މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، ޕީ.އެސް.އެމް.ގެ ޑެޕިއުޓީ ޑިރެކްޓަރ، ނިއުސް އެންޑް ކަރަންޓް އެފެއާޒް އަޙްމަދު ޖަދުވާން އަދި ސީނިއަރ ޖާނަލިސްޓް ވަފީޤާ ޙާމިދު.

އަޙްމަދު ޖަދުވާން:

ޓީ.ވީ. ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. އަޅުގަނޑުމެން މި ބައްދަލުކޮށްލީ، އަޅުގަނޑުމެންގެ ނޭޝަން ޗެޓް ޕޮޑްކާސްޓްގެ ދެވަނަބަޔާ އެކީގައި އެހެންނޫންތޯ ވަފީޤާ؟

ވަފީޤާ ޙާމިދު:

އާދެ. މި ބައިގައިވެސް އަޅުގަނޑުމެން ޚާއްޞަ މަޢުލޫމާތުތަކެއް ތިޔަބޭފުޅުންނާ ހަމައަށް ގެނެސްދެމުންދާނަން.

އަޙްމަދު ޖަދުވާން:

އާދެ، އަޅުގަނޑުމެންގެ މެހްމާނަކީ، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު.

ރައީސް ދެން އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވުނު އެއްކަމެއް އިނގޭތޯ މިއީ، ތަޤްރީރުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރެއިން، އަޅުގަނޑުމެން އެކި ޙަފްލާތަކާއި، އެކި ކަންތައްތަކާ ގުޅިގެން ރާއްޖޭގެ އިސްރަށްވެހިންނާ ވަރަށް ގިނައިން އެހެން ބައްދަލުކޮށް އުޅެން އިނގޭތޯ. ޚާއްޞަކޮށް، ޤައުމީ އެކިއެކި މުނާސަބަތުތަކާއި، މިހެން ފާހަގަކުރާ އެކިއެކި ދުވަސްތަކާ ގުޅިގެން. އެ ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑަށް އިވޭ ޝަކުވާއެއް މިއީ، ދިވެހިރާއްޖޭގެ އާ ޤާނޫނުއަސާސީއާ އެކީގައި، މީހުން ވަޒީފާއިން މުސްކުޅިކުރާ ޢުމުރެއް ކަނޑައެޅި، އެމީހުން މުސްކުޅި ކުރަން ފެށީމާ، ޤައުމަށް އެތައް ދުވަހެއް ވަންދެން ޚިދުމަތްކޮށްފައި ތިއްބެވި ބޭބޭފުޅުން ވަރަށްބޮޑަށް ބޭކާރުވެ، ބާކީވެގެންދާކަމުގެ އިޙްސާސް އެ ބޭފުޅުންނަށް ކުރެވޭކަމުގެ ވާހަކަ. ދެން މި މައްސަލައާ ގުޅިގެން ބައެއް ބޭފުޅުން ނަފްސާނީ ބައެއް މައްސަލަތައްވެސް ތަޙައްމަލް ކުރަން ޖެހިފައިވާ ކަމަށް އެ ބޭފުޅުން ފާހަގަކުރައްވާ. ދެން ދުނިޔޭގެ ތަހުޒީބު އެހެން ޤައުމުތަކުގައި މިކަން އޮންނަގޮތަށް އަޅުގަނޑުމެންގެ ރާއްޖޭގައި މިކަން ކުރަން އެއްވެސް ސަރުކާރަކުން މަސައްކަތްވެސް ނުކުރާކަމުގެ ޝަކުވާވެސް ބައެއް ބޭފުޅުން ކުރައްވާ.

ދެން މި ވާހަކަ މިހެން އަޅުގަނޑުމެންނަށް އަޑުއިވިފައި ހުއްޓާ، މަނިކުފާނު މިނިވަންދުވަހުގެ ތަޤްރީރުގައި ވަރަށް މުހިންމު ނިންމެވުމެއް ނިންމަވައި، އެކަން އިޢުލާނު ކުރެއްވީމާ، އަޅުގަނޑު ހިތަށްއަރާ މިއީ ވަރަށް ބޮޑު މަސައްކަތެކޭ މަނިކުފާނު ތިޔަ ފެށްޓެވީ. އެއީ، އިސްރަށްވެހިންނާއި، ކަމުވޮށިގެންވާ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޤައުމީ މަޖިލީހެއް އުފެއްދެވުމުގެ ވާހަކަ މަނިކުފާނު ވިދާޅުވި. ކޮބައިތޯ މީގައި މަނިކުފާނުގެ އަމާޒަކީ؟ ކިހާ ރަނގަޅު ނިޒާމެއްގެ ތެރެއިން މިކަން ދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ދެން އެ ވާހަކަވެސް ފުރަތަމަ އެއްކަމަކަށް އަޅުގަނޑު ގެނައި ސަބަބު، މިހާރު މިނިވަންދުވަހެއްގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި ތިބި ޚިދުމަތްތެރި އިސްރަށްވެހިންނާއި، އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި ފަންނުތަކުގެ އެކިއެކި މާހިރުން، އެ ފަރާތްތަކުގެ ބައިވެރިވުން ސަރުކާރު ހިންގުމުގައި، ދައުލަތް ހިންގުމުގައި އޮތީ ކިހާވަރަކަށްތޯ، މިއީ ވަރަށް މުހިންމު ވާހަކައެއް ދައްކަންޖެހޭ. އެއީ، އަޅުގަނޑުމެން އެންމެން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތެއްގެ ނަތީޖާ ތަފާތުވާނެ. މިނިވަންދުވަހެއްގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި ނިޒާމު އޮތް ގޮތުގެ ވާހަކަ ދައްކަންޖެހޭ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ހަމައަކީ، އަބަދުވެސް ވީހާވެސް ގިނަ ރައްޔިތުންނާ ގާތުން މަސައްކަތްކުރުން. ވީހާވެސް ގިނަ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުރުން ކަމުގައިވާތީ، އެ މައުޟޫޢުގައި އެކަން ދަންނަވާލީ.

ދެން ދެންމެ ތިޔަ ވިދާޅުވި ވާހަކައަށް ދިޔުމުގެ ކުރިން، މިސާލަކަށް، ސީދާ ވަޒީފާ ބޭނުންވާ ބޭފުޅުން، 65 އަހަރުވީމާ ރިޓަޔަރ ކުރަން މި އޮންނަ އޮތުމަށް އަޅުގަނޑުމެން މިއޮތީ މިހާރު ޙައްލެއް ގެނެސްދީފައި ދޮގެއްތޯ. ޤާނޫނެއް އެއޮތީ ތަޢާރުފްކޮށްފައި ދޮގެއްތޯ. ރީއެމްޕްލޮއިމެންޓް ޤާނޫނުގެ ތެރެއިން، ވަކި އިޖުރާތްތަކެއްގެ ތެރެއިން، މިހާރު 65 އަހަރުން ގޮސް، 75 އަހަރާ ދޭތެރެއަށް، އެ ޢުމުރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނަށް މިހާރު ފުރުސަތު އެބަ ލިބިވަޑައިގަންނަވާ ވަޒީފާގައި ދެމިހުންނަވަން، ވަޒީފާ އަދާކުރެއްވުމަށް. އެހެންވީމާ، އެކަން އިރާދަކުރެއްވީތީ އެވަނީ ޙައްލުކޮށްދެވިފައި. ދެން މަޝްވަރާ ހުށަހެޅުމަށްޓަކައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ހަދަނީ ދެ މަޖިލީހެއް އިނގޭތޯ. ތަންކޮޅެއް ކުޑަކުޑަ މަޖިލީހެއް އެއީ، އެންމެ ޚިދުމަތްތެރި، އެންމެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައި ތިއްބެވި ވަރަށް ގިނަ ދުވަސްވަންދެން ޤައުމުގައި މަތީ މަގާމުތައް އަދާކުރައްވާފައި ތިއްބެވި މިކަހަލަ ވަރަށް ގިނަ ބޭފުޅުން އެބަތިއްބެވި އަދިވެސް މި ޤައުމުގެ ކަންކަމުގައި ބަސް ވިދާޅުވެލައްވަން ބޭނުންފުޅުވެލައްވާނެ. ޚިޔާލު ދެއްވަން ބޭނުންފުޅުވާނެ ބޭފުޅުން. އެހެންވީމާ، އެފަދަ ބޭފުޅުންގެ މައްޗަށް އެކުލެވޭ، މަޝްވަރާ މަޖިލީހެއް އިރާދަކުރެއްވިއްޔާ މި ހަދަނީ. ދެން އޭރުން އަޅުގަނޑު ބައެއްފަހަރު ކަންކަމުގައި ދަންނަވާލުމުން މަޝްވަރާ ދެއްވުމާއި، އަދި އެ ބޭފުޅުން އިސްނަންގަވައިގެން ކަންކަމުގައި، ސަރުކާރުގެ ކަންކަމުގައި، ދައުލަތުގެ ކަންކަމުގައި، ނިޒާމާ ގުޅޭ ކަންކަމުގައި، މިހެންގޮސް ކޮންމެ ކަމެއްގައިވެސް މަޝްވަރާ ދެއްވޭނެ ނިޒާމެއް އިރާދަކުރެއްވިއްޔާ ޤާއިމުކުރުން.

ދެވަނަ މަޖިލީހަކީ، އެއަށްވުރެ ބޮޑުކޮށް، ހުރިހާ ދާއިރާއެއްގެ ފަންނުތަކުގައި ތިއްބެވި، އެކިއެކި ދާއިރާތަކުން ކިޔަވައި ވިދާޅުވެގެން ތިއްބެވި، އަދި ފަންނީގޮތުންވިޔަސް، ޚިދުމަތުގެ ގޮތުންވިޔަސް، ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ޤައުމީ މަޖިލީހެއް. އިރާދަކުރެއްވިއްޔާ މި މަޖލިސް އުފެއްދުން. ދެން މި މަޖިލިސް އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް ސަތޭކައަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭގޮތަށް. ދެން އަދި ތަފްޞީލުތައް އެގޮތަށް ނުއެއްނިމޭ. މިސާލަކަށް ބަލަމާ ހިންގަވާ. މިސާލަކަށް، ޞިއްޙީ ދާއިރާއަށް ބެއްޔަސް، ޞިއްޙީ ދާއިރާއަކީވެސް ވަރަށް ފުޅާ ދާއިރާއެއް. ޞިއްޙީ ދާއިރާގެ ޕަބްލިކް ހެލްތު ދާއިރާ، ޑޮކްޓަރުން، ނަރުހުން، ކާބޯތަކެތި، މިހެންގޮސް އެކި ދާއިރާތައް އެބަހުރި. ތަޢުލީމީ ދާއިރާގައިވެސް، ހަޔަރ އެޑިޔުކޭޝަން ދާއިރާ. ދެންގޮސް، ޕްރައިމަރީ ޓީޗިންގ ދާއިރާ، މިހެންގޮސް އެކި ދާއިރާ، ތަޢުލީމީ ދާއިރާގައިވެސް އެބަހުރި. އެކިކަހަލަ އިކޮނޮމިކް ދާއިރާތައްވެސް އެބަހުރި. މިހެން ބަލައިލާއިރު މުޅި ޤައުމެއްގެ ހުރިހާ ފަންނުތަކަށް ބަލައިލާއިރުގައި، ވަރަށް ކޮމްޕްރިހެންސިވް ޕޫލެއް ހަދާކަމަށްވަންޏާ ސަތޭކައަށްވުރެ ގިނަވާނެ. ސަތޭކައާއި ސަތޭކަ ފަންސާހާ ދޭތެރޭގައި ހިނގައިދާނެ. ބޭނުމަކީ، ކްރީމް އޮފް ދަ ކްރީމް، އެންމެ ތަޢުލީމީ، އެންމެ ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ މަޝްވަރާ، ނޫނީވިއްޔާ ލަފާދޭ ޤައުމީ މަޖިލީހެއް އުފައްދައި، އެ ބޭފުޅުންނަށް ފުރުޞަތު ދެނީ ޤައުމުގައި ހުންނަ ކަންކަމާ މެދުގައި ނިޒާމުގެ ތެރެއިން ބަޙުޘްކޮށް، މަޝްވަރާކޮށް، ކަންކަމުގައި ޕޭޕަރު ހުށަހަޅައި، ކަންކަމުގައި މަޝްވަރާ ދެއްވައި، އަދި މިފަދަ ކަންކަން ކުރުމުގައި. މިވެސް، ހަމަ ދެކޮޅަށް އޮންނާނެ ކަމެއް އިނގޭތޯ. އެ ބޭފުޅުން އިސްނަންގަވައިގެން ކަންކަން ހުށަހެޅުއްވޭނެ. އަނެއްކާ، އަޅުގަނޑުމެންގެ ފަރާތުންވެސް. އަދި ދައުލަތުގެ އެހެން މުއައްސަސާތަކުންވެސް އެ ބޭފުޅުންގެ ކިބައިން ލަފައަށް އެދެވޭނެ އިނގޭތޯ. މަޖިލިސް ކަމުގައިވިޔަސް، އަދި މިނިވަން މުއައްސަސާއެއް ކަމުގައިވިޔަސް. އަދި އެ ބޭފުޅުންގެ ފަރާތްޕުޅުންވެސް އެފަދަ ތަންތަނަށް ކަންކަން ހުށަހެޅޭކަހަލަ ގޮތަކަށް އަޅުގަނޑުގެ ވިސްނުން މިހުރީ.

އެހެންވީމާ، މިކަންކަން ލިޔެކިޔުމަށް ތިރިކޮށް، މިކަމުގައި ކުރަންޖެހޭ އިދާރީ އަދި އިޖްރާއީ ހުރިހާ މަސައްކަތް ނިންމާފައި، މިފަދަ ބޮޑީއެއް އުފެއްދުމުގެ މަސައްކަތް އަޅުގަނޑުމެން މި އުންމީދު ކުރަނީ، ގިނަވެގެން ތިންމަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އިނގޭތޯ. އެހެންވީމާ، އުންމީދަކީ އިރާދަކުރެއްވިއްޔާ ނޮވެންބަރުމަސް އަންނަންވާއިރުގައި މި ދެ މަޖިލީސް އުފެއްދޭނެ ކަމަށް.

އަޙްމަދު ޖަދުވާން:

އާދެ، ވަރަށް މުހިންމު މަސައްކަތްޕުޅެއްގެ ފެށުން ހަމަގައިމުވެސް އިނގޭތޯ. ތަހުޒީބުވެފައިވާ، ތަރައްޤީވެފައިވާ ޤައުމަކަށް، ދުނިޔޭގެ އެހެން ޤައުމުތައްވީގޮތަށް ވަފީޤާ، އަޅުގަނޑުމެން ބަލައިލާއިރުގައި، ވަރަށް ގިނަ ކަންތައްތަކެއްގެ ބިންގާ ރަނގަޅުގޮތުގައި އެޅިގެން އެހާ ހިސާބަށް ގޮސްފައި އޮތީ. ރައީސް، އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، ދުނިޔޭގައި މިހާރު ނަން މަޝްހޫރު ތަހުޒީބީ ބޮޑެތި ޤައުމުތަކަށް އަޅުގަނޑުމެން ބަލާއިރުގައި ތަރައްޤީގެ މަސައްކަތްތަކާ އެކީގައި، އެމީހުން އެހެން ކަމެއްވެސް ތަރައްޤީކޮށްފައި އެބަވޭ. އެއީ، އިންސާނާ ބިނާކުރުމުގެ މަސައްކަތް. އަޅުގަނޑު ހަނދާންވަނީ، ރައީސްގެ ފުރަތަމަ ތަޤްރީރު އިނގޭތޯ. ވެރިކަމާ ހަވާލުވެވަޑައިގެން ހުވާކުރެއްވުމަށްފަހު ފުރަތަމަ ވިދާޅުވި ވާހަކަފުޅުތަކުގެ ތެރޭގައި ވަރަށް ޚާއްޞަ ދެ ކަމެއް ފާހަގަކުރެއްވީމު. އެއީ ޢުމްރާނީ ބިނާކުރުމަކާއި އިންސާނާ ބިނާކުރުމުގެ ވާހަކައެއް. އޭގެ ތެރެއިން އިންސާނީ ބިނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާރުވެސް އަޅުގަނޑުމެންނަށް ފެނޭ ވަރަށް ގިނަ މަސައްކަތްތައް ކުރައްވާ ތަން. ދާދިފަހުން މަނިކުފާނުވަނީ އިޢުލާނު ކުރައްވާފައި، އަޅުގަނޑުމެންގެ ދިވެހިންގެ ތެރެއިން ނެތެމުންދާ ޒަމާންވީ ރީތި އާދަކާދައާއި، ސަގާފަތާއި އަދި އަޅުގަނޑުމެންގެ ތެރެއިން ނެތެމުންދާ، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ މި މާތް ރީތި ސިފަ އަލުން އަނބުރާ އިއާދަކުރުމަށްޓަކައި ޚާއްޞަ ޤައުމީ ކެމްޕެއިނެއް ކުރައްވާ ވާހަކަ. މި ވާހަކަ އަޅުގަނޑު ވަރަށް ގިނަ ބޭފުޅުންނާ، މިހެން ރަޙްމަތްތެރިންނާއި، އެކިއެކި ބޭބޭފުޅުންނާ މަޝްވަރާކޮށްލީމާ، ވަރަށް ގިނަ ބޭފުޅުން ވިދާޅުވީ މިއަދު އަޅުގަނޑުމެންގެ ޤައުމު މިއޮތް ޙާލަތުން، ރައީސް އެ ވިދާޅުވާފަދަ ކެމްޕެއިނަކުން މިކަމަށް އެދެވޭ ޙައްލެއް ގެނެވިދާނެހެއްޔޭ؟ މިއީ އެ ބޭފުޅުން އުފައްދަވާ ސުވާލެއް. އަޅުގަނޑު ހިތަށްއަރަނީ، ކިހިނެއްބާއޭ މަނިކުފާނު ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، މިނިވަންކަމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑު އެކަން ފާހަގަކުރި ރީޒަންސް ދަންނަވާލާފައި ކުރިއަށްދާނަން. ސަބަބަކީ، އަޅުގަނޑުމެންގެ ޤައުމުގައި ބޮޑެތި އިމާރާތްތަކެއް ހެދީ މިސާލަކަށް. އަޅުގަނޑުމެންގެ އިޤްތިޞާދު ވަރަށް ބޮޑުތަނުން ކުރިއަށް ގެންދިޔައީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީނުވާނަމަ، ވިސްނުން އަޅުގަނޑުމެންގެ މާޒީގެ، އަޅުގަނޑުމެންގެ އައިޑެންޓިޓީއާ ގުޅިގެން ނުދާނަމަ، އަޅުގަނޑުމެންނަކީ ކޮންކަހަލަ ބައެއްކަން، ކުރީގައި ރައްޔިތުންނަށް ވަރަށް އިޙްތިރާމް ކުރޭ. އެކަކު އަނެކަކަށް ވަރަށް އިޙްތިރާމްކުރާ، ވަރަށް ރިވެތި އަޚްލާޤެއްގެ މައްޗަށް ބިނާވެގެން އައި ބަޔެކޭ. އެހެންވީމާ، އަޅުގަނޑުމެންގެ އައިޑެންޓިޓީއަށް އަޅުގަނޑުމެން އަނބުރާ ނުދާނަމަ، އަޅުގަނޑުމެންގެ އެ ވިސްނުން އަޅުގަނޑުމެން ތަރައްޤީކޮށް، އަޅުގަނޑުމެންގެ އަޞްލަށް ރުޖޫޢަވެގެން، ކުރިއަށްދާން ނުވިސްނާނަމަ ޙަޤީޤީ މިނިވަންކަމެއް ނާދޭ. އަޅުގަނޑުމެންގެ އަޞްލު ބަދަލުވެފައޭ އޮންނާނީ. އަޅުގަނޑުމެންގެ ތެރޭގައިވާ ރީތި އާދަތައް ގޮސްފައި އޮންނާނީ. އެހެންވީމާ، އެކަމާ ނުލައި، އަޅުގަނޑުމެން ކިތަންމެ ގިނަ ޢިމާރާތްތަކެއް ހެދިޔަސް، މާއްދީ ކިތަންމެ ކުރިއެރުންތަކެއް ގެނަޔަސް، ޙަޤީޤީ މިނިވަންކަމެއް ނޫނޭ އެ ލިބެނީކީއެއް. އެހެންވީމާ، އަޅުގަނޑު އެ ފާހަގަކުރީ އެ ކަންތައް.

ދެން ތިޔަ ވިދާޅުވިހެން، އިޙްތިރާމް އަދާކުރުމުގެ މައްސަލައަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑު މައްސަލައެއް. ޙަޤީޤަތުގައި އަޅުގަނޑަށް ހީވަނީ، ސިޔާސީ އޮއިވަރު ރާއްޖޭގައި ފެށުނު ހިސާބުން ވަރަށް ބޮޑު ތަނުން މި މައްސަލަ ގޯސްވާން ފެށީ. ބާރު ސްޕީޑްގައި ގޯސްވާން ފެށީ. އޭގެ ކުރީގައިވެސް މަޑުމަޑުން ގޯސްވާން ފަށާފައި އޮތީ. އެހެންނަމަވެސް، ބޮޑަށް އެކަން ގޯސްވީ އެ ހިސާބުން. އެއީ، ސިޔާސީ ބޭނުމެއްގައި އަޅުގަނޑުމެންގެ ތެރޭގައި، ހަމަ އިޙްތިރާމް އަދާކުރުމުގެ ރޫޙު ހަމަ ނައްތައިލެވުނީ ހަމަ ސްޓްރަކްޗަރޑް ގޮތަކަށް އިނގޭތޯ. އޭރުގެ އިދިކޮޅު ފަރާތްތަކުން، ސަރުކާރާ ދެކޮޅަށް، ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރުގެ ވެރިންނާ، މިހެންގޮސް އެތައް ފަރާތްތަކަކާ ދެކޮޅަށް ހަމަ އެ ފަރާތްތަކުގެ ކެރެކްޓަރ އެސޭސިނޭޓް ކުރުމާއި، އިޙްތިރާމް އަދާކުރުމަކީ އެއްގޮތަކަށްވެސް މުހިންމު ކަމެއް ނޫންކަން ހަމަ އިންސްޓިލް ކުރީ މީހުންގެ ސިކުނޑީގައި. ޒުވާނުންގެ ސިކުނޑީގައާއި އެކި ފަރާތްތަކުގެ. ރައްޔިތުންނަށް އޮންނަންޖެހޭ، ބޮޑެތި މީހުންނަށް ކުރަންޖެހޭ އިޙްތިރާމާއި އެ ރެސްޕެކްޓް ނައްތާލީ ހަމަ ޙަޤީޤަތުގައި ސްޓްރަކްޗަރޑް ގޮތަކަށް. އެހެންވީމާ، އެކަން އެހެންވުމުގެ ސަބަބުން ވަރަށް ބޮޑުތަނުން މިކަން މިއޮތީ މިހެންވެފައި ޙަޤީޤަތުގައި.

ދެން އެއާއެކީގައި، ގްލޯބަލައިޒޭޝަން ހުރިހާ ކަމެއްވެސް އެބައޮތް. އެކަމަކު އަލުން މިކަން އަނބުރާ ރަނގަޅުކުރުމަކީ ނުކުރެވޭނެ ކަމެއް ކަމަކަށްވެސް ގަބޫލެއްނުކުރަން އަޅުގަނޑެއް. އެހެންވީމާ، މިހާރު އިޙްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިނެއްގެ ގޮތަށް ލޭބަލްކޮށްގެން މަސައްކަތްތަކެއް ފެށިޔަސް އެއީ ޙަޤީޤަތުގައި ހަމައެކަނި ކެމްޕެއިނެއް ނޫނޭ. އެއީ، އެންމެން ޝާމިލްވާ، ޤައުމީ ބޮޑު މަސައްކަތެއް ޙަޤީޤަތުގައި. ދެން މިއީކީ އެއްދުވަހަކުން، ދެ ދުވަހަކުން ނިންމާލެވޭނެވެސް ކަމަކަށް ނުވާނެކަންނޭނގެ. މީގެ ދެން މިހާރު އިނީޝިއަލް މީޓިންގތަކާއި، ވަރކްޝޮޕްތަކާއި، މިކަހަލަ ކަންތައް ކުރިއަށް އެބަދޭ. ކުރިއަށް ގޮސް، މުޅި ޕްރޮގްރާމް ރާވައި ނިންމާފައި، އިރާދަކުރެއްވިއްޔާ ތަންފީޒު ކުރަން ފަށަން އަޅުގަނޑުމެން މި ގަސްދުކުރަނީ. މަދުވެގެން ތިން އަހަރު ދުވަހުގެ ޕްރޮގްރާމެއް ހިންގަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން އިނގޭތޯ. މަދުވެގެން ތިން އަހަރު ދުވަހުގެ ޕްރޮގްރާމެއް. އެއީ ހަމަ އެންމެ ތުއްތުކުދިން ފެށިގެން، ގޭތެރެއިންގޮސް، ސްކޫލްތަކުން، އޮފީސްތެރެއިން، ކުޅިވަރު މައިދާނުގައި، ސިޔާސީ އެކިއެކި ކަންކަމުގައި އުޅޭ ފަރާތްތައް، މަސައްކަތުގެ މާހައުލުގައާއި، ދެން ހުރިހާ ދިމާއެއްގައި ދޮގެއްތޯ.

އެހެންވީމާ، މިކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އެންމެން އެކައްޗެއް ކިޔައިގެން، އެއް ޢަޒުމެއްގައި މަސައްކަތް ފަށައިފިއްޔާ، ބަދަލުކޮށްލެވިދާނެ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ވިސްނުންތައް ހުރެދާނެ. ސިޔާސީ ކަންކަމަކީ ޤައުމު ރަނގަޅު ކުރުމަށްޓަކައި، ޤައުމުގައި ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމަށްޓަކައި ތިމަންނާ ވިސްނާގޮތް. އެއީ އިޚްލާޞްތެރިކަމާއެކީގައި ތަންފީޒުކުރަން ބޭނުންވާ ކަމެއް ކަމަށްވަންޏާ، އޭގައި ނޯންނާނެ މައްސަލައެއް. އެއަކަށް ނުޖެހޭނެ އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ ރީތި އާދަތައް ދުއްވާލުން ވައްދާކަށް ދޮގެއްތޯ. އެހެންވީމާ، އެބައި އަޅުގަނޑުމެންނަށް އަންޑޫ ކުރެވިދާނެ އިނގޭތޯ. އަންޑޫ ކުރެވިދާނެ. އަމިއްލަ އަތުން ގޯސް ހެދީ. އެކަން ހަމަ އަމިއްލަ އަތުން ރަނގަޅުވެސް ކުރެވޭނެ.

އެހެންވީމާ، އެކަން ކުރުމަށްޓަކައި އިސްނަގަނީ މި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ. ނަގައިގެން އަޅުގަނޑުމެންގެ ސަރުކާރުން އެކަނި ކުރާ ކަމަކުންނެއް ނުވާނެ. މިއީ އެންމެން އެންމެންނަށްޓަކައި ކުރާ ކަމެކޭ. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށްޓަކައި ކުރާ ކަމެކޭ މިއީ. އަޅުގަނޑު ކުރިން މި ދަންނަވާލި ގޮތަށް ހެދިދާނެއޭ، 50 ބުރީގެ 100 އިމާރާތްވެސް ރާއްޖޭގައި. ހެދިޔަސް ކޮން ބޭނުމެއް އޮތީ. އަޅުގަނޑުމެންގެ ތެރޭގައި އެކަކު އަނެކަކަށް އިޙްތިރާމް އަދާނުކުރޭ. އަޅުގަނޑުމެން އެކަކު އަނެކަކަށް އެއްވެސްކަހަލަ ލޯތްބެއް، ކުލުނެއް ނެތް. އަޅުގަނޑުމެން ދީނަކަށް އިޙްތިރާމެއް އަދައެއްނުކުރޭ. ދީނުގައި އޮންނަ ކަންކަމެއް ނުކުރޭ. ނޫނީވިއްޔާ އަޅުގަނޑުމެންގެ ތެރޭގައި ހުރިހާ ގޯސް އާދަތަކެއް އޮންނަންވެއްޖިއްޔާ ޤައުމެއް ނެތް. މިނިވަންކަމެއް ނޯންނާނެ އޭރަކުން.

ވަފީޤާ ޙާމިދު:

ޖަދުވާން، ވަރަށް މުހިންމު ޕްރޮގްރާމެއް އެބަ ކުރިއަށް ގެންދޭ އިނގޭތޯ ސަރުކާރުން. ޚާއްޞަ ގޮތެއްގައި.

އަޙްމަދު ޖަދުވާން:

ހަމަ މިއާ ގުޅުންހުރި ކަމެއްތޯ؟

ވަފީޤާ ޙާމިދު:

މިއާ ގުޅުންހުރި، ދެން އެހެންނަމަވެސް، ތަފާތުގޮތަކަށް މި ޕްރޮގްރާމް ކުރިއަށް ގެންދަނީ. މީގެތެރެއިންވެސް އެ އާދަތަކާއި، އިޙްތިރާމްކުރަން ދަސްކޮށްދިނުމާއި، މިފަދަ ކަންތައްތަކެއް ދަސްކޮށްދޭ އެބަ. ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް އިނގޭތޯ.

އަޙްމަދު ޖަދުވާން:

އަޅުގަނޑު ހިތަށްއަރަނީ އިނގޭތޯ އަޅުގަނޑުމެން ސްކޫލް ނިމުނު ދުވަސްވަރުވެސް މިކަހަލަ ޕްރޮގްރާމެއް އޮތްނަމަ، ހަމަގައިމުވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން އޭރުން މި ޢަސްކަރީ ތަމްރީނު ހަދައިގެން މިކަހަލަ ޚާއްޞަ ޕްރޮގްރާމެއްގެ ތެރެއިން ނުކުތް ބަޔަކަށް ވާނެ. އެހެންނަމަވެސް، ވަރަށް ގިނަ ބަޔަކަށް އެ ފުރުޞަތު ނުލިބި، މަޙްރޫމްވި ފަހުން ރައީސް ވެރިކަމަށް ވަޑައިގެން މި ޕްރޮގްރާމް މި ފެށްޓެވީ ދޮގެއްތޯ.

ވަފީޤާ ޙާމިދު:

ވަރަށް ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި، ޚާއްޞަގޮތެއްގައި ބެލެނިވެރިން ވަރަށް ބަލައިގަންނަ ޕްރޮގްރާމެއްގެ ގޮތުގައި މި ފާހަގަކުރެވެނީ. ކުއްޖާ އެ ޕްރޮގްރާމަށް ފޮނުވާއިރުގައި މި ހުންނަ ފެންވަރާއި ޤާބިލްކަމަށްވުރެ އަނބުރާ އެ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އަންނައިރުގައި މުޅި ކުއްޖާ ވަރަށް ބޮޑަށް ބަދަލުވެފައި، ހެޔޮ ބަދަލެއް އަންނަކަން ބެލެނިވެރިން ފާހަގަކުރޭ. ދެން ބައެއް މީހުންގެ އެދުމެއް މިއީ، ސްކޫލް ނިންމާ ކޮންމެ ކުއްޖަކަށްވެސް އެ ފުރުޞަތު ފަހިކޮށްދިނުން. މިހާރު މި ޕްރޮގްރާމަށް އެ ފުރުޞަތު ހުޅުވާލުމާއެކީގައި އެ ޖާގަ އޮންނަ މިންވަރަކަށްތާ ދޮގެއްތޯ މި ފުރުޞަތު ލިބޭނީ. ނަމަވެސް ޖާގަވެސް ހަމަވަމުން މިދަނީ.

އަޙްމަދު ޖަދުވާން:

އާދެ، ޖާގައަށްވުރެ ގިނައީ ކުދިން އެދޭލެއް.

ވަފީޤާ ޙާމިދު:

ޑިމާންޑު ބޮޑުވުމުން ދޮގެއްތޯ. ރައީސް، ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ، މި ޕްރޮގްރާމްގެ ނަތީޖާއާއި، އަދި މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށްޓަކައި ވިސްނުން އެބަހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ފުޅާކުރަން ބޭނުން އިނގޭތޯ. ފުޅާކުރަން ބަލާއިރުގައި ކެޕޭސިޓީ ލިމިޓޭޝަންސް އާދޭ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން މިހާރަށްވުރެ ފުޅާކުރަން. ދެން، މިހާރު އަޅުގަނޑުމެންގެ ކެޕޭސިޓީ މިހުރީ އަހަރަކު 1000 ކުދިން ގާތްގަނޑަކަށް ޓްރެއިން ކުރުމުގެ ކެޕޭސިޓީ. ދެން އެމް.އެން.ޑީ.އެފް.ގެ ބެލުމުގެ ދަށުން އެމް.އެން.ޑީ.އެފް.ގެ ތެރެއިން މިކަން ކުރިއަށް މިގެންދަނީ. އެމް.އެން.ޑީ.އެފް.ގެ ޓްރޭނިންގތައްވެސް ކުރިއަށްދާންޖެހޭނެ. ހަމަ މިއާއެކީގައި، މި ކުދިން ޓްރެއިން ކުރުމާއި މި ކަންތައްތައްވެސް މި ހިންގަނީ. ދެން އެމް.އެން.ޑީ.އެފް.ގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން ގިރިފުށީގައި. އެ މަސައްކަތްވެސް އެ ހިނގަނީ. ވަރަށް ވަރަށް ބާރު ސްޕީޑްގައި. އުތުރާއި ދެކުނުގައި އެކިކަހަލަ މަރުކަޒުތައް ހެދުންވެސް އެބަ ހިނގާ. މިހާރު މި ދެންނެވި ގޮތަށް، އަހަރަކު 1000 ކުދިން. މި އަހަރުވެސް 1000. މި އަންނަ އަހަރުވެސް 1000، 2028 ގައިވެސް 1000 ކުދިން ޓްރެއިންވާނެ އިރާދަކުރެއްވިއްޔާ އިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރާހާ ހިނދަކު، މި ޤައުމުގައި ކޮންމެ އަހަރަކުވެސް ދާނީ މަދުވެގެން 1000 ނޫނީވިއްޔާ، އިރާދަކުރެއްވިއްޔާ އެއަށްވުރެވެސް އިތުރުކުރެވިގެން. 2000އާ ހަމައަށްވެސް ގެންދިޔުމަށްޓަކައި މަސައްކަތްކުރާނަން. އެހެންނަމަވެސް، މިވަގުތު މިއޮތީ ގާތްގަނޑަކަށް 1000 އިނގޭތޯ.

ދެން އަޅުގަނޑުމެންގެ ޢަޒުމަކީ، އަޅުގަނޑުމެންގެ ނިޔަތަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، ދީންދެކެ ލޯބިވާ، އަޚްލާޤު ރަނގަޅު، ޞިއްޙަތު ރަނގަޅު، ހަށިހެޔޮ، މަސައްކަތްކުރާހިތްވާ، ޤައުމަށް ޚިދުމަތްކުރާހިތްވާ ކުދިންތަކެއް ބިނާކުރުން. އެކަން އިރާދަކުރެއްވިއްޔާ މިއިން އެބަ ހާސިލުވޭ. ދެން އަނެއްކާ ހަމައެކަނި ޕްރޮގްރާމް ނިންމާލާފައި ދޫކޮށްލަނީކީވެސް ނޫން. އެ ކުދިން އިޚްތިޔާރުކުރާ ދިމާއަކުން ވަޒީފާ ހޯދައިދިނުމަށްވެސް ސަރުކާރުން މަސައްކަތް އެބަ ކުރަން. އިރާދަކުރެއްވީތީ އެގޮތުންވެސް ވަރަށް ގިނަ ކުދިންނަށް ތިބީ މިހާރު ވަޒީފާ ދެވިފައި. އެމް.އެން.ޑީ.އެފް.އަށް ވަންނަން ބޭނުންވި ކުދިން އެމް.އެން.ޑީ.އެފް.އަށް ވައްދާފައި، އެ ކުދިންގެ ތެރެއިން މިހާރު ރެކްރޫޓް ޓްރޭނިންގވެސް އެ ކުދިން ހަދައިފި. ޕޮލިހަށް ވަންނަން ބޭނުންވާ ކުދިން ޕޮލިހަށް ވައްދައި، ދެން ޔުނީފޯމް އެހެން ބޮޑީތަކަށްވެސް ކުދިން ވެއްދިއްޖެ. އަދި ބައެއް ކުދިން ޕްރައިވެޓް ސެކްޓަރއަށް ދާން ބޭނުންވީމާ ދޫވެސްކޮށްލިން ޕްރައިވެޓް ސެކްޓަރއަށް ދާން.

އެހެންވީމާ، އާމްދަނީން ފުރުޞަތުވެސް ހޯދައިދީފިން. ބައެއް ކުދިން އެކިކަހަލަ ސްކިލްޑް ޑިވެލޮޕްމަންޓް ކޯސްތައްވެސް، އަޅުގަނޑުމެން އެ މަރުޙަލާއަށްދާ ކުދިންނަށް އެބަ ދަސްކޮށްދެން އެކިކަހަލަ ދާއިރާތަކުން ދޮގެއްތޯ. އެހެންވީމާ، އެ ކުދިންނަށް އަމިއްލަ މަސައްކަތަކަށްވެސް ދެވޭނެ. އެހެންވީމާ، މިހެންގޮސް މި ބިލްޑް ކުރަނީ އިރާދަކުރެއްވިއްޔާ މި ކުދިން. އެހެންވީމާ، މިކަމަކީ އިރާދަކުރެއްވިއްޔާ، ޤައުމުގެ މުސްތަޤްބަލަށްޓަކައި، އެ ކުދިންގެ ޙަޔާތަށްޓަކައި، އެ ކުދިންގެ ދިރިއުޅުމަށްޓަކައި، ޢާއިލާއަށްވެސް އަދި މުޖުތަމަޢަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެ، ކުރިއެރުމަކަށްވާނެ.

ދެން މީގެއިތުރަށްވެސް އަޅުގަނޑުމެން މި ބަލަނީ ޒުވާނުންގެ ވާހަކަ ދެކެވޭތީ ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ވަރަށްގިނަ މަސައްކަތްތައް ކުރަން ދޮގެއްތޯ؟ ސްކޫލް ނިޒާމުގެ ތެރެއިންވެސް މި މަސައްކަތުގެ ޕާތުވޭ ޚިޔާރުކުރަން ބޭނުންވާ ކުދިންނަށް ވޮކޭޝަނަލް ޕާތުވޭ މިހާރު އެވަނީ އިންސްޓިޓިއުޝަނަލައިޒް ކުރެވިގެން މަސައްކަތް ފެށިފައި ދޮގެއްތޯ؟ ތަންފީޒުކުރަން ފަށާފައި. ވަރަށް ތަރުޙީބު ބޮޑު މިކަމުގައި އިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ ސްކޫލް ނިޒާމު ނިމޭ އެއްވެސް ކުއްޖަކު އެއީ ބާކީނުވާ ކުއްޖަކަށް ހެދުން. ކޮންމެ ކުއްޖަކީވެސް އެކެޑަމިކް ޕާތުވޭއަކުންވިޔަސް، ވޮކޭޝަނަލް ޕާތުވޭއަކުންވިޔަސް ގޮސް އެމްޕަވަރ ކުރެވިފައި، ބާރުވެރިކުރުވިފައި ހުރި ކުއްޖަކަށް ހެދުން. އަދި މި ދެންނެވި ގޮތަށް، ވަޠަނީ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އޭގައި ބައިވެރިވެގެން އޭގެ ތެރެއިންވެސް އެމްޕަވަރ ކޮށްދިނުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ހުރިހާ ގޮތަކުން އަޅުގަނޑުމެން ޒުވާނުން މި ބާރުވެރިކުރުވަނީ.

އަދި އޭގެ އިތުރަށް ކުދކުދި ވިޔަފާރިތައް ފަށާނެ ފުރުޞަތުތައްވެސް މި ހޯދައިދެނީ. މިދޭތެރެއިން އަޅުގަނޑުމެން މިފެށި ލޯނު ސްކީމަކީ، އެފަދަ ފުރުޞަތެއް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް. އެ ޕްރޮގްރާމްގެ ތެރެއިން ގާތްގަނޑަކަށް 5600އެއްހާ ކުދިންނަށް ލިބޭނެ ލޯނު. މަދުވެގެން 5600 ކުދިންނަށް. އެ ލޯނު ބޭނުންކޮށްގެން އެ ކުދިން ކުދިކުދި ސްޓާޓްއަޕްސްތައް ފަށައި، އެކި މަސައްކަތްތަކުގެ ތެރެއަށް ދެވޭނެ. އެހެންވީމާ، މިކަހަލަ ގޮތަކަށް ޒުވާނުން ބާރުވެރިކުރުވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ.

އަޙްމަދު ޖަދުވާން:

ރައީސް، އަޅުގަނޑުމެން ޕޮޑްކާސްޓް ފެށި ހިސާބަށް ދާކަމަށްވާނަމަ، މާލޭގެ ވަރަށް މުހިންމު މަގެއް ވަރަށް ފުރިހަމަގޮތަކަށް ތަރައްޤީކުރި ވާހަކައިން އަޅުގަނޑުމެން ފެށީ. އެއާއެކީގައި ސަރުކާރުން ކުރައްވާ ވަރަށް މުހިންމު މަސައްކަތެއް މިއީ، ޕާކިންގގެ މަސައްކަތްތައް ދޮގެއްތޯ؟ ޕާކިންގެ މި ބޮޑު މައްސަލައަށް ފުރިހަމަ ޙައްލެއް ގެނައުމުގެ މައްސަލަ. މި މަސައްކަތަށްޓަކައި ވަފީޤާ، ދާދިފަހުން ސަރުކާރުން މިވަނީ ވަރަށް މުހިންމު ކަމެއް އިޢުލާނު ކުރައްވާފައި. "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އެ ނަމުގައި އޮފީހެއް. ދެން މިއާއެކީގައި، އަޅުގަނޑަށް ހަމަ ފާހަގަކުރެވޭ އިނގޭތޯ މިއީ ދެން ވަރަށް މުހިންމު ބޮޑު މައްސަލައަކަށް ޙައްލު ގެނައުމަށްޓަކައި ކުރެއްވި ކަމެއް. އެހެންނަމަވެސް، މިއާ އެކީގައި ވަރަށް ބޮޑަށް އާންމު އެހެން ކަންކަމަށް ފާޑުނުކިޔާ ވަރަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔުން އައި. މާލެސިޓީ ކައުންސިލާއި، ޓްރެފިކް ފުލުހުންނާއި، މިކަހަލަ ނިޒާމެއްވެސް އޮއްވައި، އަނެއްކާ ވަކިން އޮފީހެއް ޤާއިމުކުރައްވައިގެން ރައީސް ކުރައްވަން މި އުޅުއްވަނީ ކޮންކަމެއްހެއްޔޭ؟ މިއީ އަނެއްކާވެސް ބަޔަކަށް ވަޒީފާ ދިނުމަށް ކުރައްވާ ކަމެކޭ. މިކަހަލަ ދެން އެތައް ތުހުމަތެއް އެބަ ކުރައްވާ. އަޅުގަނޑު ހިތަށްއަރަނީ، ކޮބައިބާއޭ މަނިކުފާނު މި އޮފީސް ޤާއިމުކުރައްވައި، ތިޔަ ފެށްޓެވި މަސައްކަތުގެ އަމާޒަކީ؟ އަދި އިދިކޮޅު ފަރާތްތަކުން އެ ވިދާޅުވާ ވާހަކައާއި، ކުރައްވާ މަސައްކަތުގެ ޙަޤީޤަތާ ކިހާވަރަކަށް ދިމާވޭބާވައޭ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އިދިކޮޅު ފަރާތްތަކުގެ ވާހަކައިގައި ނެތް އެއްވެސްކަހަލަ އަސާސެއް އިނގޭތޯ. އަސާސެއް ނެތް ވާހަކަ މި ދަންނަވާ ސަބަބަކީ، މި އުފެއްދި އޮފީހަކީ، މި ހުރިހާ ތަނެއް ބައިޕާސް ކުރާ އޮފީހެއް ނޫން. މި ފަރާތްތައް މީގައި ބައިވެރިކޮށްގެން ހިނގާ އޮފީހެއް މިއީ. ދެން މިތަނުގެ މުވައްޒަފުންނަކީ މުޅިން އާ މުވައްޒަފުންނެއްވެސް ނޫން. މިހާރު އެކިއެކި އޮފީސްތަކުގައި ތިބި ރިލޭޓަޑް މަސައްކަތްކުރާ މުވައްޒަފުން މިތަނުގައި ގިނަވާނީ އިނގޭތޯ. މަދުބަޔަކު އިތުރަށް ނަގަންޖެހިދާނެ. އެހެންނަމަވެސް، ބޮޑު އަދަދަކީ، މީގައި ގާތްގަނޑަކަށް ހަމަ ސުޕަރ މެޖޯރިޓީއަކީ މިހާރުވެސް ވަޒީފާގައި ތިބި މީހުން އިނގޭތޯ. މުވައްޒަފުން. ދެން މިތަނަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ. ޤާނޫނީ ބާރުވެރިކަމެއް ދޭނަން. އެ މަސައްކަތްތައް އެބަ ހިނގާ. މިއީ ވަން ސްޓޮޕް ސޮލިއުޝަން ސަރވިސް ސޮލިއުޝަން، އެހެންގޮތަކަށް ބުނާނަމަ، ވަން ސްޓޮޕް އޮފީހެއް. މިތަނުން އަޅުގަނޑުމެން ތަންފީޒީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް އިނގޭތޯ، މާލޭގެ ގްރޭޓަރ މާލޭގެ ސަރަޙައްދުގެ ޓްރެފިކާ ގުޅޭގޮތުން، ތަންފީޒީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމަކަށް ފުލް އޮތޯރިޓީ އޮންނާނެ އިނގޭތޯ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެގޮތަށް މިތަން ބައްޓަންވެގެން ދާނީ. މަގުތަކާ ގުޅޭގޮތުން ޓްރެފިކް މެނޭޖްކުރުމުގައި، ޕާކިންގ މެނޭޖްކުރުމުގައި ކުރަންޖެހޭ ހުރިހާ ކަމެއްގެ ފުރިހަމަ ބާރު އަޅުގަނޑު މިތަނަށް ދޭނަން. ހުރިހާ ރިސޯސެއް އިރާދަކުރެއްވިއްޔާ ހަމަޖައްސާނަން. ހަމަޖައްސައިގެން މިކަން އިރާދަކުރެއްވިއްޔާ ޙައްލުކުރުމުގައި އަނެއްކާވެސް ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކީގައި މިއަށް ޙައްލެއް ގެނެވޭނެ ކަމެއް މިއީ އިރާދަކުރެއްވިއްޔާ.

މިސާލަކަށް އަޅުގަނޑު ދަންނަވާލަންޏާ، މަގުތަކުގައި ޕާކުކުރާގޮތާ ބެހޭގޮތުން އަޅުގަނޑު ކުރިން ފާހަގަކުރި ކަންކަންވެސް، އެ ޢަމަލީގޮތުން ތަންފީޒުކުރާނީ މި އޮފީހުގެ ދަށުން އިނގޭތޯ. ޕާކު ކުރާގޮތް، ފިޒިކަލީ ޕާކްކުރުމަށް ގެންނަ ބަދަލުތަކާ، މި ހުރިހާ ކަމަކާއި، ދެންގޮސް ޕާކިން ބިލްޑިންގ އެޅުންވެސް މިހާރު އަޅުގަނޑުމެން މިވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް މާލޭގެ ބައެއް ބިންތައް ހަމަޖައްސައިދީފައި. އެ ތަންތަނުގައި ސަރުކާރުން މި ޢިމާރާތްތައް އަޅަން ވަރަށް އަވަހަށް ފަށާނެ. މާލޭގައި ދެ ޢިމާރާތެއް އަޅާނެ އިނގޭތޯ. އެހެންވީމާ، މި ތަންތަންވެސް ބަލަހައްޓާނީ މި އޮފީހުން. ދެން އިމާރާތް އަޅައި ނިމެންދެންވެސް ކުރަންހުރި ކަންކަން ކުރިއަށްގެންދާނީ މި އޮފީހުގެ ތެރެއިން. އެހެންވީމާ، މީގެތެރޭގައި ޓްރެފިކް ޕޮލިހާއި، ހުރިހާ ފަރާތްތަކެއްވެސް ބައިވެރިވާނެ. އެހެންވީމާ، އަލަށް ގިނަ މުވައްޒަފުންތަކެއް ނަގައި، ޚަރަދު ޑަބަލްކޮށް، ޑުބްލިކޭޓްކޮށް މިކަހަލަ ކަމެއް ނޫން މި ހިނގަނީކީއެއް. މިހާރު ހުރި ރިސޯސް ކުޑަކޮށް ރީއެރޭންޖް ކޮށްލަނީ. ކޮށްލާފައި މަސައްކަތަށް ފޯކަސްޑް ބާރުތަކެއް ދީގެން މި މަސައްކަތް ނަތީޖާ ނެރެވޭނެގޮތަށް ޑެލިވަރ ކުރެވޭނެ ގޮތަކަށް، އަލުން މަސައްކަތް
މި ދެންނެވި ގޮތަށް ބަދަލުކޮށްލަނީ.

އަޙްމަދު ޖަދުވާން:

އާދެ، ވަފީޤާ، އަޅުގަނޑު ހިތަށްއަރާ މިހާރު އޮޅުންއަރައިގެން އުޅުއްވާ ބޭފުޅުންނަށް މިހާރު ހަމަގައިމުވެސް ވަރަށް ބޮޑަށް އޮޅުންފިލައި ސާފުވާނެ ދޮގެއްތޯ؟

ވަފީޤާ ޙާމިދު:

އާދެ، ވަރަށް ބޮޑު ޙައްލެއް ގެނައުމަށްޓަކައި ކުރަމުންދާ މަސައްކަތެއްކަން ދޮގެއްތޯ؟

ދެން އަޅުގަނޑުމެން ދުނިޔެއަށް މިހާރު ބަލައިލާއިރުގައި، ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައި މިވަނީ. ރާއްޖޭގައިވެސް ހަމަ ޑިޖިޓަލައިޒޭޝަނާ ދިމާއަށް ދިޔުމަށް މިސްރާބު މިހުރީ. ބައެއް ތަންތަނުގައި މި ބީދައިން މަސައްކަތްތަކެއް މި ކުރެވެމުން ދަނީ. ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް މިއީ، މޯލްޑިވްސް 2.0 މަޝްރޫޢުއަކީވެސް. މި މަޝްރޫޢު ފުޅާ ދާއިރާއެއްގައި، އަވަސް މުސްތަޤްބަލެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، އިރާދަކުރެއްވިއްޔާ ވަރަށް ބާރަށް ކުރިއަށްދާނެ. މިކަމާ ގުޅޭގޮތުން، ހަދަންޖެހޭ ޤާނޫނުތައް ހެދުމަށްޓަކައި މިހާރުވާނީ މަޖިލީހަށް ފޮނުވާފައި. ދެން ޤާނޫނުގައި އަޅުގަނޑުމެން މި ކަނޑައަޅަނީ ދައުލަތުގެ ހުރިހާ މުއައްސަސާތައް މީގައި ބައިވެރިވާންޖެހޭނެ ކަމަށް އިނގޭތޯ. އެއްވެސް ފަރާތަކަށް މިއިން އޮޕްޓްއައުޓް ނުވެވޭނެ އިނގޭތޯ. ދައުލަތުގެ ހުރިހާ މުއައްސަސާއެއް، ސަރުކާރުގެ ޙިއްޞާއެއް އޮންނަ ކޮންމެ ތަނެއް، ޕަބްލިކް ހުރިހާ އިންސްޓިޓިއުޝަންސްތަކެއް މީގައި ބައިވެރިވާން ޖެހޭނެ. މީގައި ބައިވެރިވާނެ ބޭންކްތަކާ، މި ހުރިހާ ތަނެއްވެސް އިނގޭތޯ. އެހެންވީމާ، މިއިން އިސްތިސްނާވެގެން، ދުރުގައި ނުތިބެވޭނެ އެއްވެސް ފަރާތަކަށް. ހުރިހާ އެންމެން ބައިވެރިވެގެން ޑިޖިޓަލައިޒޭޝަންގެ މި ޕްރޮގްރާމް ކުރިއަށްދާނީ.

ބޭނުމަކީ، މުޅި މުޖުތަމަޢުން ކޮރަޕްޝަންގެ ވަބާ ނައްތައިލުން އެއްކަމަކަށް. އެފިޝަންޓް ޕަބްލިކް ސަރވިސްއެއް، އެފިޝަންޓް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ޑެލިވަރ ކޮށްދިނުން. ދެ ފުށް ފެންނަ ނިޒާމެއް ޤާއިމުކުރުން. އެހެންވީމާ، މިކަންކަން ހާސިލުކުރުމުގައި އެންމެން ބައިވެރިވާންޖެހޭ. ހަމައެއާއެކީގައި، ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލު ފަސޭހަކޮށްދިނުން. އެހެންވީމާ، މި ހުރިހާ ކަމެއް ހާސިލުކުރުމުގައި މިކަން ކުރިއަށް މިގެންދަނީ. ވަރަށް އެމްބިޝަސް ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތް މި ކުރަނީ. އިރާދަކުރެއްވިއްޔާ، ނަތީޖާ ނެރެވޭނެކަމުގެ ޔަޤީންކަން އެބައޮތް.

މިސާލަކަށް، އަޅުގަނޑު އިހަށްދުވަހު މިނިވަންދުވަހު އޮތް ޖަލްސާގައިވެސް ދަންނަވާލިން، 2028 ވަނަ އަހަރުގެ ޖުލައި މަހުގެ 26 އަންނަންވާއިރަށް އިރާދަކުރެއްވިއްޔާ ފުރިހަމަމިނުގައި ތަންފީޒު ކުރެވެމުންދާނެ ކަމަށް. ކުޑަގޮތަކަށް ދަންނަވާލަންޏާ، މިސާލަކަށް، ހެލްތު ސެކްޓަރ އިނގޭތޯ. ހެލްތު ސެކްޓަރއަކީ، އަޅުގަނޑުމެން ކޮންމެ މީހަކާވެސް ގުޅިފައިވާ ސެކްޓަރއެއް. އެހެންވީމާ، އަޅުގަނޑުމެން ކޮންމެ މީހަކަށް މި މޯލްޑިވްސް 2.0 އިޙްސާސްވާނެ އެއްކަމަކަށްވާނެ، ހެލްތު ނިޒާމަށް އަންނަ ބަދަލަކުން. އެހެންނޫންތޯ. އެހެންވީމާ، ޑިޖިޓަލް ހެލްތް ސަރވިސްއެއްގެ ތެރެއިން، އަންނަންޖެހޭ އެކިކަހަލަ ކަންތައްތަކެއް އެބައާދޭ. މީގެ ތަފްޞީލުތައް ކުރިއަށްއޮތް ތާނގައި ހެލްތު މިނިސްޓްރީން އަދި ޓެކްނޮލޮޖީ މިނިސްޓްރީން އިޢުލާނު ކުރަމުންދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ހެލްތު ސެކްޓަރ ޑިޖިޓަލައިޒް ވެގެންދާ ދިޔުން.

ދެން އަނެއްކަމަކީ ހުރިހާ ރައްޔިތުންނާ ގުޅުންހުރި ކަމަކަށްވާނެ. އައި.ޑީ.ކާޑު. އަޅުގަނޑުމެންގެ އަތުގައި އޮންނަ އައި.ޑީ.ކާޑު، ފިޒިކަލް އައި.ޑީ.ކާޑެއް. އެހެންނަމަވެސް، އެ އައި.ޑީ.ކާޑުގެ ބާވަތް ބަދަލުވަނީ ޑިޖިޓަލައިޒްޑް ސްމާޓް އައި.ޑީ.ކާޑަކަށް ބަދަލުވަނީ. އެކަންވެސް އިރާދަކުރެއްވިއްޔާ، ތާވަލުކުރެވިފައި އޮތްގޮތަށް، ކުރިއަށް އޮތް އަހަރެއް، ދޮޅު އަހަރުގެ ތެރޭގައި ހާސިލުވެގެންދާނެ. އެއިން ހަމަ ގާތްގަނޑަކަށް ހުރިހާ ކަމެއް ކުރެވޭކަހަލަ. ޕޭމަންޓް ދެއްކުންވިޔަސް، ހުރިހާ ކަމެއްވެސް ކުރެވޭގޮތަށް މި ބަދަލުތައް އަންނަނީ. އެ ކާޑުން ގިނަ ކަންކަން ކުރެވޭނެ. ތަންތަނަށް ޚިދުމަތް ހޯދަން ދިޔުން ކަމުގައިވިޔަސް، ޚިދުމަތް ލިބިގަތުން ކަމުގައިވިޔަސް، ވާހަކައަކީ ހުރިހާ ކަމެއްގައިވެސް އެ ކާޑުން އެ މީހާގެ އަމިއްލަ ރެކޯޑްސްތައް ބެލެހެއްޓުން ކަމުގައިވިޔަސް، އެ ކުރެވޭގޮތަށް، ފިންގަރ ޕްރިންޓް އިން ބިލްޓް ކާޑެއް މި ތަޢާރުފް ކުރަނީ. އަދި އޭގައި ޗިޕެއްވެސް ލާފައި. އޭގެ ތަފްޞީލުތައް އިޢުލާނު ކުރާނެ ވަރަށް އަވަހަށް.

އެހެންވީމާ، މިކަހަލަ ބައެއް ކަންތައްތައް މި ހާސިލުވަނީ. އޮފީސްތަކުގެ އަރކައިވްގައި މި ހުންނަ ޕޭޕަރ ވަރކްސް އިނގޭތޯ، ވަރަށްގިނަ ކަރުދާސް، މި އެއްޗެހި ޑިޖިޓަލައިޒްޑް ކުރުންވެސް އެއީ، މީގެތެރެއިން އަންނަ ކަމެއް. މީގެ ބޭނުންވެސް ވަރަށް ބޮޑު އިނގޭތޯ. ދެން އެންމެ ފަސޭހަވާނީ، ކައުންސިލްތަކަށް ބަލައިފިއްޔާ. އަޅުގަނޑު ކައުންސިލެއް ހިންގި މީހެއްވީމާ، ތަޖުރިބާއިން ދަންނަވާލާނަން. މާލެސިޓީ ކައުންސިލްގައި އަދި އެހެން ކައުންސިލްތަކުގައިވެސް ހުންނާނެ، ވަރަށް ގިނަ ކުރެހުން އިނގޭތޯ. ހުރެދާނެ މީގެ 100 އަހަރު ކުރީގެ ކުރެހުމެއްވެސް. ކުއްލިއަކަށް ބަލަންޖެހިދާނެ އިނގޭތޯ. މިހާރު ގެއެއްގެ، ނޫނީ އިމާރާތެއްގެ ކުރެހުމެއް ހަދަން ބަދަލެއް ގެންނަންވީ. އެއްކަލަ ކުރެހުން ހޯދަން އެއްކަލަ މުވައްޒަފު މި ދާންޖެހެނީ. ގޮސްފައި، އެ ކުރެހުން ނަގަން ބޮޑެތި ސިންގާ ކުރެހުންތައް، ނޫނީވިއްޔާ މިކަހަލަ އެއްޗެހި ހުންނާނެ. އަތްލާފިއްޔާ އޭގެ ގަނޑުތައް ވީދޭކަހަލަ އެއްޗެހި. އެހެންވީމާ، މި އެއްޗެހި އެންމެ ރައްކާތެރިގޮތަކަށް ޑިޖިޓަލައިޒްޑް ކުރެވި، އެ ނިޒާމު ޤާއިމުކުރެވުނީމާ މުވައްޒަފު އިންނަތާ އިނދެގެން ކޮމްޕިއުޓަރުން އެއްކަލަ ކުރެހުން ހޯދައިލައިގެން އެ ކުރަންޖެހޭ މަސައްކަތް ކޮށްލެވުނީމާ މުވައްޒަފަށްވެސް ފަސޭހަވީ، ޚިދުމަތް ލިބިގަންނަ އާންމު ރައްޔިތަށްވެސް ފަސޭހަވީ. އަވަސްވީ.

އެހެންވީމާ، މިކަހަލަ ގޮތަކަށް ސަރުކާރުގެ ހުރިހާ އޮފީހެއްގައި ހުރި ލިޔެކިޔުންތައް ޑިޖިޓަލައިޒްޑް ކުރެވި، ރައްކާތެރިގޮތުގައި އެ ފިޒިކަލް ލިޔެކިޔުންތައް ރައްކާތެރިކުރެވޭނެ ނިޒާމެއްވެސް ޤާއިމުކުރުން. ދިގުމުއްދަތަށް. އެއާއެކީގައި، ޑިޖިޓަލް އަރކައިވް ބޭނުންކޮށްގެން ޚިދުމަތް ދިނުން. އެހެންވީމާ، އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ މީގެތެރެއިން، ހާސިލުކުރުން ހިމެނިގެން އެބަދޭ.

އެހެންވީމާ، ޚިދުމަތް ދިނުމުގައި މޭޒުގެ މި ފަރާތުގައި ތިބޭ މުވައްޒަފުންނަށް ފަސޭހަވުމާއި، ޚިދުމަތް ލިބިގަންނަ ރައްޔިތުންނަށް ފަސޭހަވުމާއި، މީގެތެރެއަށް ކޮންމެ ފަހަރަކު ކޮންމެ ސްޓޭޖެއްގައި އަމިއްލައަށް ކަމެއްކުރަން އޮންނަ އޮތުން ބަދަލުވެ، އޮޓޮމޭޓްވީމާ އެއްކަލަ ކޮރަޕްޝަން ހިންގަން އޮންނަ ފުރުޞަތުތައް ގެއްލިގެން ދިޔުމާއި، މި ހުރިހާ ކަމެއް ހާސިލުވެގެންދާ ނިޒާމެއްގެ ވާހަކަ މި ދައްކަނީ. ދެން މިކަން ވަންދެން އިދިކޮޅު މީހުންވެސް ކިޔާނެ، މިކަމެއް ނުވާނެއޭ. ދެން އަޅުގަނޑަށް ރަނގަޅީވެސް އެހެން ކިއިއްޔާ ބޮޑަށް.

އަޙްމަދު ޖަދުވާން:

ވަފީޤާ، ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ޒުވާނުންގެ ވާހަކަ ވަރަށް ގިނައިން ފާހަގަކުރައްވައިފި ދޮގެއްތޯ؟ އަޅުގަނޑު ހަނދާންވަނީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކެމްޕެއިން ކުރެއްވި ދުވަސްވަރު، ފެންނާނެ ޒުވާނުންގެ ބައެއް ވީޑިޔޯތަކަށާއި ރީލްތަކަށް ރައީސް އަރާވަޑައިގެން ދޮގެއްތޯ، ޒުވާނުންނާއެކީ ވަރަށް ވަގުތު ހޭދަކުރެއްވި ތަން. ބައެއް ވަޢުދުތައްވެސް ޒުވާނުންނަށް ވެވަޑައިގެންނެވި. މިހާރު ބައެއް ވަޢުދުތައް ފުއްދަވައިފި. އަނެއްބައި ވަޢުދުތަކުގެ މަސައްކަތް އެދަނީ ކުރިއަށް. އަޅުގަނޑު ހަމަ ހިތަށްއަރާ ރައީސް، މަނިކުފާނު ޒުވާނުންނާ ގުޅޭ ކަންތައްތަކުގެ ވާހަކަ ކޮންމެ މިކަހަލަ ބޮޑު މުނާސަބަތެއްގައި އެބަ އާކުރައްވަމުއޭ. އަނެއްކާވެސް ހަމަ ޒުވާނުންނާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތައް ކުރިއަށް ގެންދަވާ ވާހަކައާއި، އިތުރު ފުރުޞަތުތައް ހޯއްދަވައި ދެއްވާނެކަމުގެ ވާހަކަފުޅުތައް ތިޔަ ވިދާޅުވެލެއްވީ.

އަޅުގަނޑު ހިތަށްއަރަނީ މުޅި ރާއްޖެއަށް ބަލާއިރުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް އެކިކަހަލަ ތަފާތު މައްސަލަތައް އެބަހުރި ދިމާވެފައި. ދެން މަނިކުފާނަށް ވަރަށް ރަނގަޅަށް މިކަން އެނގިވަޑައިގަންނަވާނެ. ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން، ޒުވާނުންގެ މި މައްސަލަތައް ނޯޓުކުރައްވައި، އެކަންކަމުގެ ވާހަކަ ކެމްޕެއިން ސްޕީޗްތަކުގައިވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މިހާތަނަށް ދެއްވި ވަރަށްގިނަ ތަޤްރީރުތަކުގައިވެސް ވިދާޅުވެލެއްވި. ކޮބައިތޯ މިނިވަންދުވަހުގެ މި ރަސްމީ ޖަލްސާގައި ތިޔަ ވިދާޅުވި ކަންތައްތަކާ އެކީގައި ޒުވާނުންނަށް ކޮންކަހަލަ ފުރުޞަތުތަކެއްތޯ އުންމީދުތަކެއްތޯ އޮތީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

އާދެ، ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ އަޅުގަނޑު ދެއްކީ. އެއީ، ޤައުމު ހިންގުމުގެ ނިޒާމުގައި ބައިވެރިވުމުގެ މިނިވަންކަން ޒުވާނުންނަށް އޮންނަންޖެހޭނެއޭ. ޤައުމުގެ ކަންކަމުގައި ބަސް ބުނުމުގެ މިނިވަންކަން އޮންނަންޖެހޭނެއޭ. އެހެންވީމާ، އެކަން ކޮށްދޭނަމޭ އަޅުގަނޑު ދެންނެވީ. ދެން އޭގެތެރެއިން އެއްކަމަކީ ޔޫތު ޕާލަމަންޓް އުފެއްދުން. ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތު އިރާދަކުރެއްވިއްޔާ. ދެން ކުރީގައި އެކި ސިފަސިފައިގައި މިކަން ކުރި އިނގޭތޯ. އެހެންނަމަވެސް، އަޅުގަނޑުގެ ވިސްނުން މިހުރީ އެގޮތަކަށް ނޫން. އެއަށްވުރެ މާ ދާއިމީގޮތަކަށް މިކަން ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން. 93 ދާއިރާ އޮންނައިރުގައި، ކޮންމެ ދާއިރާއެއްގެ ޒުވާނުންގެ ރެޕްރެޒެންޓޭޓިވްއެއް، ޒުވާނުން ވޯޓުލައިގެން ހޮވުން އިނގޭތޯ. ދެން އެ އޭޖް ކެޓަގަރީއާ މި އެއްޗެތި ދެން ފަހުން ތަފްޞީލުކުރާނީ. ދެން ޔޫތު ޕާލަމަންޓް މީޓްކުރާނެ ގޮތާ، މި ހުރިހާ ކަމެއްގެ ތަފްޞީލުވެސް ފަހުން އަންނާނެ. އަޅުގަނޑުގެ ޚިޔާލުގައި ހުރީ، ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާނެ، އެ ބޭފުޅުންގެ ކޮންމެ ދައުރެއް ނިންމާފައި. މިސާލަކަށް، އެ ޗުއްޓީގެ މުއްދަތުގައި ޒުވާނުންގެ ޕާލަމަންޓް އޮޕަރޭޓް ކުރާނީ އިނގޭތޯ. މިއީ އަޅުގަނޑުގެ ޚިޔާލެއް. އެހެންނަމަވެސް، އެއީ މަޝްވަރާގެ ތެރެއިން ނިންމޭނެ ކަންކަން. އެހެންވީމާ، ޔޫތު ޕާލަމަންޓެއް އުފައްދައި، ޤައުމުގެ ކަންކަމަށް އެ ޒުވާނުންގެ އެކިކަހަލަ މަޝްވަރާތަކާއި ޚިޔާލުތަކާ އެއްޗެހި ހުށަހެޅި، މިކަހަލަ ކަންތައް ހިންގުމުގެ ނިޒާމެއް ޤާއިމުކޮށްދިނުން އިނގޭތޯ.

ދެން އޭގެ އިތުރަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޤާނޫނަކުން ކަނޑައަޅައިގެން ވަކި ކޯޓާއެއް ކަނޑައެޅުން. އެއީ، ޤާނޫނުތަކަށް ގެންނަންޖެހޭ، ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލެއް. ޒުވާނުން، ދެން އަންހެން ބޭފުޅުންވެސް ހިމެނޭހެން ވަކި އިންސައްތައެއް މަޖުބޫރު. ދެން މިކަމާ ގުޅިގެން އަޅުގަނޑަށް އެބައާދޭ އެކިކަހަލަ ކޮމެންޓްސް އިނގޭތޯ. ކީއްކުރަން ކުރާ ކަމެއްހޭ، މިހާރުވެސް އެބައޮތޭ ހަމަހަމަ ފުރުޞަތު. ތެދެއް. ލިޔެކިޔުމުގައި ހަމަހަމަ ފުރުޞަތު. ޒުވާނުން ނުވަތަ އަންހެން ބޭފުޅުން ކުރިމަތިލާ. ކުރިމަތިލީމާ އެކަމަކު ވޯޓު ލިބޭގޮތުގައި މި ފަރާތްތައް ބާކީ އެބަވޭ. ވަރަށް މަދުފަހަރަކު އަދި އަމުދުން އަންހެނަކު ހޮވޭނީ އިނގޭތޯ. ވަރަށްމަދު ފަހަރަކު. ދެން ޕާޓީ ނިޒާމުގެ ތެރެއިން ފުރުޞަތު ދޭންވީނޫންހޭ، ޓިކެޓް ދޭންވީ ނޫންހޭ، ޕާޓީ ނިޒާމުގެ ތެރެއިންވެސް ކުރިމަތިލައިގެން އަޅުގަނޑު މިކަމުގައި އިންސެންޓިވްވެސް ދިނިން އިނގޭތޯ. އަޅުގަނޑު ހުށަހެޅިން ޕާޓީގެ ނިޒާމުގެ ތެރެއިން ހޮވޭ އެމް.ޕީންނަށް އަޅުގަނޑުމެން ދޭނަމޭ އިތުރު މުސާރައެއްވެސް. އެކަމަކުވެސް ހަމަ ޕާޓީ ނިޒާމުގެ ތެރެއިންވެސް ހޮވޭގޮތެއް ނުވެއޭ. އެހެންވީމާ، އޭގައި އެއަށްވުރެ ބޮޑެތި ކަންތައްތަކެއް އަންނަންޖެހޭ ކަމެކޭ މިއީ. ސީދާ ދައުލަތުގެ ލެވެލްގައި މަޖިލިސްގެ ކޯޓާގެ ތެރެއިން ވަކި އަދަދެއް އެއީ އަންހެނުންނަށް، ވަކި އަދަދެއް އެއީ ޒުވާނުންނަށް ކަނޑައަޅަންޖެހެއޭ. ކަނޑައެޅީމާ ދެން އެއީ ރޮޓޭޓްވާ އެއްޗަކަށް ހެދިދާނެ. މިސާލަކަށް، މިހާރު ކައުންސިލްތައްވެސް މި އަންހެން ގޮނޑި ބަދަލުވާގޮތަށް ހަމަ ކޮންމެ ފަހަރަކު މި ގުރުއަތުލައިގެން މިއިން ކޮންމެ ދައުރެއްގައި، ކޮން ދާއިރާތަކެއްތޯ ޒުވާނުންނަށް، ކޮން ދާއިރާތަކެއްތޯ އަންހެނުންނަށް. މިހެން ބަދަލުވާ އެއްޗަކަށް ހެދޭނެކަންނޭނގެ. އެހެންވީމާ، މި ތަފްޞީލުތަކަކީ މަޖިލިސް ތެރޭގައި، ދެން ބަހުސްގެ ތެރެއިން އެ ބޭފުޅުން ނިންމަވާނެ ކަމެއް.

އެހެންވީމާ، މިކަހަލަ ގޮތަކަށް ޒުވާނުންނާއި، އަންހެނުން ޤައުމުގެ ކަންކަމުގައި ބަސް ބުނެވޭނެ ގޮތް، ނިޒާމުގެ ތެރޭގައި ބިލްޓްކޮށް، ކަށަވަރުކަމާއެކީގައި ކަނޑައަޅަން އެބަޖެހޭ. އެއީ މިހެން ދައްކާލާ ވާހަކައަކަށް ވެގެންނުވާނެ. ޙަޤީޤީ މާނައިގައި އިޚްލާޞްތެރިކަމާ އެކީގައި އެބަޖެހޭ މިކަންކަން ކުރަން. އެކަން ކުރާ ވާހަކަ، އެ މިނިވަންކަންދޭ ވާހަކަ އަޅުގަނޑު އެ ދުވަހު ދެއްކީ.

ވަފީޤާ ޙާމިދު:

އާދެ، ދެން ރައީސް ތިޔަ ވާހަކަފުޅުތައް ހިއްސާކުރެއްވީމާ، ދެން ހަމަ މިއާއެކީގައި ސިޔާސީ ބައެއް ކަންތައްތަކަށް އަޅުގަނޑުމެން ޖެހިލާއިރުގައި، ޕީ.އެން.ސީ.ގެ އެތެރޭގެ އިންތިޚާބު ދާދިފަހުން މިވަނީ ބާއްވާފައި. އިންތިޚާބު ބާއްވައި، ޕާޓީގެ ބައެއް ގުނަންތައް ތަރުތީބު ކޮށްފައި މިވަނީ.

އަޙްމަދު ޖަދުވާން:

ދެން އަނެއްކާ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީތާ ދޮގެއްތޯ. ހަމަގައިމުވެސް ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގެ މަސައްކަތުގައި، ޕީ.އެން.ސީ.ގެ ދައުރެއ ނެތި ކުރިއަކަށް ނުއެއްދާނެ މިވަގުތު އެހެންނޫންތޯ؟

ވަފީޤާ ޙާމިދު:

ދެން މި އިންތިޚާބާ އެކީގައި ކިހިނެއްތޯ ރައީސަށް، ރައީސްގެ ސިޔާސީ މަސައްކަތްޕުޅަށް އަންނާނެ އިތުރު ހަރުދަނާކަމަކީ؟ އަދި ޕާޓީގެ ސިޔާސީ މަސައްކަތްތަކުގެ ކުރިމަގު ފެނިވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:

މިއީ ހަމަ ޕީ.އެން.ސީ.ގެ ސިޔާސީ މަސައްކަތްތަކުގެ ބިންގާ އިރާދަކުރެއްވީތީ، މި އެޅީ އިނގޭތޯ. މިހާތަނަށް އައިއިރުގައި، ޕީ.އެން.ސީ. ސަރުކާރު އުފެދިގެން އައިއިރުގައި އޮތީ ތިންހާހެއްހާ މެންބަރުންގެ ޕާޓީއެއްގެ ގޮތުގައި. ދެން އަޅުގަނޑުމެން އެންމެން ކުރި މަސައްކަތުން މިހާރު މިއޮތީ ގާތްގަނޑަކަށް ފަސްދޮޅަސްހާހާއި ހަތްދިހަހާހާ ހަމައަށް ގޮސްފައި. ދެން ޕާޓީގެ ހުރިހާ ގުނަވަންތައް، ރަށްރަށުގެ މި ދެންނެވީ ސްޓިއަރިންގ ކޮމިޓީތައް، އިންތިޚާބު މިކުރީ އިނގޭތޯ. ދާއިރާތަކުގެ ރައީސުން، ނައިބު ރައީސުން ކަނޑައަޅަންޖެހޭ ތަންތަނުގައި އިންތިޚާބުކޮށްގެން މިހާރު މި ޑިމޮކްރެޓިކް ޕްރޮސެސްގެ ތެރެއިން އެތިބީ މިހާރު އިލެކްޓަޑް މީހުން ހޮވިފައި. އެހެންވީމާ، މިއީ ފެށުން. ދެން މިއާއެކީގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ސެޕްޓެންބަރު މަސް ތެރޭގައި، ސެޕްޓެންބަރު މަހުގެ މެދެއްހާ ހިސާބުގައި މި އޮންނަނީ ޕާޓީގެ ކޮންގްރެސް. ނޫނީވިއްޔާ އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނާގޮތުން މަތީ މަޖިލިސް. އެހެންވީމާ، ޕާޓީގެ މަތީ މަޖިލީހުގައި ދެން އޮންނާނީ އެކިއެކި މަގާމުތައް ހޮވުން. އަންހެނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް މިކަހަލަ މަގާމު. ޒުވާނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް އަދި އެހެން މަގާމުތައް. ޕާޓީގެ މެންބަރުންގެ މަޖިލިސް، ނޫނީވިއްޔާ އާންމުކޮށް ކިޔާގޮތުން ސެނެޓް، ނޫނިއްޔާ މެންބަރުންގެ މަޖިލީހަށް ވަކި އަދަދަކަށް މެންބަރުން ހޮވުން. ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި އަދި ބައެއް އެހެން މަގާމުތަކަށް މީހުން ހޮވުން. އެހެންގޮސް ޕާޓީގެ ސްޓްރަކްޗަރ އަޞްލުގައި މި އޮންނަނީ ކަނޑައެޅުން ކޮންގްރެސްގައި.

އެހެންވީމާ، މިޕާޓީގެ އިންޓަރނަލް ޑިމޮކްރަސީ ވަރުގަދަކޮށް، މި ޕާޓީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފައްކާވެފައި އޮތް ޕާޓީއެއްގެ ގޮތުގައި، ޒުވާނުންނާއި އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮތް ޕާޓީއެއްގެ ގޮތުގައި ބައްޓަންކުރުމުގެ މަސައްކަތް މި ކުރަނީ އިރާދަކުރެއްވިއްޔާ. އެހެންވީމާ، އެއީ ޕާޓީ ނިޒާމުގެ ތެރެއިން ބަލާއިރުގައި، ކޮންމެ ޕާޓީއެއްގައިވެސް އެކަން އޮންނަންޖެހޭނެ ގޮތް. އެހެންވީމާ، އަޅުގަނޑުމެންނަކީ މިގޮތުގައި ލީޑަރޝިޕް ދައްކައި، މިސާލު ދައްކާ ބައެއްގެ ގޮތުގައި ވާން ބޭނުންވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ކޮންގްރެސް ވެގެންދާނީ، ވަރަށް ފުރިހަމަ، ވަރަށް ކާމިޔާބުކަމާއެކީގައި ރާއްޖޭގެ އިންޓަރނަލް ޑިމޮކްރަސީ އެންމެ ފުރިހަމަގޮތުގައި ފެނިގެންދާނެ ކޮންގްރެސްއަށް.

އަޙްމަދު ޖަދުވާން:

ވަފީޤާ، ޕޮޑްކާސްޓް ނިމުމަކަށް އައީ އިނގޭތޯ.

ވަފީޤާ ޙާމިދު:

އާދެ، ރައީސް ޙިއްޞާ ކުރެއްވީ، ރައްޔިތުންނާ ގުޅުންހުރި، ވަރަށް މުހިންމު، ވަރަށް އުންމީދީ ވާހަކަފުޅުތަކެއް ދޮގެއްތޯ؟

އަޙްމަދު ޖަދުވާން:

އާދެ. ރައީސް ވަރަށް ގިނަ ވަގުތު އަޅުގަނޑުމެންނަށް ތިޔަ ދެއްވީ. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޚާއްޞަކޮށް، ތިޔަ ވިދާޅުވެދެއްވި ވާހަކަފުޅާ އެކީގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް، ރައްޔިތުންގެ އުފާފާގަތިކަމަށް ވަރަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ އެބައޮތް އިނގޭތޯ. އަޅުގަނޑުމެން އެދެނީ، މަނިކުފާނުގެ މަސައްކަތްޕުޅަށް ހަމަ ކާމިޔާބީ އިނގޭތޯ.

އާދެ، ނޭޝަނަލް ޗެޓްގެ މި ޕްރޮގްރާމްގައިވެސް ތިޔަބޭފުޅުންނަށް ވަރަށް ބޭނުންތެރި، ޝައުޤުވެރި މުހިންމު މަޢުލޫމާތުތަކެއް ލިބުނު ކަމަށް އަޅުގަނޑު ޔަޤީންކުރަން. ޚާއްޞަގޮތެއްގައި ރައީސްގެ ވާހަކަފުޅާ އެކީގައި، ރައްޔިތުންނަށް އުންމީދު އާވެގެންދިޔަ، ގިނަ ޖަވާބުތަކެއް ލިބިވަޑައިގެންނެވި ކަމަށް އުންމީދުކުރަން. ނޭޝަނަލް ޗެޓްގެ މި ޕޮޑްކާސްޓްގެ އާ ސިލްސިލާއަކާ އެކީގައި ބައްދަލުކޮށްލުމުގެ އުންމީދުގައި ވަކިވެލާނަން. ބާއްޖަވެރި ރައްކާތެރި އަމާން ދުވަހަކަށް އެދެން.

ވަފީޤާ ޙާމިދު:

وَالسَّلَامُ عَلَيْكُمْ.