ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަމާއި، ތަރައްޤީއަށް ބޭނުންވާކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ބަނޑިދޫ ސްކޫލުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ބަނޑިދޫ ޞިއްޙީ މަރުކަޒުގެ އިސް ބޭފުޅަކު ވަނީ ޞިއްޙީ މަރުކަޒަށް އެކްސްޓެންޝަން އިމާރާތެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައާއި ރަށުގެ ބިމުގެ ދަތިކަން ހުރިކަން ފާހަގަކުރައްވައި މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ތަރައްޤީއަށް، މަޝްރޫޢުތައް ހިންގުމަށް ރަށާކައިރީގައި އޮތް ކަންނެއްފަރު ރަށުގެ އިޚުތިޞާޞްގެ ތެރޭގައި ހިމަނުއްވައި ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ސްކޫލަށް ބޭނުންވާ ވަޞީލަތްތަކާއި ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ބޭފުޅުންވަނީ މި ސަރުކާރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދެއްވާ އެއްބާރުލުމާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީގެ މެންބަރުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެކަށީގެންވާ ޖާގައެއްނެތްކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ބޭނުންވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުން މެދުވެރިކުރައްވައި ކައުންސިލާއި، އތ.މ ކޮމިޓީ އަދި ބައެއް މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންކަމުގައި އެބޭފުޅުންގެ ދާއިރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނޑިދޫ އައިސްޕްލާންޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ އަލަށް ޤާއިމުކުރި ބޭންކް އޮފް މޯލްޑިވްސް އޭ.ޓީ.އެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.