4 ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން، އަންހެން އަދި ފިރިހެން ހަތަރެއް ގުނަ ސަތޭކަ މީޓަރު ރިލޭއިން ރަންވަންލޯ މެޑަލް (ބްރޯންޒް މެޑަލް) ޙާޞިލްކޮށް، ޤައުމަށް ހޯދައިދިން ރީތިނަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މަރުޙަބާ ވިދާޅުވީ މިރޭ މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ދިވެހި ޒުވާން އެތުލީޓުން ބްރޯންޒް މެޑަލް ޙާޞިލްކޮށް، ދެއްކި ހުނަރާ ހިތްވަރަށް ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ ހާމަކުރައްވާ ސާބަސް ދެއްވައިފައެވެ.

ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ އިންޑިއާގެ ޗެންނާއީގައި މިމަހުގެ 11އިން 13އަށެވެ. މި މުބާރާތުގައި ދިވެހި ޒުވާން އެތުލެޓިކްސް ޓީމުން، އަންހެން އަދި ފިރިހެން 100 މީޓަރު ރިލޭއިން ރަންވަންލޯ މެޑަލް ހޯދީ ރާއްޖޭގެ ޖޫނިއަރ އުމުރުފުރާގެ އައު ރެކޯޑަކާއިއެކުއެވެ.

މި ފަހަރުގެ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ.