ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ފިލިޕީންސްގެ ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ރައްޔިތުން ތިބީ، މި ހާދިޘާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ހާމަކުރައްވާފައެވެ.

ފިލިޕީންސަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހިރާއްޖެ އޮތީ ފިލިޕީންސާ އެކުގައިކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ފިލިޕީންސްގެ ރަށެއް ކަމަށްވާ ސީބޫގެ އައްސޭރިފަށަށް، އަންގާރަ ދުވަހުގެ ރޭ އައި ބާރުގަދަ ބިންހެލުމުގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާއިރު، އެ ސަރަޙައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިޘާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ.