ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި، އެކުދިންގެ ޢާއިލާތަކަށް، އުފާވެރި ކުޑަކުދީންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ނުހަނު ލޯތްބާއެކު އަރިސްކުރަމެވެ.
ކުޑަކުދިންގެ ދުވަހަކީ، ޤައުމުގެ އަދުގެ އުފާވެރިކަމާއި މާދަމާގެ ފޮނި އުންމީދުތައް ގުޅިގެން އަންނަ ޚާއްޞަ މުނާސަބާއެކެވެ. ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. އެކުދިން ތައްޔާރުވަމުން އެދަނީ، މުސްތަޤްބަލުގައި މި ޤައުމުގެ ކަންކަމާ ހަވާލުވާށެވެ. ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ޤައުމީ ވާޖިބެވެ.
ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މަތިވެރި އިރުޝާދުތަކުން އެނގެން އޮތް އެއް ޙަޤީޤަތަކީ، ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައި ކަމެވެ. އެ ކުއްޖާގެ އުޅުމާއި ޢަޤީދާ ބައްޓަންވަނީ ބެލެނިވެރީން ދިން ތަރުބިއްޔަތެއްގެ މައްޗަށް ކަމެވެ.
ކުޑަކުދިންގެ މިޖާޒުގައި ހުންނާނީ ނިޔަނެތިކަމާއި ސާފުސީދާކަމެވެ. ބޮޑެތި މީހުންނާމެދު އެކުދިން ދެކޭނީ، ބެލެނިވެރިއެއް، މުރުޝިދެއް، މަދަދުގާރެއްގެ ނަޒަރުންނެވެ. އެ ކުދިންގެ މަޢުޞޫމުކަން އަބަދުވެސް ޖާގަދޭނީ، ދޮށީ މީހުންގެ ބަސް އެހުމަށެވެ. އަޅުގަނޑުމެން އުޅޭ އުޅުމާއި ދައްކާ ނަމޫނާ ނަކަލު ކުރުމަށެވެ.
އަޅުގަނޑުމެން މިއަދު ޢަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށެވެ. ގޭތެރެއާއި، މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ، ރީތި މާޙައުލެއް ދެއްކުމަށެވެ. ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތަޢުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދޭށެވެ. ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ޤައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރާށެވެ.
ލޮބުވެތި ކުޑަކުދިންނަށް އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ، މިއީ އެ ކުދިންގެ އުމުރުގެ އެންމެ އަގުހުރި ދުވަސްތައްކަން ހަނދާން ބެހެއްޓުމެވެ. ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމެވެ. އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން ޢަޒުމު ކަނޑައެޅުމެވެ. ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމެވެ. ތިޔަ ކުދިންގެ މަންމަ ދެކެ ވާ ލޯބި، ތިޔަ ކުދިންގެ މި ޤައުމު ދެކެވެސް ވުމެވެ. ވަގުތު ބޭކާރު ނުކުރުމެވެ. ޞިއްޙީ އާދަތަކުގައި ހިފުމެވެ. ބަސްއަހާ ކިޔަމަންތެރި ކުދިބަޔެއްގެ ގޮތުގައި ދެމިތިބުމެވެ.
ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަމެވެ. ހިތްތަކުގެ ހަމަޖެހުމެވެ. ޤައުމުގެ ދެމިއޮތުމެވެ. ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަމެވެ.
އަޅުގަނޑުގެ ދުޢާއަކީ، ކޮންމެ އަހަރެއްގެ މި ދުވަސްވެސް، ހިތްހަމަޖެހުމާއި ބާއްޖަވެރިކަމާއެކު، އަބަދުމެ ބައްދަލުވަމުން ދިޔުމެވެ. ދިވެހި ކޮންމެ ކުޑަކުއްޖަކަށް، ތޫނުފިލިކަމާއި، ދުޅަހެޔޮކަމާއި، ރައްކައުތެރިކަން މާތްﷲ މިންވަރު ކުރައްވައި، އުޖާލާ މުސްތަޤްބަލެއް ދެއްވުމެވެ. އާމީން.