މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތްތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. އެމަނިކުފާނު މި މަސައްކަތްތައް އިޢުލާންކުރައްވާފައިވަނީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލެއިން ބޭރުގައި ބަހައްޓާ ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބަރ، މާދަމާ ގުރައިދޫގައި އިފްތިތާޙުކޮށްދެއްވާނޭކަމަށް ވިދާޅުވެފައެވެ. އަދި، ޑީކޮމްޕްރެޝަން ޗެމްބަރ ބެހެއްޓުމަށް ވަޢުދުވެވަޑައިގެންފައިވާ ސަރަޙައްދުތައް ކަމުގައިވާ، އައްޑޫ ސިޓީ، ފުވައްމުލައް، ވިލިގިލި، ރަސްދޫ، ތިނަދޫ، އަދި މާލޭގައި ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި، މި ޗެމްބަރުތައް ބެހެއްޓޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމް.އާރް.އައި ގެ ޚިދުމަތް ނެތް ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއްގައި، އެންމެ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ޚިދުމަތް ޤާއިމުކުރައްވާނޭކަމަށާއި، ހަމަ އެ މުއްދަތުގެ ތެރޭގައި، ހުރިހާ އަރބަން ސެންޓަރެއްގައި ސީ.ޓީ މެޝިން ބަހައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި، 15 އަތޮޅު ހޮސްޕިޓަލެއްގައި، ދަތުގެ ފަރުވާގެ އެންމެ ފުރިހަމަ ސެޓަޕްތައް ޤާއިމުކުރައްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ، ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން، ޅިދުމަތްތައް ހޯދޭނޭ މަގު ފަހިކޮށްދެއްވައި، ޚިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރައްވައި، ލާމަރުކަޒީ ސިޔާސަތު ތަންފީޒުކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.