މާޒީއަށް ބަލާއިރު ދިވެހީންނަކީ އެއްބަޔަކު އަނެއްބަޔަކަށް ނުހަނު އިޙްތިރާމްކުރާ، ރިވެތި އަޚްލާޤެއްގެ މައްޗަށް ބިނާވެގެން އައި ބައެއް ކަމަށާ، އެ އަސްލަށް ރުޖޫޢަވެގެން ކުރިއަށްދިއުމުގެ ވިސްނުން ނުގެންގުޅޭނަމަ، އިޤްތިޞާދީ އަދި ޢުމްރާނީ ގޮތުން ކިތަންމެ ބޮޑު ތަރައްޤީއެއް ހޯދިކަމުގައި ވީ ނަމަވެސް، ޙަޤީޤީ މިނިވަންކަމެއް ނުލިބޭނެކަމަށާ، އަޅުގަނޑުމެންގެ އަސްލު އޮންނާނީ ބަދަލުވެފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދަ ރޫޙެއްގައި ވާހަކަފުޅުދައްކަވާފައި ވަނީ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ނޭޝަން ޗެޓް"ގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ އަސްލަށް ރުޖޫޢަވުމުގެ ވިސްނުމާ ނުލާ ކިތަންމެ ގިނަ ޢިމާރާތްތަކެއްކޮށް، މާއްދީ ކިތަންމެ ކުރިއެރުމެއް ހޯދިކަމުގައި ވީ ނަމަވެސް، އެލިބިގެންދަނީ ޙަޤީޤީ މިނިވަންކަމެއް ނޫންކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ރީތި އަދަބު އަޚްލާޤު ބާރު ދުވެލީގައި ނެތިދާން ފެށީ ޤައުމުގައި އުފެދުނު ސިޔާސީ އޮއިވަރުގެ ތެރޭގައި ކަމަށާ، އެކަން ކޮށްފައިވަނީ، ސިޔާސީ ބޭނުމަކަށްޓަކައި ވަކި ގޮތަކަށް ރޭވިގެން، އިޙްތިރާމްކުރުމުގެ ރޫޙު ނައްތާލުމަށް އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސިޔާސީ ފިކުރަކީ ޤައުމުގެ ކަންކަން ރަނގަޅުކޮށް، ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމަށްޓަކައި ތިމާގެ ވިސްނުން ހުރި ގޮތްކަމުގައިވީހިނދު، އިޚްލާސްތެރިކަމާއި ރީތި އާދަކާދަ ގެއްލުވާލުން އެކަމުގައި ހިމެނެން ނުޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަމިއްލަ އަތުން ގޯސް ހެދުނުއިރު، އެއީ ރަނގަޅު ނުކުރެވޭނެ ކަމެއް ނޫން ކަމަށާ، އަދުގެ ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވަނީ އެ މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިޙްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕޭނެއް ހިންގެވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ ހަމައެކަނި ކެމްޕޭނެއް ނޫން ކަމަށާ، މިއީ ހުރިހާ އެންމެންގެ ބައިވެރިވުމާއެކު ޤައުމީ ފެންވަރުގައި ކުރެވޭ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ތަންފީޒުކުރައްވަމުން ގެންދަވާ މުހިންމު ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ، އެ މަޝްރޫޢުތަކުގެ ކާމިޔާބީ ފާހަގަކުރައްވާފައެވެ. އެގޮތުން ވަޠަނީ ޚިދުމަތާއި، ޢިލްމީ ރާސްތާގެ އިތުރުން މަސައްކަތާއި ވޮކޭޝަނަލް ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ޤައުމުގެ ކަންކަން ނިންމުމުގައި ލަފާ އަރުވާ މަޖިލީސްތައް، ކުރިއަށް އޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި އުފެއްދޭނެ ކަމަށް އުންމީދުކުރައްވާކަމަށާ، ޒުވާނުންގެ މަޖިލީހެއްވެސް އެކުލަވާލެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. އަދި ޒުވާނުންނާއި އަންހެނުން، ޤާނޫނީ އިމުގެ ތެރެއިން ބާރުވެރިކުރުވާ، މުސްތަޤުބަލު ހަރުދަނާކުރެއްވުމަށް އަޅުއްވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށްވެސް މި އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާފައެވެ.

ހަމަމިއާއެކު ޤައުމުން ކޮރަޕްޝަން ނައްތާލާ، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމުގެ މަތިވެރި މަޤްޞަދުގައި ކުރިއަށްގެންދަވާ "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން މަޝްރޫޢަށްވެސް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މި މަޝްރޫޢުގެ މައިގަނޤު މަޤްޞަދުތައް ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި މަޝްރޫޢުގައި ބައިވެރިނުވެ، ހަވާސާވެ، އެކަހެރިވެގެން ހުރުމުގެ ފުރުޞަތު، ދަޢުލަތުގެ ހިއްސާ އޮތް އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ވެރިކަން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އިން ދާދި ފަހުން ކުރިއަށްގެންދެވި އެތެރޭގެ އިންތިޚާބަށް އަލިއަޅުއްވާލައްވައި، ޕާޓީގެ ކުރިމަގު ހިއްސާކުރައްވަމުންނެވެ. އެގޮތުން، މިއަހަރުގެ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ އެ ޕާޓީގެ ކޮންގްރެސްއަކީ ދާޚިލީ ޑިމޮކްރަސީގެ ހަރުދަނާކަމުގެ ރަމްޒެއްކަން ސާބިތުކޮށްދެވޭނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ.