ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވި މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން މަރުޙަބާ ދަންނަވާފައި ވަނީ ޕުތްރަޖާޔާގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ދެޤައުމުގެ މެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތައް ބާއްވާފައިވަނީ ޕުތުރާ ޕަރްދާނާގައެވެ. މި މަޝްވަރާތަކުގައި ދެޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުޞަތުތަކާއިމެދު މަޝްވަރާކުރެވުނެވެ. ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުންދިނުމާއި ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީ.އޯ.އެން) ވެސް ވަނީ ބަދަލުކޮށްފައެވެ. މި ފަހުމުނާމާތަކާއި އީ.އޯ.އެން. ތައް ބަދަލުކުރުމަށްފަހު، ދެޤައުމުން ވަނީ ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުމެއްވެސް ބާއްވަވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި، ދެ ޤައުމުން ހިއްސާކުރާ އުސޫލުތަކާއި އިޤްތިޞާދީ ދާއިރާއިންނާއި ބައިނަލްއަޤުވާމީ ސުލްޙައަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިދަތުރުފުޅުގައި ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމް 2025ގައި ވާހަކަފުޅު ދައްކަވާފައެވެ. މި ފޯރަމްގައި މެލޭޝިއާގެ ބޮޑުވަޒީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މިހަފުލާގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހި އައި.ޑީ ކާޑުގެ ޚިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި އަދި "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފްތިތާޙްކޮށްދެއްވިއެވެ.

މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް، "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއްވެސް އެރުވިއެވެ.

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރާތްކުރައްވައި، ހައިކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތް ބައްލަވާލައްވައި، އެމުވައްޒަފުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މެލޭޝިއާއަކީ އެންމެ ގިނަ ދިވެހިން އެކި ކަންކަމުގައި ދިރިއުޅޭ ޤައުމުކަމަށާއި ކޮންމެ ދިވެހި ރައްޔިތަކަށް ތަފާތުކުރުމެއް ނެތި އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދެވެން ވާނޭކަމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކެބިނެޓް ވަޒީރުންނާއި ދައުލަތުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.