ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ގުރައިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މިއަދު ރަށްވެހި މާލަމްގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އަންހެނުންނަށް ޚާއްޞަ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށާއި، ބަނދަރުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި، މިހާރު ބޭނުންކުރާ ރަށުގެ ނެރު، އެހެން ތަނަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރަށުގެ އިރު އުތުރުފަރާތު ގޮނޑުދޮށް ހިމާޔަތްކޮށްދެއްވުމަށާއި، ރަށުގައި އައި.ޑީ ކާޑު އަދި ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ހޮސްޕިޓަލްގެ މަސައްކަތް އަވަސްކޮށްދެއްވައި، ސްކޫލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ. ސްކޫލްގެ ފަރާތުން ވަނީ، ރަށު ސްކޫލުގައި ވޮކޭޝަނަލް ތަޢުލީމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރަށުގެ މަސްވެރިންގެ ބައެއް ކަންބޮޑުވުންތައްވެސް ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.