ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފާދިއްޕޮޅު ނައިފަރަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ. މިދަތުރުފުޅުގައި ނައިފަރު މަސްވެރި ރައްޔިތުންނާއި، ނައިފަރުގައި އުފެދިފައިވާ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ހިންގުންތެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކޮށްލައްވާނެއެވެ. ނައިފަރުގައި އަތްފޯރާ އަގުތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ބައިތައް ކޮންޓްރެކްޓަރުންނާ ޙަވާލުކުރެއްވުމާއި، އެމަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 25 ރޯހައުސް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފާދިއްޕޮޅަށް ކަނޑައެޅިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޢްލޫމާތުތައް ހާމަކުރެއްވުމަށް ނައިފަރުގައި މިރޭ ބާއްވަވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޒުވާނުންގެ ގޮތްޕަކާއި، އަންހެނުންގެ ގޮތްޕަކާއި، މަސްވެރިންގެ ގޮތްޕެއް އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް މިކުރައްވާ ދަތުރުފުޅަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުގެ ވަގުތެއްގައެވެ.