ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ރަށު ތަރައްޤީގެ ބޭނުންތަކާއި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު އުތީމު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އުތީމު ކައުންސިލުން ވަނީ، ރަށު ބަނދަރާއި ބަންޑާރަ މިސްކިތުގެ މަސައްކަތް އަވަސް ފުރުސަތެއްގައި ފެށިގެން ދިއުމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައެވެ. ކައުންސިލް މެންބަރުން ވަނީ ސްޓޭޓް ހައުސްގެ މަސައްކަތުގެ އަދާހަމަ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޮޅުންފިލުއްވައި، ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ އިތުރުން ރަށު ކައުންސިލް އިދާރާގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ރަށު ޞިއްޙީ މަރުކަޒުގައި ނަރުހުންގެ ޢަދަދު މަދުކަމަށާއި މުވައްޒަފުންގެ ދަތިކަން އޮތް މިންވަރު މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ޖުމްލަ ގޮތެއްގައި ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އުތީމުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައެވެ.