މަތީ ޘާނަވީއާއި، ޘާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމަށް މިއަދު ކުރިއަށްދިޔަ 2022 – 2023 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގެ ހުރިހާ ދަންފަޅިތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވަވައިފިއެވެ. މިއީ މި ރަސްމިއްޔާތުގެ 3 ދަންފަޅިވެސް (ހެނދުނު، މެންދުރުފަސް، ރޭގަނޑުގެ ދަންފަޅިވެސް) ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވާ ފުރަތަމަ ފަހަރުކަމުގައި ވާތީ މިއީ މިރަސްމިއްޔާތަށް ލިބިގެންދާ ވަރަށް ފުރިހަމަކަމަކާ ޚާއްޞަކަމެކެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި މި ރަސްމިޔާތުގެ ތިންވަނަ ދަންފަޅީގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ޤައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިފަހަރު އިނާމު ލިބޭ 441 ދަރިވަރުންނަށް ޤައުމީ ފެންވަރުގައި ޝަރަފްދިނުމަށް މިއަދު ހެނދުނުން ފެށިގެން މިރެއާ ހަމަޔަށް ކުރިއަށްދާ 3 ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަކީ، ތަޢުލީމަށް އަދި ޒުވާން ދަރިވަރުންގެ ކުރިއެރުމަށާއި ފާގަތިކަމަށް އެމަނިކުފާނު ދެއްވާ އަހައަމިއްޔަތުގެ ހެއްކެކެވެ.

މީގެ ކުރީގެ އަހަރުތަކުގައި މި ރަސްމިއްޔާތު ބާއްވަމުން އައީ، ސަރުކާރުގެ ނުވަތަ އަމިއްލަ ބޮޑެތި ކުންފުނިތަކުން ސްޕޮންސަރކޮށްގެންނެވެ. އަދި ދަރިވަރުންނަށް ވެސް ސްޕޮންސަރުންގެ އަތުން އިނާމު ހޯދައިގެންނެވެ. ނަމަވެސް މިކަމަކީ ސީދާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ވަރަށް ރަނގަޅު ފެންވަރުގައި ކުރިއަށްދާ ރަސްމިއްޔާތެއްގެ ގޮތުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަހަރު ހަމަޖައްސަވާފައެވެ. އަދި ވަނަތަކަށް ހޮވި އިނާމު ލިބޭ ދަރިވަރުންނަށްވެސް، ސީދާ ސަރުކާރުގެ ފަރާތުން ރަނގަޅު ފެންވަރުގެ އަދި ދަރިވަރުންނަށް ބޭނުންވާނެ އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުޝާދުދެއްވާފައެވެ.

ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީ، ކޮންމެ ދަރިވަރަކަށް އިސްލާމްދީނާ، ރިވެތި އަޚްލާޤާ، ޤައުމިއްޔަތު އުނގަންނައިދީ، ހަރުދަނާ ދިވެހި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުންނެވެ.