بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، އެސްޓޯނިއާގެ އޮފީސް އޮފް ދަ ޕްރެޒިޑެންޓްގެ އަދި ޑިޖިޓަލް ކައުންސިލްގެ މެންބަރ އަދި އީ-ގަވަރނަންސް އެކެޑަމީގެ ކޯ-ފައުންޑަރ މިސްޓަރ ލިނަރ ވިކް، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ވަޑައިގެން ތިއްބެވި އެކިއެކި މުއައްސަސާތަކާއި، ކުންފުނިތަކާއި، ޕްރައިވެޓް ސެކްޓަރ އަދި ޚިދުމަތްތައް ދޭ އެކިއެކި މުއައްސަސާތަކާއި، އޮފީސްތަކުގެ އެންމެހައި ވެރިން، ސިޓީތަކުގެ މޭޔަރުން، އެކިއެކި ލޯކަލް ކައުންސިލްތަކުގެ ބޭފުޅުން، އަދި ޖުމްލަކޮށް، މިތަނުގައި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ބޭރު ޤައުމުތަކުގެ ސަފީރުން، އިންޓަރނޭޝަނަލް އެކިއެކި ބޮޑީތަކުގެ މެންބަރުން، ދުރާއި ގާތުން މި ޖަލްސާ ބައްލަވައި އަދި އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިރޭ އަޅުގަނޑުމެން މި ފަށަނީ ވަރަށް އުންމީދީ ދަތުރެއް. އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާ ފެށުމެއް. މިދިޔަ އަހަރު ޔޫ.އެން.ގައި ވާހަކަ ދައްކަމުން އަޅުގަނޑު އިޢުލާނު ކުރިން، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ތަރައްޤީގެ ރާސްތާ، 2040 ވަނަ އަހަރު އަންނައިރުގައި، މި ޤައުމަކީ ތަރައްޤީވެފައިވާ ޑިވެލޮޕް ނޭޝަންސްތަކުގެ ތެރޭގައި ގުނާލެވޭ ޤައުމަކަށް ހަދަން އަޅުގަނޑުމެން ޤަޞްދުކުރަމޭ. އެއޭ ދިވެހި ރައްޔިތުން މިކުރާ މަސައްކަތަކީ. ކުރާ އުންމީދަކީ، ޢަޒުމަކީ.
އެ ރާސްތާއަށް ދާން ބަލާއިރުގައި، މި ޤައުމުގައި އެބަހުރި، ވަރަށްގިނަ ކަންތައްތަކެއް ރަނގަޅު ކުރަންޖެހޭ، ތަރައްޤީ ކުރަންޖެހޭ. އަދި އީޖާދުކުރަން، ނޫނީވިއްޔާ ޤައުމަށް އިތުރުކުރަންޖެހޭ. މިކަންކަމުގެ ތެރެއިން ބަލާއިރުގައި، ޤައުމުގައި ހުރި އެކިއެކި މައްސަލަތައް ޙައްލުކުރުންވެސް އެބައޮތް. ޤައުމުގައި ހުރި ނުރަނގަޅު އާދަތައް ރަނގަޅު ކުރުންވެސް އެބަ ހިމެނޭ. މިހެންގޮސް ވަށާޖެހޭ ގޮތެއްގައި މި ޤައުމު ތަރައްޤީ ކުރުމަކީ، މި ދެންނެވި ރާސްތާއަށް ދިޔުމުގައި، މާނަހުރި ގޮތެއްގައި އަޅުގަނޑުމެން ކަންކަން ކުރާނަމަ، ކުރަންޖެހޭ މިންގަނޑަކީ، ވަށާޖެހޭގޮތުން އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުން.
މިހެން ބަލާއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަކީ ކޮބައިތޯ ބަލައިލާއިރުގައި، އެންމެބޮޑު އެއްކަމަކީ، ކޮރަޕްޝަންގެ ވަބާ. މިއީ ދެބަސްނުވެވޭނެ ޙަޤީޤަތެއް. ޚިދުމަތް ދިނުމުގެ ތެރޭގައި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ތެރޭގައި، އަދި ޖުމްލަކޮށް ހަމަ މުޅި ނިޒާމުގެ ތެރޭގައިވެސް މި ޤައުމުގައި މި ވަބާ އެބައޮތް. ވަކި މި ޤައުމުގައި އެކަންޏެއް ނޫން. މުޅި ދުނިޔޭގައިވެސް އޮތް މައްސަލައެއް މިއީ. އެހެންނަމަވެސް، ގުޑް ގަވަރނަންސްގެ ތެރެއިން އަޅުގަނޑުމެން މި ޤައުމު ގެންގޮސް، އަޅުގަނޑުމެން ރައްޔިތުންނަށް ދޭން ބޭނުންވާ އެންމެމަތީ ޚިދުމަތް، ދެފުށް ފެންނަ ގޮތުގައި، އަވަސްމިނުގައި ފުރިހަމައަށް، އޭގެ އެންމެ ރަނގަޅު މިންވަރުގައި ދޭން ބަލާއިރުގައި، މި ވަބާއިން ޤައުމު ސަލާމަތް ކުރަންޖެހޭނެ. ނޫނީވިއްޔާ މި މައްސަލަ މަދުކުރަންޖެހޭ.
މިގޮތުން ބަލާއިރުގައި، ޤައުމުގެ ނިޒާމު މިހާރު މި ހިނގާ ގޮތް ބަދަލުނުކޮށް، މިކަމުން ސަލާމަތްވެވޭކަށް ނެތް. އިންސާނުން، އޭގެ ޒާތުގައި ކަންކަން ކުރާއިރުގައި، އަތުގައި ބާރެއް އޮވެއްޖިއްޔާ، ނޫނީވިއްޔާ ކަންކަމަށް އެކްސެސް ވެވެންޏާ، ހަމަ ވަރަށްގިނަ މީހުންނަށް ކުރެވޭ ކަމަކީ، ކަންކަމުގެ ތެރޭގައި އަމިއްލަ ނަފްސު އިސްކުރެވެނީ. އޭގެ ސަބަބުން ކޮރަޕްޝަން އިތުރުވަނީ. އެހެންވީމާ، އަމިއްލައަށް ކުރާ ކަންކަން ކުރުމުގެ ފުރުޞަތު މަދުވާ މިންވަރެއް، މި ޑިޓަރމައިންޑް ކުރަނީ، ޚިދުމަތް ދިނުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަން ނެތިގެންދާ މިންވަރު.
އެހެންވީމާ، ޑިޖިޓަލައިޒް ކުރެވިގެންދާ މިންވަރަކުން މުޅި ނިޒާމު، ޚިދުމަތް ދިނުމުގެ ނިޒާމު، މުޅި ޤައުމުގެ ހުރިހާ މަސައްކަތްތަކެއްގެ ނިޒާމު، އެއީ، މުޅި ދައުލަތް އެކީގައި ހިމެނޭގޮތުން ޑިޖިޓަލައިޒް ކުރެވި، ހިއުމަން އިންޓަރވެންޝަން ކުޑަކުރެވުނުވަރަކުން ކޮރަޕްޝަންގެ ވަބާއިން ސަލާމަތްކުރެވޭނީ.
އަޅުގަނޑު ވަރަށް އުފާކުރަން، މިތަނުގައި މިއަދު ދައުލަތުގެ ތިންބާރުގެ ވެރިން، ރައްޔިތުންގެ މަޖިލިސް، އުއްތަމަ ފަނޑިޔާރު، ޖުޑީޝަރީއާއި، މަޖިލީހާ، މިތަނުގައި ރެޕްރެޒެންޓް ކުރެއްވުމަށް އެންމެ އިސް ބޭފުޅުން، އެ ދެ އިސް ބާރުގެ ވެރިން ތިއްބެވީތީ. އަދި އެހެނިހެން މިނިވަން މުއައްސަސާތަކުގެ ބޭފުޅުން ތިއްބެވީތީ. ބޭންކްތައް، ޕްރައިވެޓް ސެކްޓަރ، ސަރުކާރުގެ ވުޒާރާތައް، މުޅި ދައުލަތުގެ އެކިއެކި ފަރާތްތައް ހާޒިރުވެވަޑައިގެން ތިއްބެވީތީ. މިއީ އެންމެން އެކުގައި، އެކައްޗެއް ކިޔައި، އަތުގުޅާލައިގެން ތެދުވެ ނައްތާލެވިދާނެ ވަބާއެއް، ކޮރަޕްޝަނަކީ.
އެހެންވީމާ، ޑިޖިޓަލައިޒް ކުރުމުގެ މި މަސައްކަތުގެ އަޅުގަނޑުގެ އެންމެ މައިގަނޑު އެއް މަޤްޞަދަކީ، މި ޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުން. އިރެޑިކޭޓް ކުރުން. އެހެންވީމާ، އެންމެން އެކައްޗެއް ކިޔައި، އަޅުގަނޑުމެންގެ މި ޤައުމު، ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުމަށް މި ފަށާފައިވާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭ. ނައްތާލަންޏާ، ޤައުމުގައި މިއޮތް ނިޒާމު، ހިންގުމުގެ ނިޒާމު އެބަޖެހޭ ޑިޖިޓަލައިޒް ކުރަން. ވަރަށްސާފު، ވަރަށް ދެފުށް ފެންނަ މައްސަލައެއް، މައްސަލައަކީ.
މިގޮތުން ބަލާއިރުގައި، މުޅި ދުނިޔޭގައި އެންމެ ފުރިހަމައަށް ޑިޖިޓަލައިޒޭޝަންގެ ކަންކަން ހާސިލުކޮށްފައިވާ އެއް ޤައުމަކީ އެސްޓޯނިއާ. އަޅުގަނޑު ވަރަށް ޝުކުރުވެރިކަމާ އެކީގައި ދަންނަވަން. އެސްޓޯނިއާގެ ރައީސް އަޅުގަނޑަށް ދަޢުވަތު ދެއްވައި، އެ ޤައުމަށް މި އަހަރު ކުރީކޮޅު ރަސްމީ ދަތުރެއް ހަމަޖައްސަވައި، ދަޢުވަތު ދެއްވައި، އަޅުގަނޑަށް ދިޔުމުގެ ފުރުޞަތު ދެއްވި.
ދެންމެ މިތަނުގައި މިސްޓަރ ލިނަރ އެ ވިދާޅުވެދެއްވީ، އެ ޤައުމުގެ ކަންކަން ހާސިލުކުރުމުގައި ދިޔަ ޖަރނީ. އަދި މިރޭ އަޅުގަނޑަށްފަހު އެބައޮތްކަންނޭނގެ އެޖެންޑާގައި ވަރަށް މުހިންމު އައިޓަމެއް. އެ ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަފުޅު ދެއްކެވުން.
އާދެ، އެ ޤައުމަކީ ކޮރަޕްޝަން ނައްތާލުމުގެ އިންޑެކްސްގައި އެންމެ ކުރީގައި އުޅޭ އެއް ޤައުމު. އެއީ، ޑިޖިޓަލައިޒޭޝަންގައި އެހާ ކުރި ހޯދާފައި އޮތީމަ. އެންމެންގެ ޢަޒުމް ހުރީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި. ވަރަށް ދެފުށް ފެނޭ. ވަރަށް އެފިޝަންޓް ނިޒާމެއް ޤާއިމުކުރެވިފައިވާ ޤައުމެއް. އާބާދީގެ ގޮތުންވެސް އަޅުގަނޑުމެންނާ އެހާބޮޑު ތަފާތެއް ނެތް. އަޅުގަނޑުމެންގެ ޤައުމަށްވުރެ ދެގުނަ އާބާދީ ބޮޑީ ގާތްގަނޑަކަށް. 1.2 މިލިއަން މީހުން އުޅެނީ ގާތްގަނޑަކަށް. އެ ބޭފުޅުންގެ ޤައުމު މިއަދާ ހަމަޔަށް އައިއިރުގައި ތަރައްޤީކޮށްފައި ވަނީ މި ޑިޖިޓަލައިޒޭޝަންގެ ޖަރނީގެ ތެރޭގައި. ވިއްސަކަށް، ފަންސަވީހަކަށް އަހަރު ތެރޭގައި، އެތައް ކަމެއް ކަޑައްތުކޮށްގެން ހާސިލުކޮށްފައިވާ ހާސިލުކުރުންތައް އަޅުގަނޑުމެންނާ ޙިއްޞާކުރައްވައި، އަޅުގަނޑުމެންގެ މި ޤައުމުގައި މިހާރު މި، ދެންމެ ޕްރެޒެންޓޭޝަންގައި ދެއްކިގެންދިޔަ، އެކިކަހަލަ ސައިލޯ ކުރެވިފައި ހުރި ވަކިވަކި ނިޒާމުތައް އެބަހުރި އެކި ތަންތާނގައި. ބޭންކުގައިވެސް އެބަހުރި. އެކި މުއައްސަސާތަކުގައި އެބަހުރި. އެގޮތް ދޫކޮށްލައި، އެންމެން އެއް ވިއުގައަކަށް އައިސް، ރައްޔިތުން އަބަދު އެއް މަޢުލޫމާތެއް ޙިއްޞާކުރަން ނުޖެހި، ވަރަށް ސީމްލަސް ފަސޭހަ ނިޒާމެއްގެ ތެރެއިން މުޅި ޤައުމުގެ ޚިދުމަތް ދިނުން ގުޅުވައިލެވޭ ނިޒާމަކަށް ދާން. އެސްޓޯނިއާގައި އެކަން ހާސިލުކޮށްފައިވާ ގޮތަށް ކުރަން އަޅުގަނޑުމެން ދެ ޤައުމު ގުޅިގެން މަސައްކަތް މި ފެށީ. އެކަމަށްޓަކައި އެސްޓޯނިއާގެ ރައީސް އަލަރ ކަރިސްއަށް އަދި އެސްޓޯނިއާގެ ސަރުކާރަށް އަދި މިކަމުގައި އެހީތެރިކަން ދެއްވާ ސަރުކާރުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކޮރަޕްޝަން ނައްތާލެވޭނެ. އަޅުގަނޑުމެންގެ ޤައުމުގެ މި ކޮރަޕްޝަންގެ ވަބާއިން ވަރަށްބޮޑު ތަނުން ސަލާމަތްވެވޭނެ. އޮފީސްތަކުގައްޔާއި، އެކިއެކި މުއައްސަސާތަކުގައި ޚިދުމަތް ދިނުމުގައި މި ނިޒާމު ޤާއިމުކުރެވިގެން ދިޔުމުން، ވަރަށް ބޮޑަށް ދެފުށް ފެނިގެންދާނެ. އަޅުގަނޑުމެންގެ ޕްރޮޖެކްޓްގެ ތެރޭގައި ވަރަށްގިނަ މައިލްސްޓޯންތައް ހުންނާނެ، ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ބަހާލައިގެން، އަޅުގަނޑުމެން ކަނޑައަޅާ މި ވަރަށް އެމްބިޝަސް، އެހެންނަމަވެސް، އެޗީވަބަލް މި ޓާގެޓްތަކުގެ ތެރޭގައި.
އެއް ކަމަކަށް، މިހާރު މި ބޭނުންކުރާ އައި.ޑީ. ކާޑު. ސްމާރޓް، ޑިޖިޓަލް. އެހެންނަމަވެސް، ހަމަ އަތުގައި އޮންނަ އައި.ޑީ ކާޑަކަށް، އެ ކާޑުގައި ޑިޖިޓަލް ސަރވިސަސްތައް ހިމެނިގެންދާ ކާޑަކަށް ބަދަލުކުރުން. ހަމަ އެސްޓޯނިއާގައި ބޭނުންކުރާގޮތަށް ބަދަލުކުރުން ހިމެނިގެންދާނީ. އެ ކާޑަކީ، ހުރިހާ ޚިދުމަތެއް ބޭނުންކުރުމުގައި، ލިބިގަތުގައި އެމީހާގެ އައި.ޑީ ކާޑު. އަދި މުޅި ސަރުކާރާއި، ޚިދުމަތް ދޭ ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް އެކުގައި ގުޅާލެވިފައިވާ ނިޒާމެއް ޤާއިމުކުރުން. ހަމަ އެ ޤައުމުގައި ޤާއިމުކޮށްފައިވާ ގޮތަށް. މީގެތެރޭގައި ވާނެ، ސައިބަރ ސެކިއުރިޓީ އިންތިހާއަށް ރަނގަޅުކޮށް، ދެންމެ ޕްރެޒެންޓޭޝަންގައިވެސް ދެއްކި ފަދައިން، އެ ދާއިރާ ވަރުގަދަކުރުން ހިމެނިގެންދޭ.
އެހެންވީމާ، އަޅުގަނޑުމެންގެ މި ޚިދުމަތުގެ ނިޒާމު ވަރުގަދަކުރެވި، ކޮރަޕްޝަންގެ ވަބާއިން ދުރުކުރެވި، އަވަސްކުރެވި، ދެފުށް ފެންނަވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި ކަންކަމުގައި ނަތީޖާ ހާސިލުކުރެވޭ މިންވަރު ވަރަށް ބޮޑަށް އަވަސްވެގެންދާނެ. މަޢުލޫމާތު ހޯދުމުގައިވެސް، އޭގައި ކުރިއެރުން ލިބިގެންދޭ.
އެސްޓޯނިއާއަކީ މުޅި ދުނިޔޭގައިވެސް ޕްރެސް ފްރީޑަމްގައި ދެވަނައަށް އެންމެ މަތީގައި އޮތް ޤައުމު. ދެވަނަ. އިއްތިފާޤެއް ނޫން. އަޅުގަނޑު ބޭނުން ދިވެހިރާއްޖެވެސް އެތައް ދަރަޖައެއް މައްޗަށް، ކުރިއަށް އޮތް އަހަރުތަކުގައި ގެންދަން. މަޢުލޫމާތު ޙިއްޞާކުރުމާއި، މަޢުލޫމާތު ލިބިދިނުމުގައްޔާއި، ޕްރެސް ފްރީޑަމްގައި ދިވެހިރާއްޖެ އެތައް ގުނައެއް ރަނގަޅު ކުރަން، މަތިކުރަން އަޅުގަނޑު ބޭނުން. އެކަން ކުރުމުގައިވެސް މި ނިޒާމު ޑިޖިޓަލައިޒް ކުރުމަކީ ހަމަ ގުޅިލާމެހިފައި އޮތް ކަމެއް. ދެ ކަންތައް ވަކިނުކުރެވޭ ކަމެއް. އެހެންވީމާ، މި މަޤްޞަދުތައް މިހިރީ، މި ޤައުމަކީ ވަރަށް ބޮޑަށް ހުޅުވިފައިވާ، މަޢުލޫމާތު ފަސޭހައިން ލިބޭ، ޒިންމާދާރުކަމާއެކީ ޚިދުމަތްދޭ، ވަރަށް އަވަސްމިނުގައި ޚިދުމަތްދޭ ޤައުމަކަށް ހެދުމުގެ ޢަޒުމުގައި މި މަސައްކަތް ކުރުމުގައި.
އެހެންވީމާ، މި މަސައްކަތް އަޅުގަނޑުމެން މި ފަށަނީ ވަރަށް މާތް މަޤްޞަދުތަކެއްގައި. އަޅުގަނޑުމެންގެ ޤައުމު ތަރައްޤީވެފައިވާ ޤައުމަކަށް ހަދާއިރުގައި، ހަމައެކަނި ބޮޑެތި އިމާރާތްތަކެއް ނޫން ބޭނުންވަނީ. އެއީ، ވަރަށް މުހިންމު ކަމެއް. ތަރައްޤީގެ ރާސްތާގައި ރާއްޖޭގައި އެކިކަހަލަ، އަތްލެވޭ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ބޭނުންވާނެ. ސްކޫލް، ހޮސްޕިޓަލް އަދި އެކިކަހަލަ ބުރިޖްތަކާއި، ބަނދަރުތަކާއި، މަގުތަކާ، ހުރިހާ އެއްޗެއްވެސް ބޭނުންވޭ. ހުރިހާ ކަމެއްވެސް ބޭނުންވޭ. ހަމައެއާއެކީގައި، އެއަށްވުރެ ވަކި އުސްމިން ކުޑަ ކަމެއްނޫން، އަޅުގަނޑުމެންގެ ޤައުމުގައި ކޮރަޕްޝަން ނައްތާލުމަކީ. ވަކި އުސްމިން ކުޑަ ކަމެއްނޫން، އަޅުގަނޑުމެންގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަކީ. ވަކި އުސްމިން ކުޑަ ކަމެއްނޫން، ދެފުށް ފެންނަ، އަވަސްމިނުގައި ޚިދުމަތް ދެވޭ، އެއްވެސްކަހަލަ ބެރިއަރއެއް ނެތި، ފަސޭހައިން މަޢުލޫމާތު ލިބޭ، ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީވެސް. އަތްނުލެވޭ ތަރައްޤީގެ އެތައް ކަމެއް އަޅުގަނޑުމެން މި ޤައުމުގައި ތަޢާރުފް ކުރުމުގެ މަސައްކަތް ނޫންތޯ ފަށައިގެން މިދަނީ. ޤައުމުގައި ހުރި އިޖުތިމާޢީ އެތައް ކަމެއް ޙައްލުކުރުމުގެ މަސައްކަތްވެސް ފަށައިގެން ނޫންތޯ މިދަނީ.
އަޅުގަނޑުމެންގެ ޞިއްޙަތަށް ލިބޭ ގެއްލުންތަކުން ސަލާމަތްކުރުމަށް ވޭޕް މަނާކޮށް، ޖެނެރޭޝަނަލް ބޭންއެއް، އަޅުގަނޑުމެންގެ ޒުވާން ކުދިން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރުމަށް ފަށައިގެން މިއުޅެނީ. ބޮޑު އިމާރާތެއް ނޫން. އެހެންނަމަވެސް، އިމާރާތެއްގެ ބޮޑުމިނަށްވުރެ ވަކި އެއިން ލިބޭ، އެ ހާސިލު ކުރެވޭ ނަތީޖާ ކުޑައެއްނޫން. އަޅުގަނޑުމެންގެ ތެރޭގައި ޑްރަގް ބޭނުންކުރުމާއި، އެކިކަހަލަ މާރާމާރީތައް ހިންގުމާއި، މިކަންކަމުން މުޖުތަމަޢު ސާފުކުރުމަށް މިކުރާ މަސައްކަތަކީ، އިމާރާތެއްގެ އުސްމިނަށްވުރެ ވަކި އުސްމިން ކުޑަ ނަތީޖާ ނުކުންނަ ކަމެއްނޫން. ވަށާޖެހޭ، މާނަވީ އަދި އަތްލެވޭ ތަރައްޤީ އެއީ، މާނަހުރި، ދެމެހެއްޓެނިވި ތަރައްޤީއަކީ. ޤައުމަށް ހެޔޮއެދެންޏާ، ޤައުމުދެކެ ލޯބިވަންޏާ، ރައްޔިތުން ދެކެ ޙަޤީޤީ ލޯބިވަންޏާ، ކަންކަން ކުރަންޖެހޭ ގޮތަކީ އެއީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑަށް ޔަޤީން، ދިވެހި ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާނެ އެގޮތް.
އެހެންވީމާ، މިއަދު މި ފަށާ އަޅުގަނޑުމެން އެންމެންގެ މަޝްރޫޢު، "ދިވެހިރާއްޖެ 2.0" "މޯލްޑިވްސް 2.0" އަކީ އަޅުގަނޑުމެންގެ މަޝްރޫޢު. ދިވެހި ރައްޔިތުންގެ މަޝްރޫޢެއް. އަޅުގަނޑުމެން އެންމެން އެމްބްރޭސް ކުރަންވީ. ބަލައިގަންނަންވީ. ރެސިސްޓެންސް ޓު ޗޭންޖަކީ ނެޗްރަލް ކަމެއް. އެއީ، ހަމަ ނެޗްރަލް ކަމެއް. ކޮންމެ ޤައުމެއްގައިވެސް އޮންނަ ކަމެއް އެއީ. ކުރީގައި ކަމެއް ކުރަމުންދިޔަ ގޮތް ދޫކޮށްލައި، އާގޮތަކަށް ބަދަލުވުމަކީ، އެއީ، އެ މީހަކު ކުށްވެރި ކުރަންޖެހޭ ކަމެއް ނޫން. އޮފީސްތަކުގައި ކަންކަން ކުރަމުންދިޔަގޮތް ދޫކޮށްލައި، މުޅިން ޑިޖިޓަލައިޒް ކުރެވިގެންދިޔުމަކީ، އެކަމުގެ ތެރޭގައި، ޒަމާން ވަންދެން އެއްގޮތަކަށް ކުރަމުންދިޔަ މީހުންގެ ތެރޭގައި ހަމަ އުނދަގޫތަކެއް ހުންނާނެ އެގޮތް ދޫކޮށްލަން. އެކަމަކު އެއީ، ހޭލުންތެރިކުރެވި، ތަމްރީނުދެވި، އެކަމުގެ ތެރެއަށް ފަސޭހައިން ގެންދެވޭނެ ކަމެއް.
އެހެންވީމާ، އަޅުގަނޑުމެން އެންމެން އެކުގައި މި މަސައްކަތް ފެށުމުން، އަޅުގަނޑުމެން ކޮންމެ މީހަކަށް މި ކޮށްދެވެނީ، އަޅުގަނޑުމެންނަށްޓަކައި، ޤައުމަށްޓަކައި ވަރަށް މުހިންމު ކަމެއް. މިކަމަށްޓަކައި ޚާއްޞަ ލެޖިސްލޭޓިވް މަސައްކަތްތަކެއް ކުރަން އެބަހުރި. ޤާނޫނުތައް ގެންނަން އެބަހުރި. މި ބޮޑު މަޝްރޫޢަށް ޚާއްޞަ ޤާނޫނަކާއި، އޭގެތެރެއިން ވަކިވަކި ޤާނޫނުތައް އަންނާނެ. ހަމަ އަޅުގަނޑުމެން ތަޖުރިބާ ހޯދާނީވެސް އެސްޓޯނިއާއިން. ހޯދައިގެން އަޅުގަނޑުމެންގެ ޤައުމަށް ފެތޭ، އަޅުގަނޑުމެންގެ މާޙައުލަށް ފެތޭ ޤާނޫނުތައް، މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވީހާވެސް އަވަހަކަށް ފާސްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނީ. އޭރުން ހުރިހާ ފަރާތްތައް، މީގެތެރޭގައި ޝާމިލްވުމުގައި ވަރަށް ފަސޭހަވެގެންދޭ.
މިސާލަކަށް، ލޯކަލް ކައުންސިލްތައް. އަޅުގަނޑުމެން ޚިދުމަތް ދިނުމުގައި، ވަރަށްގިނަ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ލޯކަލް ކައުންސިލްގެ ނިޒާމު. ލާމަރުކަޒީ ނިޒާމު. އަޅުގަނޑުމެން ފަށައިގަންނައިރުގައިވެސް ލޯކަލް ކައުންސިލްތަކާ އެކުގައި މަސައްކަތް ފަށައިގަންނަން އަޅުގަނޑުމެން ނިންމާފައި މިއޮތީ. އަޅުގަނޑުމެން ފަށައިގަންނައިރުގައިވެސް ޖުޑީޝަރީއާ އެކީގައި މިކަމުގެ ތެރޭގައި ބައިވެރިވެގެން ކުރިއަށްދާން އަޅުގަނޑު ޤަޞްދުކުރަނީ. އަޅުގަނޑުމެން ފަށައިގަންނައިރުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ދާއިރާއިންވެސް މިކަމުގެ ތެރޭގައި ބައިވެރިވެގެން ކުރިއަށްދާން ނިންމާފައި މިވަނީ. އަދި ޖުމްލަކޮށް، ހަމަ ހުރިހާ އިންޑަސްޓްރީތައްވެސް މީގެތެރޭގައި ގުޅިލާމެހިގެންދާ ގޮތަށް.
އާދެ، ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ބަލާއިރުގައި، ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި، ޑިޖިޓަލައިޒޭޝަންގެ މުޅި ޖަރނީ، އަޅުގަނޑުމެން މި ކަނޑައަޅާފައިވާ ތަޞައްވުރު ކުރިއަށް އޮތް ތިން އަހަރާ ބައިގެ ތެރޭގައި ހާސިލުވެގެންދާއިރު، އޮފީސްތަކުގައި ޚިދުމަތް ދިނުމުގައި މުވައްޒަފުންނަށްވެސް ވަރަށްބޮޑު ތަނުން އެބަ ފަސޭހަވެގެންދޭ. އަދި އޮފީހުގައި ތިބެގެން ޚިދުމަތް ދޭންޖެހޭ މުވައްޒަފުންގެ ޢަދަދު ވަރަށްބޮޑު ތަނުން މަދުވެސް ކުރުމުގެ ފުރުޞަތު ލިބިގެންދޭ. އަޅުގަނޑުގެ އުންމީދަކީ، އަދި މިތަނުގައި މިއަދު ކަނޑަނޭޅި ނަމަވެސް، އެންމެން ގުޅިގެން މި މަސައްކަތް ކާމިޔާބުކުރެވޭ މިންވަރަކުން އަޅުގަނޑުގެ އުންމީދަކީ، 2028 ވަނަ އަހަރު ފެށޭ ހިސާބުން، މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް ސާޅީސް ނުވަހާސް މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން، ކަނޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން ވާރކް ފްރޮމް ހޯމް، ގޭގައި ތިބެގެން، ހަމަ ޤާނޫނީ އުޞޫލުގެ ތެރެއިން، ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން. ހަފްތާއަކު 30 ގަޑިއިރު، ނޫނީ ކަނޑައެޅޭ ވަކި ވަގުތަކަށް، ވަގުތު ހަމަކުރަން އޮފީހަށް އައުން އޭގެތެރޭގައި ހިމެނޭގޮތަށް.
ޚިދުމަތަށް ކޮންމެހެން އޮފީހަށް އަންނަން ޖެހޭނެ މުވައްޒަފުން ތިބޭނެ. މިސާލަކަށް، ޞިއްޙީ ޚިދުމަތްތެރިން. މިހެންގޮސް ވަކި ފަރާތްތަކެއް ތިބޭނެ، ކޮންމެހެން އަންނަންޖެހޭނެ. ތަޢުލީމީ ދާއިރާ ފަދަ. މުޅި ޚިދުމަތުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރާ ޖުމްލަކޮށް، ގާތްގަނޑަކަށް ސާޅީސް ނުވަހާސް ޚިދުމަތްތެރިން، މަސައްކަތްތެރިން އެބަތިބި. މީގެތެރެއިން ތިންބައިކުޅަ އެއްބައި، މި ދެންނެވި ގޮތަށް ބަދަލުކުރީމަ ހާސިލުކުރެވޭ އެތައް ކަމެއް އެބަހުރި. އޭގެތެރޭގައި، މުޅި ސަރުކާރުގެ އޯވަރހެޑް ކޮސްޓް ކުޑަކުރެވޭ. އެއްވެސްވަރަކަށް އެފިޝަންސީ ދަށެއްނުވޭ. އެފިޝަންސީ އިތުރުވަނީ. ދެފުށް ފެންނަވަރު އިތުރުވަނީ. ރައްޔިތުންގެ ޙައްޤުތައް މަތިވަނީ. ލިބޭ މިންވަރުން. އޭގެއިތުރަށް، ކާރޫބާރު ބޮޑު ތަންތަނަށް ބަލާއިރު، މިސާލަކަށް، މާލެއަށް ބަލާއިރުގައި، މާލޭގެ މަގުމަތީގައި އެތައް ތަނަކުން ޓްރެފިކް ކުޑަކުރެވިގެންދޭ، ތޮއްޖެހޭ މިންވަރު. ގްރީންހައުސް އެމިޝަންސް. ވެހިކަލްތައް ދުއްވުމުގެ ސަބަބުން މި ބޭރުވާ ގޭސްތައް އިތުރުވާ މިންވަރު ކުޑަކުރަންވެސް ވަރަށްބޮޑު ކާމިޔާބެއް ހާސިލުވޭ، އޮފީސްތަކަށް ދާންޖެހޭ މުވައްޒަފުން މަދުކުރެވޭ މިންވަރަކުން. އެ އަމާޒުވެސް ހާސިލުކުރެވޭނީ، މިއަދު މި ފަށާ ދަތުރު، މި ދަތުރު އަޅުގަނޑުމެން އެންމެން ގުޅިގެން، އެންމެން އެކައްޗެއް ކިޔައި، އަޅުގަނޑު މި ކަނޑައަޅާ މިންގަނޑާ އެއްގޮތަށް ހާސިލުކުރެވޭ މިންވަރަކުން.
އަޅުގަނޑު ވަރަށް ދެކެން ބޭނުން، މި ދެންނެވި ތާރީޚުން ފެށިގެން، 2028 ވަނަ އަހަރު ފެށޭ ހިސާބުން އެ މިންގަނޑު ހާސިލުކުރެވޭތޯ ބަލަން. އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔާފައި މަސައްކަތް ކޮށްފިއްޔާ ޔަޤީން އެކަން ކުރެވޭނެ.
އެހެންވީމާ، މިފަދަ އެތައް ކާމިޔާބީތަކެއް، މީގެތެރޭގައި އަޅުގަނޑުމެންނަށް ހާސިލު ކުރެވެން އޮތް މުހިންމު ޖަރނީއެއް މިއަދު މި ފަށަނީ. އެހެންވީމާ، މިކަމުގައި އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔައި، އަޅުގަނޑުމެންގެ ޤައުމުގެ ކޮރަޕްޝަން ނައްތާލައި، އަޅުގަނޑުމެންގެ ޤައުމަކީ ދުނިޔޭގައި އެންމެން ބަލައިގަންނަ ފެންވަރުގައި ޚިދުމަތް ދިނުމާއި، ހިންގުމުގެ ނިޒާމާ، ހުރިހާ ކަމެއް އޮތް ޤައުމަކަށް ހެދުމުގައި، އަޅުގަނޑުމެން އަތުކުރި އޮޅާލުމަކީ، ހުރިހާ މަސައްކަތްތެރިންނާއި، ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ގޮވާލާ ގޮވާލުމެއް.
އިރާދަކުރެއްވިއްޔާ، މި މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ. މިއީ އަޅުގަނޑުމެން އެންމެންގެ އުންމީދު ކަމުގައި އަދި އަޅުގަނޑުމެންގެ ޢަޒުމް ކަމުގައި ކަނޑައެޅުމަކީ އަޅުގަނޑު އެދޭ އެދުން. އަދި އަޅުގަނޑު ޔަޤީންވެސް ކުރާ ކަމެއް. އެއީ، މީގައި ދެބަސްވާންޖެހޭ ކަމެއް ޙަޤީޤަތުގައިވެސް އަޅުގަނޑަށް ނުފެންނާތީ. އަޅުގަނޑުމެންގެ ޤައުމު، ކުޑަ ޤައުމަކަށްވާއިރުގައި، މި ދެންނެވި ގޮތަށް ޑިޖިޓަލައިޒް ކުރެވިގެން ދިޔައިމަ، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރެވި، އެކީގައި ގުޅިލާމެހިފައިވާ ނިޒާމެއް ޤާއިމުކުރެވުނީމާ، ޚިދުމަތް ލިބިގަންނަ މީހާއަށް އެ ލިބޭ ފަސޭހަކަމާއި، އަދި ޚިދުމަތް ދޭ މީހާއަށް އެ ލިބޭ ފަސޭހަކަމާ، މި ހުރިހާ ކަމެއްވެސް މީގެތެރޭގައި ހިމެނޭ ކަމަކަށްވާއިރުގައި، މީގައި ސައިޑް އިފެކްޓެއް، ގެއްލުމެއްވާ އެއްވެސް ކަމެއް ނުފެންނަ ކަމަކަށްވާއިރު، އޮތީ ހުސް ކާމިޔާބީ ކަމަށްވާއިރުގައި، އަޅުގަނޑުމެން އެންމެން މި ޤައުމަށް މި މުހިންމު މަޝްރޫޢާއިގެން ކުރިއަށް ގެންދިޔުމުގައި، އެހިސާބަށް ގެންދިޔުމަށް އަތުކުރި އޮޅާލުމަކީ، ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންނަށް މިރޭ އަޅުގަނޑު ގޮވާލާ ގޮވާލުމެއް.
އަޅުގަނޑު ޔަޤީންކުރަނީ، އަޅުގަނޑުމެން އެންމެން، އަޅުގަނޑުމެން މި ޤައުމު ވަށާޖެހޭ ތަރައްޤީއެއް ހާސިލުކުރުމުގައި، 2040 ވަނަ އަހަރާ ހަމަޔަށްދާއިރު، ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރޭގައި ޤައުމު ހިމެނުމަށް މި ކުރާ މަސައްކަތުގައި، ކުރިއަށް މިއޮތް ތިން އަހަރާއި ބައި، ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ޤައުމު ޑިޖިޓަލައިޒް ކުރެވި، ހިންގުމުގެ ނިޒާމު ވަރުގަދަކުރުމުގައި އެންމެން އެކަތިގަނޑެއް ގޮތުގައި ކުރިއަށްދިޔުން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި ބަރަކާތް މިންވަރުކުރެއްވުން. އަޅުގަނޑުމެންގެ މި ޤައުމަށް އުފާފާގަތިކަމާއި ތަރައްޤީ މިންވަރުކުރައްވާށި! އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.