމަ ތިމަންނައަށް ވެސް ލިބޭ ދެރައެއްކަން. ނަތީޖާއެއްގޮތުން، މުޅި ޤައުމު އަބަދު ވެސް އޮންނާނީ ހޭލާ. އެމީހުންނަށް ދީނީ ގޮތުންވެސް، ސިޔާސީ ގޮތުންވެސް، ސިޔާދަތުގެ ގޮތުންވެސް ގެއްލުމެއް ލިބުނަކަ ނުދޭނެ. އެ މީހުންނަކީ އެތެރެއާއި ބޭރުން އުފެދިދާނެ އަދި އަތުވެދާނެ ނުރައްކަލަކުން ޤައުމާއި ވަޠަން ސަލާމަތްކުރުމަށް ޓަކައި، ސަމާލުވެ ތިބޭ ބައެއް. ނަތީޖާއަކީ މި ފަދަ ޤައުމެއް ރޫޅާލާން ދަތިވުން. ނިކަމެތިކޮށްލާން އުނދަގޫވުން. އެމީހުންގެ ޢިލްމާއި، ހިންމަތާއި، ދުޢާއާއި އިލާހީ މަދަދު ގުޅިލާމެހުނީމާ އެއީ، ފިސާރި ރައްކާތެރި ދައުލަތެއް. ހުރިހައި ހާލަތެއްގައި ހުރިހައި މާނައެއްގައި މިނިވަންކަމުގެ ދިދަ އުފުލަން އެނގޭ އުފުލަން ކެރޭ އުފުލާނެ ދައުލަތެއް.

މި ޙަޤީޤަތް ދަމަހައްޓަނީ އިސްލާމްދީން. ސަބަބަކީ ދިވެހި ޤައުމިއްޔަތުގެ އެންމެ ފުން މަދަކީ، ޖައުހަރަކީ، މާތްވެގެންވާ އިސްލާމްދީން. ދިވެހީން ޤައުމުގެ ދިފާޢުގައި ނިކުތް ކޮންމެ ފަހަރަކު އެކަން ފެށެނީ ދީން ސަލާމަތްކުރުމުގެ ރޫޙާނީ ވިންދުތަކެއްގެ ތެރެއިން. އެކަން ހަމައެކަނި އުތީމު މަހާރަދުން ޕޯޗުގީޒުންނާ ކުރެއްވި ހަނގުރާމަ ފެށްޓެވިގޮތަށް ބަލައިލީމާވެސް އެނގޭ. އުތީމު ކަނދުވަލު މިސްކިތުގައި އެބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުން މި ޙަޤީޤަތަށް ދިވެހި ތާރީޚުން ހެކި ލިބޭ. އެ ދުވަހު މި ޤައުމު ސަލާމަތްވީ އުތީމު މަހާރަދުން ރާއްޖޭގެ އެތައް ރަށަކާ ގުޅުންތައް އުފައްދަވައިގެން އެ ޖިހާދުކުރެއްވިއިރު ކޮންމެ ރަށަކުންވެސް ވާގިވެރިވީ މުސްލިމަކު ކަމުގައި ވީތީ. ދީނަށް ޣައްދާރުވި ނުވަތަ އެހެން ދީނަކަށް އެނބުރިގެން ހުރި ޚިޔާނާތްތެރިޔަކު މި ކަމުގައި ހިމެނިފައި ނެތީތީ. ކުރުކޮށް ބުނާނަމަ، ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހި ޤައުމު އޮތީތީ. ޕޯޗުގީޒުން ގަދަކަމުން ދިވެހީން ދީނުން ބޭރުކުރާން އުޅުމުންވެސް ދިވެހީން އެކަން ބަލައިނުގަތީތީ. ގަދަކަމުން މަސްތުވާ އެއްޗެހި ދޭން އުޅުމުންވެސް ދިވެހީން އެދުވަހު އެ ތަކެއްޗަށް ފިސާރިކެރިގެން އީމާންތެރި ހިތަކާއި ސާބިތު ދުލަކުން ނޫނެކޭ ބުނީތީ. އެހެންވީމާ، ޤައުމީ އަމިއްލަވަންތަކަމުގެ ނަޒަރުން ބަލާނަމަ، ސިޔާސީ ގޮތުން އެ ދުވަހު އެ ފެނުނީ ދިވެހީންގެ ސަޤާފީ ސިޔާދަތު އޮތްލެއް ބަދަހިކަމުގެ ނަތީޖާ.

އާދެ! ޝައްކެއްވެސްނެތް! ދިވެހީންގެ ސަޤާފީ ސިޔާދަތުގެ ފުރާނައަކީ، މާތްވެގެންވާ އިސްލާމްދީން. އެހެންވީމާ، ދިވެހީންގެ ސަޤާފީ ސިޔާދަތު ދިފާޢުކުރުމަށްޓަކައިވެސް، ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުން އިންތިހާޔަށް ބޭނުންތެރި. އިޖުތިމާޢީ ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، އިންސާނީ ޖަމާޢަތެއްގެ ސަޤާފަތް ނުވަތަ އެބަޔަކު ވިސްނާ ގޮތާއި އިޖުތިމާޢީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެ.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

އިންސާނުން ވިސްނާގޮތް ހެޔޮގޮތުގައި ބައްޓަން ކުރުމަށްޓަކައި އިސްލާމްދީން ޢިލްމުވެރިކަމަށް ގޮވާލާ. ދިވެހީން ޢިލްމު ހޯދަން އުފުލި ބުރަތަކާއި ހާސިލުކުރި ނަތީޖާގެ އަސްލަކީވެސް އިސްލާމްދީން. އިސްލާމްދީން ބުރަކޮށް މަސައްކަތްކުރަން ގޮވާލާ. ދިވެހީންގެ ހުނަރުވެރި ކާބަފައިން އަމިއްލައަށް ތަކެތި އަމިއްލަ އަތުން އުފައްދައިގެން ބިނާކުރި ދިރިއުޅުން ހޯދައިދިނީވެސް އިސްލާމްދީން. އިސްލާމްދީން މިނިވަންކަމާއި ބާރުވެރިކަމަށް ގޮވާލާ. ދިވެހީންގެ ދައުލަތް ހަރުދަނާކޮށް ބޭރުގެ ފަރާތްތަކާ ޚާރިޖީ ގުޅުންތައް އުފައްދައި، އެކަމުގައި ގެންގުޅުނު ސަގާފަތް އަށަގެންނެވީވެސް، އިސްލާމްދީން. އިސްލާމްދީން ފުދުންތެރިކަމަށް ގޮވާލާ. އެހެންކަމުން، ވިޔާފާރިއާއި އުފެއްދުންތެރިކަމުގެ ރޫޙު ނަގަހައްޓައި، އެކަމުގައި ޢަދުލުވެރި ރޫޙެއް ދެމެހެއްޓީވެސް އިސްލާމްދީން. އޭގެ ތެރޭގައި އިސްލާމްދީނުގައި އޮންނަ ޒަކާތުގެ ނިޒާމާއި ވަޤުފުގެ އުސޫލުތައް ފާހަގަކޮށްލަންޖެހޭ. ސަބަބަކީ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، އިސްލާމްދީނަކީ ޝާމިލް، ކާމިލް ދީނެއް. އޭގެ މާނައަކީ، އިންސާނިއްޔަތަށް ބޭނުންވާ ހުރިހައިކަމެއް ހިމެނި ލައިމެހިފައިވާ، ކުޑަވެސް އުނިކަމެއް ނެތް، ފުރިހަމަ ސާބިތު ނިޒާމެއްކަމުގައި މި މާތް ދީން ހިމެނުން.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން ވަޤުފަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް ޚާއްޞަ މަފްހޫމެއް. ބޭރުފުށަށް އެއީ އިޤުތިޞާދީ މަފްހޫމެއް. އެހެން ނަމަވެސް ފުންކޮށް ވިސްނައިލާއިރު، އެއީ އިންސާނީ މަންފާއާ ގުޅޭ އެތައް ފަށަލަތަކެއް ލާމެހިގެންވާ އިލާހީ ޙިކްމަތްވަންތަކަމާއި އޯގާވަންތަކަމުގެ ދަލީލެއް. ވަޤުފުގެ ސަބަބުން އިޤުތިޞާދީ ހަރުދަނާ ބިންގަލެއް އެޅޭ. ވަޤުފުގެ ސަބަބުން އެ ބިންގަލުގެ މަތީގައި ފަރުދީ އިޖުތިމާޢީ މަންފާގެ ބިނާތައް އާރާސްތުވެގެންދޭ. އިސްލާމީ ތާރީޚަށް ބަލާއިރު، ވަޤުފުގެ ނިޒާމުގެ ތެރެއިން އެކި ދާއިރާތަކަށް މީހުން ބިނާކުރެވި އިޖުތިމާޢީ ފެންވަރު މަތިކުރެވިފައިވޭ.

ފިކުރީ ޢިލްމީ ސިކުނޑިތައް އުފެއްދިފައިވޭ. ވަސީލަތުގެ ގޮތުން މިސްކިތްތައް ބިނާކުރެވިފައިވޭ. ލައިބްރަރީތަކާއި އިސްލާމީ މަރުކަޒުތަކާއި އަދި އެ ނޫނަސް، އިސްލާމީ މުޖުތަމަޢުގެ އާންމު ބާއްޖަވެރިކަމަށް ބޭނުންވާ މާއްދީ މާނަވީ ފުރުޞަތުތައް ވަޤުފުގެ ތެރެއިން އުފައްދައި، އޭގެ މަންފާ އުއްމަތަށް ފޯރުވައިދެވިފައިވޭ. ރާއްޖެއަށް ބަލާއިރު، ދީނީކަންކަމަށް ބޮޑެތި ހޭދަތައް ކުރަން އަޅުގަނޑު ބޭނުން. އެކި ސަރަހައްދުތަކުގައި ޒަމާނީ އުސޫލުތަކަށް މިސްކިތްތައް ބިނާކުރަން ބޭނުން. އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރަން ބޭނުން. އިސްލާމްދީނުގެ ޚާއްޞަ މި މަފްހޫމުގެ ތެރެއިން އިޖުތިމާޢީ ޤައުމީ މި ކުރިއެރުންތައް ރާއްޖެއިން ދެކެން ބޭނުން. ސަބަބަކީ، ވަޤުފުގެ މުޢާމަލާތުގައި ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބުން އެބަ ހިމެނޭ. ފަރުދީ ހިތްހަމަޖެހުމާއި އުފާވެރިކަން އެބަ ހިމެނޭ. ޤައުމީ ޢުމްރާނީ ކުރިއެރުމާއި ބިނާވެށީގެ ތަރައްޤީ އެބަ ހިމެނޭ. އޭގެ ސަބަބުން ދީނީ ރޫޙު އިތުރުވެމ ރޫޙާނީ އުންމީދީ އަލިވިލުމަކަށް ދީނުގެ މި ނިޒާމުގެ ތެރެއިން އެތައް ބަޔަކަށް އެބަ ވާޞިލުވެވޭ. އެހެންކަމުން، މި މާނަ ހުރި، ފުން މަޤުޞަދުތައް ޙާޞިލުކުރުމަށްޓަކައި "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ވަޤުފަށް ޚާއްޞަ ކުންފުންޏެއް މިއަދު އަޅުގަނޑު ވާނީ އުފައްދައިފައި!

ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމާއި، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތު ކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތް ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ޤާއިމްކޮށް، ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް މާތްﷲގެ ވާގިފުޅާއެކު މިއަދު މި އުފެއްދި ޤައުމީ ވަޤުފު ކުންފުނި ވެގެންދާނީ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް. އަޅުގަނޑުމެންގެ ހޭދަޔާއި ހެޔޮކަމުގެ ބުރަދަން ރަމްޒުކޮށްދޭ ތިލަފަތަކަށް. މި ކުންފުނި ވެގެންދާނީ އިރާދަކުރެއްވިއްޔާ ޤައުމީ އިޖުތިމާޢީ އަދި އުމްރާނީ ވެށްޓަށް ލިބޭ ޚާއްޞަ ޒީނަތަކަށް. 2040 ވަނަ އަހަރާ ހަމަޔަށްދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށައިޖެހޭ ތަރައްޤީގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނޭ ވަސީލަތަކަށް.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

މިއަދު އަޅުގަނޑުމެން މި ފާޅުކުރަނީ އެތައް އުފަލެއް. މިއަދު އަޅުގަނޑުމެން މި ފާޅުކުރަނީ ބާޠިލުގެ ބިރުވެރިކަމުން ހިދާޔަތު ހަމަޖެހުމަށް ދިވެހިރާއްޖެ ބަދަލުވިތާ 900 އަހަރު ފުރުމުގެ އުފާ. މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ދުނިޔެއާއި އާޚިރަތުގެ އަބާއްޖަވެރިކަމުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް ދިވެހި ކާބަފައިން ހިޖުރަކުރިކަމުގެ ޝަރަފުވެރި އުފާ. މިއަދު އަޅުގަނޑުމެން މި ފާޅުކުރަނީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި 900 އަހަރު ހޭދަކުރި ޢިއްޒަތްތެރި ޒިކުރާގެ އުފާ.

އެހެންކަމުން، މާޒީގެ ލޯގަނޑަށް ބެލީމާ ފެންނަނީ އަޅުގަނޑުމެންނަ ލިބުނު ނަސީބު. އެކަމަކު ޙާލަތުގެ މަންޒަރަށް ބެލީމާ ފެންނަނީ ބައެއް ދިމަދިމައިގައި ލަކުނުލައި ޒަޚަމްތައް އުފެދިފައިވާތަން. މުސްތަޤުބަލުގެ އުދަރެއްހަށް ބެލީމާ ފެންނަނީ، އަޅުގަނޑުމެން ހާސިލުކުރަންޖެހޭ މަޤުޞަދުތައް. އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް. އަޅުގަނޑުމެންނަށް ސިފަވަނީ އެކަމަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސުން ކުރަން ހުރި ޖިހާދުތައް. އަޅުގަނޑުމެން ވާން ހުރި މަތިވެރި ޤުރުބާނީތައް. މުޅި ޤައުމުގެ ސަލާމަތަށްޓަކައި ހުރިހައި ފަރާތްތަކުން ގުޅިގެން އުފައްދަންވި ތަޞައްވުރުތައް. ތަންފީޒުކުރަންވީ ޢަމަލީ ފިޔަވަޅުތައް. ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން އަޅުގަނޑުމެންގެ ޅަ ހިތްތަކާއި ލޯތަކާއި ކަންފަތްތަކަށް ހުށަހެޅެމުންދާ ހުށަހެޅުންތަކުން އީމާންތެރިކަމުގެ ރޫޙަށް އިއްވާ ބިރުވެރި ރަނގަބީލުތަކަށް ސަހަރޯވެ ދޭންޖެހޭ ޚާއްސަ ސަމާލުކަން!

މިއަދު އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ކުރަން އޮތް އިލްތިމާސަކީ، ދިވެހީންނަށް ލިބުނު އަދި ލިބޭނެ އެންމެ މަތިވެރި ނަސީބަކީ، މާތްވެގެންވާ އިސްލާމްދީންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަވާށޭ! ދިވެހި ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ މާތްވެގެންވާ އިސްލާމްދީންކަމާއި، ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި މި ދައުލަތް ފިސާރި ކެރިގެން ދަމަހައްޓަވާށޭ! އަޅުގަނޑުގެ ނަސޭހަތަކީ، އަޅުގަނޑުމެންގެ ހިތުގެ އީމާނާއި ދިރިއުޅުމުގެ ޢަމަލުތަކުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ކަށަވަރުކުރެއްވުމަށް ލޮބުވެތި ދިވެހި ކޮންމެ ރައްޔިތަކުވެސް ގަދައަޅައި މަސައްކަތްކުރައްވަމާ ހިންގަވާށޭ!

މާތްﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! މި ކީރިތި ދިވެހި ފަސްގަނޑުން އިސްލާމީ ހިދާޔަތުގެ ބެބުޅުން ހުރިހައި ކަންކޮޅަކުން ހުރިހައި ހިނދެއްގައި އުޖާލާ ކުރައްވާށި! އީމާންކަން ފުރިހަމަ ޢަމަލުތައް އިޚްލާޞްތެރި މުރުއްވަތްތެރި ބަޔަކު ކަމުގައި އަޅުގަނޑުމެން ލައްވާށި! މި ލޮބުވެތި ދިވެހި ޤައުމު އަބަދުވެސް ފުރިހަމަ އިސްތިޤުލާލާއި ސަލާމަތާއި ހިދާއީ ނޫރުގައި ލަހައްޓަވާށި! އާމީން

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه