ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ޓޭބަލް ޓެނިސް، އަންހެން ސިންގަލްސް ޕްރިލިމިނަރީ ބުރުގެ މެޗުގައި ރާއްޖޭގެ ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީއަށް ހިއްވަރު ދެއްވުމުގެ ގޮތުން އެ މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

ޕެރިސް 2024 އޮލިމްޕިކްސްގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފްރާންސަށް ކުރައްވާ މި ދަތުރުފުޅަކީ ފްރާންސް ސަރުކާރާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ފާޠިމަތު ދީމާ ޢަލީ ވަނީ ސައުތު އޭޝިއާ ސަރަހައްދުގެ ޓޭބަލް ޓެނިސް ފައިނަލް ކާމިޔާބުކޮށް އޮލިމްޕިކްސްއަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓުގެ ލަގަބު ހޯދާފައެވެ. ދީމާ ޢަލީ ކުޅޭ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޕޮލެންޑްގެ ވެގްރޒިން ކަޓަޒީނާއާ އެވެ.